ވިޔަފާރި

އިންކަމް ސަޕޯޓް އެލަވަންސް މި އަހަރުގެ ނިޔަލަށް ދޭން ނިންމައިފި

Dec 7, 2020
2

ވަޒީފާ އަށް އަސަރުކޮށް، ވަޒީފާ ގެއްލިފައިވާ މީހުންނަށް ދޭ، އިންކަމް ސަޕޯޓް އެލަވަންސް މި އަހަރުގެ ނިޔަލަށް ދޭން ނިންމައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެވޭ އިންކަމް ސަޕޯޓު އެލަވަންސް ދިނުމުގެ މުއްދަތު މި އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބިފައިވާ ގެއްލުން ތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ސަރުކާރުން ނެރުނު އިކޮނޮމިކް ރިލީފް ޕެކޭޖުގައި ހިމަނައިގެން ދޭން ފެށި، އިންކަމް ސްޕޯޓުގެ ގޮތުގައި ދޫކުރަނީ 5،000ރ. އެވެ. މި އެލަވަންސް މިހާތަނަށް 11,814 މީހަކަށް 143.8 މިލިއަން ރުފިޔާ ދީފައިވެ އެވެ. މިހާތަނަށް 33,763 ބުރެއްގެ މަތިން އެލަވަންސް ދީފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ބައެއްގެ ވަޒީފާ އަށް ވަނީ އަސަރު ކޮށްފަ އެވެ. ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ހަދާފައިވާ ދިރާސާއެއް ގައިވާ ގޮތުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 45،000 ވަޒީފާ އަކަށް އަސަރު ކޮށްފައިވެ އެވެ. ޓޫރިޒަމް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ޓޫރިޒަމް އެމްޕްލޯއީމަންޓް އެސޯސިއޭޝަން (ޓީމް) އިން ބުނެފައިވާ ގޮތުގައި ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 11،000 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ "ނޯޕޭ ލީވް" ދީ ގެ އަށް ފޮނުވާލާފަ އެވެ.