ރާއްޖޭގައި މިހާރު އުފެދިފައި އޮތް ސިޔާސީ ކަޅު ވިލާތަކުގެ ތެރޭގައި ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި ބައެއް ސިފައިންނާއި ބާރުގަދަ ވަޒީފާތަކުގައި ގަދަކޮށް އުޅުއްވި ބައެއް ބޭފުޅުނަނަށް އިރު އޮއްސި ރާއްޖެ ތަޖުރިބާކުރަން ޖެހިފައިވާ ހަލަބޮލި ސިޔާސީ މި މޫސުމުގައި ވެސް "އީދު އައިސްގެން" އުޅުއްވާ ފަދަ ގޮތަކަށް އުފާފާޅުކުރައްވަމުން ގެންދަވާ އެއް ބޭފުޅަކު އެބަހުއްޓެވެ.
އެއީ ރައީސް އަބްދުﷲ ޔާމީންގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން ދުރުކުރެވުނު ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. އެމަނިކުފާނަކީ އެންމެ ފަހުން ފާހަގަކުރި އީދާއެކު ޖެހި ފެނާއި އެރުވި ހަވާ އާއި ބޭއްވި މިއުޒިކް ޝޯއެއްގައި ބައިވެރިވެ ވަޑައިގެން އުފާފާޅުކުރެއްވި ބޭފުޅެއް ނޫނެވެ. ނައިބު ރައީސްކަން ގެއްލި ވަޑައިގެންފާނެ ކަން ޔަގީން ކުރެއްވުނު ހިސާބުން އިނގިރޭސިވިލާތަށް ވަޑައިގެން އަމިއްލަފުޅަށް އަރުވާލެއްވުނު ޖަމީލު އިހަށް ދުވަހާ ޖެހެންދެން ހުންނެވީ އަނގަމަތީގައި މަލަން އަޅުއްވައިގެނެވެ. އޭގެ ކުރިޔަށް ޖެހިލާއިރުވެސް ވަކި ހިސާބަކުން ފެށިގެން ޖަމީލް އޮންނެވީ "އަވަހާރަފުޅު ލައްޕަވައިގެން" ނެވެ.
އެކަމަކު މިއަދު އެހެން ހެއްޔެވެ؟ ނޫނެކެވެ.
ރާއްޖޭގެ ސިޔާސީ މައިދާނަށް އަނދިރިކަންވެރިވެފައިވީ ނަމަވެސް ޖަމީލުގެ "މޫސުމް" މި ދުވަސްކޮޅު ވަރަށް އައްޔެވެ. ރިއާސީ ލޯންޗު "ފިނިފެންމާ" ގައި ގޮއްވާލި ބޮމުގެ ގަދަ އަޑަށް، ސިޔާސީ ނިދީގެ ދާނުން ތެދުވެ ވަޑައިގެންނެވި ޖަމީލު މިހާރު ފެންނަނީ "ސިޔާސީ ޕާޓީކުރެއްވުމެއްގައި" އެ ބޭފުޅާގެ ރެއާއިދުވާލު ދުއްވާލާތަނެވެ.
އެއްކަމެއް ޔަގީނެވެ؛ ޖަމީލުގެ އަޑު އިހެކޭ އެއްވަރަށް ގަދަވެއްޖެ އެވެ. އޮންނެވި ގަދަ އަވަހާރަފުޅުން ތެދުވެވަޑައިގެންފި އެވެ. މި ބޮމުގެ އަޑުކެނޑި ވައިބްރޭޝަން ފިލައި ނުދަނީސް ޖަމީލްގެ ލޯފުޅަށް ދެން ނިދި އަތުވެދާނެ ކަމަކަށް މިހާރު ނުބެލެވެ އެވެ.
ވެގެން އުޅޭ ގޮތް ވަރަށް ވެސް ސާފެވެ؛ ނައިބު ރައީސްކަމުން ނަގައި އިނގިރޭސީ ވިލާތަށް "ހޫރާލެއްވު" މުގައި އިސްކޮށް ހުންނެވި ގަދަފަަ "ބޮޑު" ވަޒީރު، އަހުމަދު އަދީބަށް ނައިބު ރައީސްކަން ލިބިވަޑައިގެންނެވިތާ މަސްތަކެއް ނުވަނީސް "ގަދަކަނޑެއްގައި ޖެހިވަޑައިގެން" ފައިވާތީ ޖަމީލް ގާތަށް ހިނި އައީ އެވެ.
