ރިޕޯޓް

ރައީސަކަށްވާން ބޭނުންވި ނައިބުން އެންމެ ރައްޓެހީ ބަޣާވާތާ!

މި ވާހަކައެއް ދައްކަން ވަކި މިއަށް ވުރެ މުނާސަބު ދުވަސްކޮޅެއް އަންނާނެހެނެއްހީއެއް ނުވެ އެވެ. ސަބަބަކީ ގައުމުގެ ނައިބު ރައީސް އެ އުޅުއްވަނީ ވެރިކަމާ ހިތްޕުޅާވެ ވަޑައިގެންނެވެ. އެންމެން ވެސް ދައްކަނީ އެވާހަކަ އެވެ. ދެން ބުނަނީ ނައިބު ރައީސްގެ މާއްދާ އުވާލާށޭ އެވެ.

ހަގީގަތަކީ ރާއްޖޭގެ ސިޔާސީ ހަލަބޮލިކަމާއި ތާރީޚުގެ ތެރެއަށް ވަދެގެން ގޮސްފި ނަމަ ރައީސް ކަމުގެ މަގާމަށް ނުވަތަ ބާރުތަކަށް ދަހިވެތިވެ ވަޑައިނުގަންނަވާ ނައިބު ރައީސަކު އެންމެ ބޭފުޅެއް ފިޔަވައި ދިވެހިން ދެކެފައި ނުވާ ކަމެވެ. ރާއްޖޭގެ ފުރަތަމަ ނައިބު ރައީސަކީ ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ އެވެ. ވެލާނާގޭ އިބްރާހިމް ދީދީގެ ނަމުގައި މަޝްހޫރުވެ ވަޑައިގެންނެވި މި ބޭފުޅާ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީގެ ނައިބެވެ.

މީގެ 62 އަހަރު ކުރިން އެ ބޭފުޅާ ރާއްޖޭގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެން ގެންނެވި ރައީސް އަމީންގެ ވެރިކަން އިންގިލާބަކު ބަދަލު ކުރި އެވެ. ތާރީޚުގެ އެ މުޑުދާރު ސަފުހާތަކެއްގެ ތެރެއަށް އެނބުރި ދިއުމުގެ ބޭނުމެއް ނެތެވެ. ސަބަބަކީ ދިވެހިންނާއި ދިވެހިންގެ ވެރިންގެ ގޮތުގައި ކަނޑައެޅިފައި ތިބި ބަޔަކަށް އަދިވެސް އެ މުޑުދާރުކަމަކުން އަރައިނުގަނެވިގެން އުޅުއްވާހެން ހީވާތީ އެވެ.

ވެލާނާގޭ އިބްރާހިމް ދީދީ އަށް ފަހު ނައިބު ރައީސެއް ދެން މި ގައުމުން ފެނިވަޑައިގަތީ 2008 ވަނަ އަހަރު ރައްޔިތުންގެ ޑިމޮކްރެޓިކް ވޯޓަކުން އިންތިޚާބުކުރި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ފަހަރެއްގައި ނައިބު ރައީސަކަށް ދިވެހި ސަރުކާރުން އަލުން ޖާގައެއް ކަށަވަރުވާން 55 އަހަރު ނެގީ ދިވެހިންގެ ތާރީޚުގައި ނައިބު ރައީސްގެ ވާހަކަ ލިޔެވިފައި އޮތް ގޮތުންނެވެ.

ވަރަށް ގިނަ ބަޔަކު ހީކުރީ ބައި ގަރުނުގެ ބޮޑު މެދުކެނޑުމަކަށް ފަހު ނައިބު ރައީސެއް އެނބުރި އައުމުން އެ މަގާމުގައި ހުންނަ ބޭފުޅަކަށް އަލުން ވެރިމީހާގެ އިތުބާރު ލިބިވަޑައިގެން ގައުމު ހިންގުމުގެ މުހިންމު މަސައްކަތުގެ ތެރޭގައި ވެސް އެ ބޭފުޅެއްގެ ހިއްސާ ނިކަން ބޮޑުވެގެން ހިނގައިދާނެ ކަމަށެވެ. ނަމަވެސް ކަންތައްވީ ހީކުރި ގޮތަކަށް ނޫނެވެ.

