ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި އެމަނިކުފާނަށް ދޭ އަނިޔާތައް ހުއްޓާލުމަށް ގޮވާލާ އިދިކޮޅު ދެ ޕާޓީގެ ސަޕޯޓަރުން މިއަދު ބޭއްވި އެއްވުމުގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އިދިކޮޅުން މިއަދު އެއްވީ ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދިޔަ ވަގުތާއި ދިމާކޮށެވެ. ކްރިމިނަލް ކޯޓް ސަރަހައްދަށް ނުވަދެވޭ ގޮތަށް ފުލުހުން އެ ސަރަހައްދު ބަންދުކޮށްފައިވާތީ އިދިކޮޅުގެ ސަޕޯޓަރުން ތިބީ ބޮޑުތަކުރުފާނު މަގުގައި މާރުކޭޓް ކައިިރީގައެވެ.
ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މިއަދުގެ ސުލްހަވެރި އެއްވުމުގެ ތެރެއިން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރު ކޮށްފައިވަނީ ޕީޕީއެމް ސްޓިއަރިން ކޮމެޓީގެ ރައީސްގެ އިތުރުން އާންމު މެންބަރެކެވެ. އެ ދެ މީހުން މިހާރު ތިބީ ޕޮލިސް ކަސްޓޯޑިއަލްގައެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ. އެ ދައުވާގެ އިބްތިދާއީ އަޑުއެހުމެއް މިއަދު ވަނީ ބާއްވާފައެވެ.
ރައީސް ޔާމީން މާލެ ގެންނަ ދުވަސް ދުވަހު އިދިކޮޅުގެ ސަޕޯޓަރުން ފާލަން ދޮށައްވެސް އެއްވެއެވެ. އެހެން ކަމުން މިއަދު އެމަނިކުފާނު މާލެ ގެނައީވެސް މާލޭގެ ކޮޅު ކޮޅުން މާލެ ޖަލު ސަރަހައްދު ޖެޓީއަށެވެ.
މިއަދުގެ އެއްވުން ހައްޔަރުކުރި މީހުންނާއި ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ.