ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކައުންސިލް އިންތިހާބު ބާއްވަން ފުރުސަތު ދޭން ގޮވާލައިފި

ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އަހަރު މާޗު މަހު ބޭއްވުމަށް ނިންމާފައިވާއިރު، އެ އިންތިހާބު ބޭއްވުމަށް ކުރަން ޖެހޭ ކަންކަން ކުރަން ދައުލަތުގެ އިދާރާ ތަކުން އިލެކްޝަންސް ކޮމިޝަނަށް ފުރުސަތު ދިނުމަށް ހުޅުމާލޭ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒު މިރޭ ގޮވާލައްވައިފި އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުގެ މިރޭގެ ޖަލްސާއަށް ހުށަހަޅުއްވަމުން، އެ ކޮމިޓީގެ މުގައްރިރު ނިޔާޒު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އިންތިހާބު މިހާރު އިއުލާނުކޮށްފައި އޮތް ތާރީހަށް ނުބޭއްވިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގައި ބުނެފައިވާ ކަމަށެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި، އިންތިހާބުގެ ކުރިން ކެމްޕޭނު ކުރުމާއި، އިންތިހާބު ބޭއްވުމަށް ކުރަންޖެހޭ އެންމެހާ އިދާރީކަންކަން ފުރިހަމަކުރުމަށް ފުރުސަތު ދޭން ނުޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި އިންތިހާބު އިތުރަށް ފަސްކުރަން ޖެހިއްޖެނަމަ، އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިތުރަށް އެއް އަހަރަށްވުރެ ދެން ދިގުދެމިގެން ދާގޮތަށް އަނެއްކާވެސް މިހާރު ތިބި ކައުންސިލަރުން ތިބުމަކީ އޭގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުކުމެދާނެ ކަމެއް ކަމަށް ފެންނާތީ ކައުންސިލު އިންތިހާބު އެ އޮތް ތާރީހުގައި ބޭއްވުމަށް ދޭން ޖެހޭ އެންމެހާ އެއްބާރުލުން ސަރުކާރުގެ ހުރިހާ އިދާރާދަކުން ދިނުމަށް އަޅުގަނޑު އެ ފަރާތްތަކަށް ގޮވާލަން،" ނިޔާޒު ވިދާޅުވި އެވެ.

އޭނާގެ ވާހަކަތަކާ ގުޅިގެން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކައުންސިލު އިންތިހާބު ބާއްވަން ކުރަން ޖެހޭ ކަންކަމަަށް ފުރުސަތު ދިނުމަށް މަޖިލީހުން ސިޓީއަކުން ސަރުކާރުގެ އިދާރާތަކަށް ދަންނަވާނެ ކަމަށެވެ.

މިއަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައިވަނީ މުޅި ދުނިޔޭގައިވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.

ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ރައްޔިތުންގެ މަޖިލީހުން ވަނީ ހައްލު ހޯދާދީފަ އެވެ. އަދި އަހަރު ދުވަހުގެ މުއްދަތު ކައުންސިލް އިންތިހާބު ބޭއްވުމަށް ފަހިކޮށްދީފައިވެ އެވެ.