"ހަމަ ހިނި އަންނަނީ،" ރާއްޖޭގެ ސިޔާސީ މައިދާނުގެ އެތަން މިތަނުގައި ގޮވަމުންދާ "ހަވާ" ގެ ކުޅިވަރުތައް އިނގިރޭސި ވިލާތުގައި ހުންނަވައިގެން ކައިރިން ބައްލަވަމުން ގެންދަވާ ޖަމީލު ދުވާލުގެ ހަތަރު ދަޅައަށްހެން ކުރައްވަމުން ގެންދަވާ ޓްވީޓްތަކާއި އަޕްޑޭޓް ކުރައްވަމުން ގެންދަވާ ފޭސްބުކް ސްޓެޓަސް ތަކުގައި ނައިބު ރައީސް އަދީބަށް ތީރު އުއްކަވަމުން ގެންދަވަ އެވެ. ނޫސްވެެރިން އެއިން އެންޓަޓެއިން ކުރާތީ ޖަމީލް ފުލުފުގައި ވެސް ޓްވީޓް ކުރައްވަ އެވެ.
ޖަމީލްގެ ޓްވީޓްތަކާއި ރަސްމީ ފޭސްބުކު ޕޭޖުގެ ސްޓެޓަސްތަކަށް ބަލައިލާއިރު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މި ދުވަސްކޮޅަކީ އޭނާގެ ހަޔާތްޕުޅުގެ އެންމެ އުފާވެރި ދުވަސްތައް ގުނަމުން ގެންދާ ދުވަސްވަރު ކަމެވެ. -- ވަަރަށް ފަހުން އެ ވަނީ އިތުރު ކައިވެންޏެއް ވެސް ބައްލަވައިގެންފައިވާ ކަމަށް ވެސް ބުނެވެ އެވެ. -- ރާއްޖެ އަށް ސިޔާސީ ހިލައިގެ ވާރޭ ވެހުނަސް ޖަމީލު އުފާފާޅުކުރައްވަމުން ގެންދަވަނީ ދެ އީދު އެއްފަހަރާ އައިސްގެން ކަމަށް ވެދާނެ އެވެ.
ޖަމީލް ގެންދަވަނީ އަދީބަށް އަދި ރާއްޖޭގެ ސިޔާސީ މައިދާނުގައި ތިއްބެވި އެ ބޭފުޅާގެ "ހަތުރުން" ނަށް ހަމަލާ ދެއްވައިގެން ހޯއްދެވެން އޮތް އަރާމެއް ހޯއްދަވަމުންނެވެ. އެގޮތުން ސަރުކާރުގެ އިސްވެރިންނަށް ދިމާވަމުންދާ ބަދުނަސީބުގެ ވާހަކަތައް ނޫސްތަކުން ވިދާޅުވެ ތަކުރާރުކޮށް އެ ބޭފުޅުންނަށް މަލާމާތްކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލެވެ އެވެ މި ހަމަލާތަކުގައި ވެސް އެންމެ ބޮޑު އަމާޒަކަށް ހައްދަވާފައި ވަނީ އަދީބެވެ. ކުރިން ވެސް މި ދެބޭފުޅުންނަކީ އެއްގޮތަކަށް ވެސް ސިޔާސީ ގޮތުން އެއް ގޮނޑިއަކަށް ފިޓްވެ ވަޑައިގެންނެވި ދެ ބޭފުޅުންނަށް ނުވާތީ ކަމަށް ބެލެވެ އެވެ.
ޒުވާން ނައިބު ރައީސް އަދީބުގެ ސިޔާސީ ކެރިއަރަށް ވެރިވަމުންދާ އަނދިރިކަން ވަރަށް ގާތުން ބައްލަވަމުން ހަމަލާތައް އަމާޒުކުރައްވަމުން ގެންދަވާއިރު "ޒާތީ ޓާގެޓްތަކަށް" ވެސް ހަމަލާތައް ދެއްވަމުން ގެންދަވާކަން ފާހަގަކޮށްލެވެ އެވެ. މިސާލަކަށް މިހެންނެވެ؛
ސިޔާސީ މައިދާނުގައި ކަތިލަން ތައްޔާރުކޮށްފައި ހުރި ކުކުޅެއްގެ ދަރަޖަށް މިއަދު ވެއްޓިވަޑައިގެންފައިވާ ކަމަށް އަދީބު މިފަހުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވުމުން އެއަށް ރައްދު ދެއްވަމުން ޖަމީލު ވިދާޅުވެފައި ވަނީ "ތިކަން ކުރަން ޖެހޭނީ ތަޖުވީދަށް ރަނގަޅަށް ކިޔަވާފައި" ކަމަށެވެ.
