ސުޝާންތު ސިންގް

ސުޝާންތުގެ ހަނދާންތަކާ އަންކިތާއަށް ވަކި ނުވެވިފައި

ޒީ-ޓީވީގެ "ޕަވިތުރަ ރިޝްތާ" ޝޯއަކީ ސުޝަންތު ސިންގް ރާޖްޕޫތާއި އަންކިތާ ލޯކަންޑޭގެ ކެރިއަރުގެ ބިންގާ އެޅުނު ސިލްސިލާ އެވެ. އަންކިތާ އާއި ސުޝާންތު ލީޑް ރޯލު ކުޅުނު މި ސިލްސިލާ ފެށުމާއެކު މި ދެ ތަރިންގެ މެދުގައި ވަރުގަދަ ލޯބީގެ ގުޅުމެއްގެ ބިންގާ ވެސް އެޅިގެން ދިޔަ އެވެ.

ގާތްގަނޑަކަށް ހަތް އަހަރަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ މި ލޯތްބަށް ނިމުން އައީ ސުޝާންތު ފިލްމު ކުޅެން ފެށި ފަހުންނެވެ. އޭރު ބައެއް ނޫސްތަކުން ބުނެފައި ވަނީ ސުޝާންތު އާއި އޭނާގެ "ރާބްތާ" ގެ ބަތަލާ ކްރީތީ ސެނޯން އާއި ރައްޓެހިވެ އަންކިތާ އާ އޮތް ގުޅުން ކެނޑުނީ ކަމަށެވެ.

"ރާބްތާ"ގެ ޝޫޓިންގަށް ބޭރުގެ އެކި ގައުމުތަކުގައި ސުޝާންތު އާއި ކްރީތީ އެތައް މަހެއް ވަންދެން އެކުގައި ހޭދަކޮށްފައި ވެއެވެ.

ޔަގީންވާ ކަމަކީ އެ ފިލްމު ނިންމާފައި އެނބުރި މުމްބައީއަށް ސުޝާންތު ދިޔައިރު އޭނާ އާއި އަންކިތާގެ ލޯބީގެ ގުޅުމަށް ނިމުން އައިސްފައި އޮތް ކަމެވެ. ކުރިން ދެ މީހުން ދިރިއުޅެމުން ދިޔައީ އެއް ގެއެއްގައި ނަމަވެސް ސުޝާންތު އެނބުރި އައިސް ދިރިއުޅުން އެހެން ގެއަކަށް ބަދަލު ކޮށްފައި ވެއެވެ. ސުޝާންތު އާއި އަންކިތާގެ ލޯބީގެ ގުޅުން މުޅިން ކެނޑިފައި ވަނީ 2016 ގެ ފަހުކޮޅު އެވެ.

ސުޝާންތު އާ ރުޅިވާން މެދުވެރިވީ ކޮންމެ ސަބަބަކާ ލައިގެން ނަމަވެސް އަންކިތާ އަދިވެސް ސުޝާންތު މަތިން ވަރަށް ހަނދާން ކުރެ އެވެ. އަދި ސުޝާންތުގެ ކުއްލި މަރާ ގުޅިގެން އެންމެ ބޮޑަށް އަސަރުކުރި އެކަކީ ވެސް އަންކިތާ އެވެ.
ސުޝަންތުގެ މަރުވުމާ ގުޅިގެން އަންކިތާ ދިން ތަފާތު އެތައް އިންޓަވިއު އެއްގައި ބުނެފައި ވަނީ އޭނާ ދަންނަ ސުޝާންތަކީ އަމިއްލައަށް މަރުވުމުގެ ވިސްނުމާއި ފިކުރު ގެންގުޅުނު ސުޝާންތެއް ނޫން ކަމަށެވެ. ވީމާ އޭނާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ކުރަން ދަތި ކަމަށެވެ.

ސުޝާންތުގެ މަރާ ގުޅިގެން ތަފާތު ސުވާލުތައް އުފެއްދި ނަމަވެސް ޔަގީންވާ އެއް ކަމަކީ ސުޝާންތުގެ ކުރު ހަޔާތުގައި އޭނާއާ ގުޅުން އޮތް ހަމަ ކޮންމެ މީހަކަށް ވެސް ސުޝާންތުގެ ހަނދާންތަކާ ދުރަށް ދާން ދަތިވެފައިވާ ކަމެވެ.

ސުޝާންތުއާ ރުޅިވުމަށް ފަހު އާ ލޯބިވެރިޔަކު އަންކިތާ ވަނީ ހޯދާފަ އެވެ. ވިކީ ޖެއިން އާއި އަންކިތާ ލޯބިވެ މިހާރު ކައިވެންޏަށް ދަނީ ތައްޔާރު ވަމުންނެވެ. ނަމަވެސް އާ ހަޔާތެއް ފަށަން ތައްޔާރު ވަމުން ދާއިރު ވެސް އަންކިތާއަށް ސުޝާންތު ހަނދާން ނައްތާ ނުލެވޭ ކަމަށް އޭނާ ބުންޏެވެ.

ދާދިފަހުން ބޭއްވި ޒީ ރިޝްތޭ އެވޯޑުގައި އަންކިތާ ސުޝާންތަށް ޓްރިބިއުޓް ދިނުމުގެ ގޮތުން އެ ދެ މީހުންގެ ކާމިޔާބު ސިލްސިލާ "ޕަވިތުރަ ރިޝްތާ"ގެ ޓައިޓްލް ޓްރެކް އަށް ނަށާފައި ވެއެވެ.

ސުޝާންތުއަށް ހެދިގެން މޫނުގައި މާސްކެއް އަޅައިގެން ހުރި މީހަކާއެކު އަންކިތާ ޕާފޯމް ކުރަން ދަމުން ޝޯގެ ހޯސްޓް ކައިރީ ބުނީ މިފަހަރުގެ ޕާފޯމަންސަކީ އޭނާއަށް ވަރަށް އަސަރުކުރުވި ޕާފޯމަންސެއް ކަމަށެވެ. ސަބަބަކީ ސުޝާންތަށް ޓްރިބިއުޓް ދޭތީ އެވެ.