ވެލާނާގޭ އިބްރާހީމް ދީދީ ކޮށްޓެވި މަގާ އެއްގޮތް ކަމަށް މީހުން ބުނާ މަގަކުން ދެ ވަނަ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހުސެއިން މަނިކު ވެސް އެންމެ ފަހުން ރައީސް ކަމަށް ވަޑައިގެންނެވީ އެވެ. އަނެއްކާވެސް ނައިބު ރައީސަކު ރައީސް ކަމަށް ވަޑައިގެން ތާރީޚު އިއާދަކުރެއްވީ އެވެ. -- ނަމަވެސް ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީގެ ރިޕޯޓްގައި ނިންމާފައި ވަނީ ބަޣާވާތް ނުކުރާ ކަމަށެވެ --

އެހެން ކަމުން ކުރީގެ ރައީސް ނަޝީދުގެ ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންގެ ނައިބުން ނެތުމަކީ ނިކަން ބުއްދިވެރި ސިޔާސީ ނިންމެވުމެއް ނޫންތޯ އެވެ؟ ފަހަރެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން "ދިގު 30 އަހަރަށް" ދެމިގެން ދިއުމުގެ އެންމެ ބޮޑު ސިއްރަކީ ވެސް އެ ބޭފުޅާގެ ނައިބެއް ނެތުން ކަމަށް ބަހުސް ކުރެވިދާނެ އެވެ.

ރާއްޖޭގެ ނައިބު ރައީސުންނަށް މި ތިއްބެވެނީ ކިހިނެތްވެފައިތޯ އެވެ؟ މިހާރު ހުންނެވި ނައިބު ރައީސް އެ މަގާމަށް ވަޑައިގަތުމުގެ ކުރިން އެ މަގާމެއްގައި ހުންނެވި އޭރުގެ ނައިބު، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް މަގާމުން ދުރުކުރެވުނީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ސަރުކާރާ ދެކޮޅު ފިކުރަށް ބާރު ދެއްވަމުން ގެންދަވާ ކަމުގެ ތުހުމަތުތައް ވަރަށް ބޮޑަށް ކުރެވިގެން ކަމަށް ބުނެވެ އެވެ.

އެއަށް ފަހު ދެން އެންމެން ވެސް ހީކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެސް އަދި ގައުމުގެ ވެސް "އެންމެ ބޮޑު ބްރޯ" ނައިބަކަށް ހެއްދެވީމަ ވެރިކަމަށް ދަހިވެތިވާ ނައިބުންގެ ސިލްސިލާ މި ރާއްޖެއިން ފޮހެވިގެން ދާނެ ކަމަށެވެ. ނަމަވެސް ފެންނަ މަންޒަރުތަކަށާއި ގޮވަމުންދާ ގޮވުންތަކަށް ބަލާލާއިރު އަދި މި އުޅެވެނީ މި ސިލްސިލާއެއްގެ ކްލައިމެކްސް ނުވަތަ އެންމެ ފޯރިގަދަ ހިސާބެއްގަ އެވެ. ނައިބު ރައީސަކު ވަކި ކުރިތާ ހަތަރު މަސް ނުވަނީ އަނެއް ނައިބުގެ މައްސަލަ މިއުޅެނީ ހިިލިގެނެވެ.

ހަގީގަތަކީ އެންމެ ބޭފުޅެއް ފިޔަވައި ރައީސަށް ވާން ބޭނުންފުޅު ނުވާ ނައިބަކު ނާންނަ ކަމެވެ.

