ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މުޅި ދުނިޔޭގެ ސަމާލުކަން އިނގިރޭސިވިލާތަށް، ކޮވިޑް ވެކްސިން ދޭން ފަށަނީ

އިނގިރޭސިވިލާތުގައި ކޮވިޑް ވެކްސިން ދޭން މިއަދު ފަށާއިރު ނޭވާ ހިފަހައްޓާ ލައިގެން ތިބެން ޖެހިފައި ވަނީ ވެކްސިން އުފެއްދި މީހުންނަށް އެކަންޏެއް ނޫނެވެ. މި ހާސް ކަމުގައި މުޅި ދުނިޔެ، ނޭވާ އެތެރެއަށްލީ ގޮތަށް އަދި ވެސް ތިބީ އެވެ.

ފައިޒާ އާއި ބަޔޮންޓެކުން އުފެއްދި ކޮވިޑް ވެކްސިންގެ ޝިޕްމަންޓްތައް އިނގިރޭސިވިލާތަށް އެތެރެކޮށް ވަނީ ޖަމާ ކޮށްފަ އެވެ. ވެކްސިން ދޭން ފަށައިގަތުމަށްޓަކައި ފުރަތަމަ ފިޔަވަހީގައި 800،000 ޑޯޒް، ވެކްސިން ދޭ ސެންޓަރުތަކަށް ބަހައި ވަގުތު ޖެހެންވާއިރަށް ހަމަހަކަަށް އަޅުވަމުން އެބަ އާދެ އެވެ. ވެކްސިން ދިނުމަށްޓަކައި އިނގިރޭސިވިލާތުގައި 50 މަރުކަޒު ވަނީ ހަމަޖައްސަފަ އެވެ. ސްކޮޓްލޭންޑާއި، ވޭލްސް އަދި އަޔަލޭންޑްގައި ވެސް މިއަދު ވެކްސިން ދޭން ފަށާނެ އެވެ.

ފައިޒާ އާއި ބަޔޮންޓެކް ވެކްސިން، އިމަޖެންސީ ބޭނުންތަކަށް އެންމެ ފުރަތަމަ ހުއްދަ ދިން ގައުމަކީ ވެސް އިނގިރޭސިވިލާތެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް ވެކްސިން ދޭ ހަބަރާއެކު ހީވަނީ ބޮޑު އީދެއް އައިސްގެން އުޅޭހެނެވެ. ގޭބިސީތަކާއި އެތެރެ އާއި ބޭރުގައި ވެސް އެއް ވާހަކައެކެވެ. ޔޫރަޕްގައި ކޮރޯނާވައިރަހާ ގުޅިގެން އެންމެ ގިނަ މީހުން މަރުވެފައިވާ އެއް ގައުމަކީ އިނގިރޭސިވިލާތެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުގައި 61،000 މީހުން މަރުވެފައި ވެ އެވެ.

އިނގިރޭސިވިލާތުން 40 މިލިއަން ފައިޒާ ވެކްސިނަށް ވަނީ އޯޑަރު ދީފަ އެވެ. މިއީ އުފައްދައި އަދި އުފުލާ ގެންގުޅެން ދަތި ވެކްސިނަކަށް ވާތީ އަހަރު ނިމޭއިރު ސަޕްލައިކޮށް ދެވޭނެ ކަމަށް ވަނީ 10 މިލިއަނެވެ. ފައިޒާ / ބަޔޮންޓެކް ވެކްސިން ބަހައްޓަން ޖެހެނީ، މާސް އަށް ވުރެ ވެސް ފިނިތަނެއްގައި، "މައިނަސް 70 ޑިގްރީ ސެލްސިއަސް" ގަ އެވެ.

އިނގިރޭސިވިލާތުން ފުރަތަމަ ފިޔަވަހީގައި ބަލާނެ ކަމަށް ވަނީ 50 އަހަރުން މަތީ މީހުންނަށް ވެކްސިން ދެވޭތޯ އެވެ. ކޮވިޑް-19 އިގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވޭ އާބާދީގެ 99 ޕަސެންޓަށް ވެކްސިން ދެވިއްޖެކަން ކަށަވަރު ކުރުމަކީ އެނމެ ބޮޑު އުންމީދު ކަމަށް އެ ގައުމުން ބުނެ އެވެ.