ދުނިޔެ

ސޯމާލިއާއިން ސިފައިން ބާލަން ޓްރަމްޕް އަންގަވައިފި

ސޯމާލިއާއިން އެމެރިކާ ސިފައި ބާލަން، އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް އަންގަވައިފި އެވެ.

ޕެންޓަގަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސޯމާލިއާގައި ތިބި އެމެރިކާ ސިފައިންގެ ބޮޑުބައި، 2021 ގެ ކުރީކޮޅު އެ ގައުމުން ބާލަން ޓްރަމްޕް އަންގަވައިފި ކަމަށެވެ.

އެމެރިކާގެ 700 އެއްހާ ސިފައިން ސޯމާލިއާގައި މިހާރު ވެސް އެބަ ތިއްބެވެ. އެ މީހުންގެ މައިގަނޑު މަސައްކަތަކީ ސޯމާލިއާ ސިފައިން ތަމްރީނު ކުރުމާއި، އަލްގައިދާގެ ގޮތްޕެއް ކަމަށްވާ އައްޝާބާބްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރުމެވެ.

ސޯމާލިއާއިން ސިފައިން ބާލަން ޓްރަމްޕް އެންގެވި ނަމަވެސް، ޕެންޓަގަނުން ބުނަނީ، އެ ސަރަހައްދުން ސިފައި ބޭނުން ރައްކާތެރި ނޫން ކަމަށެވެ. ސިފައިން ފައިބައިފި ނަމަ އެވާނީ އަލްގައީދާއަށް އަމާން ދިނީ ކަމަށެވެ.

ޕެންޓަގަނުން ބުނީ ސޯމާލިއާއިން ސިފައިން މުޅިން ނުބާލާނެ ކަމަށާއި، ޓެރަރިޒަމާ ދެކޮޅު ހަރަކާތްތަކުގައި ސޯމާލިއާ ސިފައިންނަށް އެހީތެެރި ވެދެވޭ ވަރަށް ސިފައި ބައިތިއްބާނެ ކަމަށެވެ. އަދި ސޯމާލިއާ ނޫން ތަނަކަށް ސިފައިންގެ ބޮޑު ބައި ބަދަލު ކުރާނެ ކަމަށެވެ. އެހެން ނަމަވެސް އެފްރިކާ ބައްރު ދޫކޮށްފައި ނުދާނެ ކަމަށެވެ.

"ސިފައިން ތިބި ތަން ބަދަލުކުރާނެ އެކަމަކު ޕޮލިސީއަށް ބަދަލެއް ނުގެންނާނެ" ޕެންޓަގަނުން ބުންޏެވެ. "އަލްގައީދާގެ ބާރު ދެރަކުރުމަށް ކުރާ ހަނގުރާމާގައި އެމެރިކާ ސިފައިން ބައިވެރި ވާނެ"