އެހެންވީމަ، ނައިބުންނަށް ރައީސްކަން ލިބިވަޑައިގަތުމުގެ ފުރުސަތު އޮތީ ކިހާ ވަރަކަށްތޯ ވެސް ބަލައިލަމާ ހިނގާށެވެ. ވަކިން ހާއްސަކޮށް ރައްޔިތުންގެ ފުރިހަމަ ލޯތްބާއި ތާއީދާއެކު ނައިބު ރައީސުންނަށް ވެރިކަން ލިބިދާނެތޯ މިއީ ކުރެވޭ ބޮޑު ސުވާލެކެވެ.

ސަބަބަކީ ތާރީޚުގައި މިހާ ތަނަށް ފެނިފައިވާ މަންޒަރުތަކަށް ބަލާއިރު ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ރައީސް ކަމަށް ވަޑައިގެންނެވީ ރައްޔިތުންގެ ސީދާ ވޯޓެއް ނުވަތަ ތާއީދެއް އެ ބޭފުޅުންނަކަށް ލިބިވަޑައިގެން ކަމުގައި ނުވާތީ އެވެ. މިސާލަކަށް ރައީސް ނަޝީދުގެ ނައިބަކަށް ހުންނެވުމަށް ފަހު އެ ބޭފުޅާގެ "ސުވާލު އުފެދުނު" އިސްތިއުފާ އަށް ފަހު ރައީސް ކަމުގެ ހުވާކުރެއްވި ޑރ. މުހައްމަދު ވަހީދަކީ ރާއްޖޭގެ ތާރީޚުގައި ވެސް މަގްބޫލުކަން އެންމެ ކުޑަ ލީޑަރެވެ.

އެ ބޭފުޅާ "ފަސް ޕަސެންޓް" ގެ ވަނަމުން ގައުމަށް މަޝްހޫރުވެ ވަޑައިގެންނެވީ ވެސް ހަމަ މި ސަބަބާ ހެދި އެވެ.

ނައިބު ރައީސުންނަށް އޮންނަ ތާއީދުގެ ހަގީގަތަކީ ކޮބާ؟

ނައިބު ރައީސް ކަމުގެ މަގާމުން ދުރުކުރެވު ޖަމީލް މިފަހުން ކުރެއްވި ޓްވީޓެއްގައި ވާހަކަ ދައްކަވާފައި ވަނީ ރައީސް ޔާމީނަށް ރައީސްކަން ލިބިވަޑައިގަތުމުގެ ސިއްރަކީ އެ ބޭފުޅާ ކަމަށް ދޭހަވާ ފަދަ ގޮތަކަށެވެ. ޖަމީލް ފަދަ ލީޑަރަކު ޔާމީންގެ ފަހަތްޕުޅުގައި ނެތް ނަމަ ޔާމީނަށް ރައީސްކަން ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.

ނަޝީދުގެ ނައިބަކަށް ހުންނެވި ޑރ. ވަހީދު ވެސް މި ރާގެއްގައި ވާހަކަ ދެއްކެވި ދުވަސްކޮޅެއް ދިޔަ އެވެ.

އެކަމަކު ހަގީގަތަކީ ކޮބައި ހެއްޔެވެ؟ ނައިބު ރައީސުންނަކީ ހަގީގަތުގައި މިހާ ތާއީދު ބޮޑު ބައެއް ހެއްޔެވެ؟ ނުވަތަ އެމީހުންގެ ނަސީބަކީ ހަމަ އަބަދުވެސް ރައީސަކަށް ހުންނަވާ ބޭފުޅާ ހެއްޔެވެ؟

އެމެރިކާ އަކީ ދުނިޔޭގައި އެންމެ ކުރިއަރައިގެން ގޮސްފައި އޮތް ޑިމޮކްރަސީ އެވެ. ދިވެހި ރާއްޖެ ވެސް މިސްރާބު ޖަހާފައި ވަނީ ސިޔާސީ ގޮތުން އެފަދަ ތަރައްގީއަކަށެވެ.

އެހެންވީމަ ނައިބު ރައީސުންގެ ތެރެއިން ރައީސުންނަށް ވެވަޑައިގަތުމަށް މަސައްކަތްކުރެއްވި އެމެރިކާގެ މަޝްހޫރު ލީޑަރުންގެ ވާހަކަތަކަށް ބަލައި އިބްރަތެއް ނުވަތަ އިބްރަތްތަކެއް ހާސިލުކޮށްލަން ކިހިނެތްވާނެ ހެއްޔެވެ؟ ނައިބު ރައީސުންނަށް އޮންނަ ތާއީދެއްގެ ހަގީގަތާ ބެހޭ ގޮތުން އޭރަށް ފަހަރެއްގައި ވާހަކަ ދައްކާލެވިދާނެ އެވެ.

އިއްޔެއާ ހަމަ އަށް އެމެރިކާގެ ސިޔާސީ މައިދާނުގައި ދެކެވުނު އެންމެ ހޫނު އެއް ވާހަކައަކަށް ވެފައި އޮތީ އެގައުމުގައި ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޓިކެޓް ކާމިޔާބުކުރެއްވުމަށް ރައީސް ބަރަކް އޮބާމާގެ ނައިބު ޖޯ ބައިޑެން މަސައްކަތްކުރެއްވި ވާހަކަ އެވެ. ނަމަވެސް ރައީސް ކަމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަމެއް އިތުރަށް ނެތްކަން އެ ބޭފުޅާ އެ ވަނީ އެންމެފަހުން އިއުލާނުކުރައްވައިފަ އެވެ.

ފަހަރެއްގައި މި ނިންމެވުމަކީ އެމެރިކާގެ ތާރީޚުގައި ރައީސުންނަށް ވެވަޑައިގަތުމަށް މަސައްކަތްކުރެއްވި ނައިބު ރައީސުންނަށް ކުރިމަތިވި ނާކާމިޔާބީ އެވެ.

ވެރިއަކަށް ހުންނަނާ ބޭފުޅާ އެ މަގާމުން ދުރުކޮށް ރައީސްކަމަށް ވަޑައިގަތުމުގެ ހިޔާލެއް އެމެރިކާގެ ނައިބު ރައީސުން ކުރި އަށް ނެރުއްވާފައި ނެތުމަކީ ފަހަރެއްގައި އެ ބޭފުޅުންގެ ބަދުނަސީބެވެ. އެމެރިކާގެ މަޝްހޫރު ޕޮލިޓިކަލް ޑްރާމާ "ހައުސް އޮފް ކާޑްސް" އަކީ އެމެރިކާގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ރައީސް ކަަމަށް ވަޑައިގަންނަވާނެ ގޮތުގެ އެންމެ ފަސޭހަ ޝޯޓްކަޓް ދައްކުވައިދޭ ޑްރާމާއެކެވެ.

އެހެން ނަމަވެސް އެމެރިކާގެ ނައިބު ރައީސުންގެ ތާރީޚަށް ބަލާލާއިރު އެންމެން ވެސް ރައީސް ކަމަށް ވަޑައިގަތުމަށް ފައި ނެންގެވީ ނައިބެއްގެ މަގާމު އަދާކުރެއްވުމަށް ފަހު އެވެ. އެގޮތުން ނައިބުގެ މަގާމު އަދާކުރެއްވުމަށް ފަހު ދައުރު ހަމަވެ ވަޑައިގަތުމުން އެގައުމުގެ 17 ނައިބު ރައީސަކު ރައީސްކަން ކާމިޔާބުކުރެއްވުމަށް ރިއާސީ ރޭހަށް ނުކުމެ ވަޑައިގެންނެވި އެވެ.

އޭގެ ތެރެއިން ފަސް ބޭފުޅަކު ނާކާމިޔާބުވެ ވަޑައިގަތީ ޕާޓީގެ ޕްރައިމަރީގަ އެވެ. ހަތް ބޭފުޅަކަށް ޕާޓީގެ ރިއާސީ ޓިކެޓް ލިބިވަޑައިގެންނެވިއިރު ވޯޓްގައި ބަލިވެ ވަޑައިގަތީ އެވެ.