މިއީ އަދީބާއި ޖަމީލާ ދެމެދު ރޯވެފައި އޮންނަ ޒާތީ ހަސަދަގަނޑެއްގެ ކުލަޖެހިގެން ލަންޑަނުން އުދުއްސާލި ރޮކެޓެކެވެ. އެއީ ޖަމީލުގެ މަޚުރަޖަށް ހަޖޫ ޖައްސަވައި އަދީބު މީގެ ކުރިން އެކިގޮތްގޮތަށް ވާހަކަ ދައްކަވާފައިވާތީ އެވެ.
ޖަޒުބާތުގައި ޖެހިވަޑައިގެން ޖަމީލު، އަދީބަށް ދެއްވަމުން ގެންދަވާ އެހެން ބައެއް ހަމަލާތަކަށް ވެސް ބަލާލަމާ ހިނގާށެވެ.
"މުރާލިކަމާއި ހީވާގިކަމާއި ޒުވާނުންގެ ވިސްނުމަށް މަސައްކަތް ކުރަނިކޮށް މިހެން ހަދަން ވާނެބާ؟،" މިއީ އެމްއެމްޕީއާރްސީ ބަންދުކުރުމުން އަދީބަށް ޖަމީލުކޮށްލެއްވި މަލާމާތެކެވެ.
"އެންމެ ފުރަތަމަ ދުވަހުން ފެށިގެން އޭނާ އަކީ ވެރިކަމަށް ފެންބޮވައިގެންފައި ހުރި މީހެއް،" ޖަމީލް ވިދާޅުވެފައިވެ އެވެ.
އަދީބަށް އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއާކަމުގެ މަގާމު ގެއްލިވަޑައިގަތުމުން އެންމެފަހުން ރޭ ކުރެއްވި ޓްވީޓެއްގައި ޖަމީލު އުޅުއްވަނީ ހިނިފުޅު މައިތިރިނުކުރެއްވިގެންނެވެ. ފާހަގަކޮށްލަން ޖެހެނީ މި "ސެލެބްރޭޝަނެއް" އެ ބޭފުޅާ ކުރިއަށް ގެންދަވާއިރު ދޭތެރެ ދޭތެރެއިން ގުރުއާނުގެ އާޔަތްތަކުގެ މާނައިން ޕީޕީއެމްގެ ސަރުކާރު މެމްބަރުންނަށާއި އާންމު މެމްބަރުންނަށް ވެސް ނަސޭހަތް ދެއްވަވާ ކަމެވެ.
ކޮންމެއަކަސް ޖަމީލަށް މިއަދު މި ވަނީ ނައިބު ރައީސްކަން ލިބިވަޑައިގަތުމަށް ވުރެ ވެސް ބޮޑު އުފަލެއް ލިބިވަޑައިގެންފަ އެވެ.
މި ހިނިފުޅުވެޑުވުމުގެ ރޭހެއްގެ އެންމެ ކުރީގައި ޖަމީލު އުޅުއްވާއިރު "އަންނަނީ ހިންޏޭ" ކިޔާފައި ޖަމީލަށް ވެސް ބައެއް ފަރާތްތަކުން ހަމަލާ ދެމުންގެންދާ ކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން އެކެއްގެ ހަމަލާއެއްގައި ބުނެފައި ވަނީ މިހެންނެވެ.
"އިންތިހާބުކޮށްގެން [ނައިބު ރައީސް] ކަމަށް ހޮވުނަސް ތިހުރީ ދިގު މުއްދަތަކަށް ރާއްޖެ އިން ބޭރަށް ފޮނުވާލާފައި. ހަމަ ހެސްކިޔާފައި އަޅުގަނޑުމެން ގާތަށް ވެސް އަންނަނީ ހިނި،" މި މީހަކު މިހެން ބުނެފައި މި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޕޯޑިއަމެއްގައި ޖަމީލު ވިދާޅުވެފައިވާ އެންމެ މަޝްހޫރު އެއް ވާހަކައާ ގުޅުވާލައިގެންނެވެ.