އެންމެފަހުން ރައީސްކަން ލިބިވަޑައިގަތް ކުރީގެ ނައިބު ރައީސުންގެ އަދަދަކީ ފަހެކެވެ. އެއީ އެމެރިކާގެ ފުރަތަމަ ނައިބު ރައީސް ޖޯން އެޑަމްސް އާއި ތިން ވަނަ ރައީސް ތޯމަސް ޖެފާސަން އަދި އޭގެ 144 އަހަރު ފަހުން ނައިބު ރައީސްކަމުން ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ޖޯޖް އެޗް. ޑަބްލިއު. ބުޝް އާއި ރިޗަޑް ނިކްސަން އެވެ.

މިއީ ރައްޔިތުންގެ ތާއީދާ އެކު ނުވަތަ އިންތިޚާބަކުން ރައީސް ކަމަށް ވަޑައިގެންނެވުނު އެމެރިކާގެ ކުރީގެ ނައިބު ރައީސުންނެވެ. ރައީސް އިސްތިއުފާ ދެއްވައިގެން ނުވަތަ އަވަހާރަވެ ވަޑައިގަތުމާ ގުޅިގެން ނުވަ ނައިބު ރައީސަކަށް ކޮމާންޑަ އިން ޗީފްގެ މަގާމު ލިބިވަޑައިގެންފައިވެ އެވެ.

އެހެންވީމަ ހަގީގަތަކީ ނައިބަކަށް ހުންނަވާ ބޭފުޅަކަށް އެއްވެސް ތަނެއްގައި ރައްޔިތުންގެ ހަގީގީ ތާއީދެއް ނޯންނަ ކަމެވެ. އެހެން ނަމަވެސް ރާއްޖޭގެ މިއަދުގެ ސިޔާސީ މަސްރަހު ސޯފާގައި ތިބެގެން ދިރާސާކޮށް ބަސް ބުނަމުން ގެންދާ ބަޔަކު ބުނަމުން ދަނީ ރާއްޖޭގައި ހުންނެވީ ރައީސަށް ވުރެ ވެސް ބާރުގަދަ އަދި ތާއީދު ވެސް ބޮޑު ނައިބު ރައީސެއް ކަމަށެވެ.

އެއީ ތެދެއް ހެއްޔެވެ؟ ނުވަތަ ބުނަންވީ އެ ބޭފުޅާ އަކީ ވެސް ރައީސްކަމަށް ފެންބޮވައިގެންފައި ހުންނެވި ލީޑަރެކޭތޯ އެވެ؟

އެކަމަކު ވަހީދުއްދީންގެ ވާހަކަ ވަރަށް ތަފާތު!

ރައީސް ކަމާ ނޫޅުއްވި ރައީސަކީ ބަޣާވާތަކުން ވެރިކަމަށް ވަޑައިގެންނެވި ކަމުގެ ތުހުމަތު އޮންނަ ރައީސް ގެންނެވި ނައިބު ރައީސް އަންނަބީލު މުހައްމަދު ވަހީދުއްދީން އެވެ. އޭނާ އެކަމާ ނޫޅުއްވި އިރު އެންމެ ހައިރާން ކުރުވަނި ކަމަކީ ރާއްޖޭގައި ރަސްކަމުގެ އާއިލާއަކުން ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ނައިބު ރައީސަކަށް ވެ ވަޑައިގެނެވި ބޭފުޅަކީ ވަހީދުނު އެކަނި ކަމަށްވުމެވެ. އެކަމަކު ރީތި ގޮތުގައި ސާފުކޮށް ހުންނެވި ހަައެކަނި ނައިބު ރައީސަށްވެ ވަޑައިގަތީ ޑީން އެވެ. އެމަނިކުގެ ކަރުފުޅުގައި "ޕީސް" ފުލެއް އޮންނަ ފަށެއް އަޅުއްވާފައި އޮންނަ ސަބަބަށް މިހާތަނަށް ޖަވާބު ނުދެއްވި ނަމަވެސް މި ނަތީޖާއިން އޭގެ ސަބަބު ސާފުވޭ ދޯ އެވެ.