ހަބަރު

ޓެރަރިޒަމް ހުއްޓުވުމުގެ ބިލް ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވައިފި

Oct 21, 2015
1

ޓެރަރިޒަމްގެ ކުށްތައް މަނާކުރުމުގެ ބިލް ގައުމީ ސަލާމަތުގެ ކޮމިޓީ އިން ނިންމައި ފާސް ކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް އެ ކޮމިޓީ އިން އިއްޔެ ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ހުށަހެޅުއްވި އެ ބިލް ވީހާވެސް އަވަހަކަށް ފާސްކޮށްދެއްވުމަށް އެޓާނީ ޖެރެނަލް އަނިލް ވަނީ މަޖިލީހުގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެ ބިލަކީ ޓެރަރިޒަމްގެ ކުށްތައް ހުއްޓުވުމަށް ސަލާމަތީ ހިދުމަތްތަކަށް ބޮޑެތި ބާރުތަކެއް ލިބިދީ އަދި ބައެއް ހައްގުތައް ހާލަތަށް ބަލައި ވަރަށް ބޮޑަށް ހަނި ކުރެވޭ ގޮތަށް އޮތް ބިލެކެވެ.

އިދިކޮޅު މެންބަރުން ވަރަށް ބޮޑަށް ދެކޮޅު ހަދާފައިވާ އެ ބިލް ފާސްކުރުމާ ގުޅޭ ގޮތުން ކޮމިޓީގެ މެންބަރަކު ވިދާޅުވީ އެ ބިލް އިއްޔެ ފާސްކުރީ ކޮމިޓީގެ ވަރަށް ބޮޑު އަގުލަބިއްޔަތަކުން ކަމަށެވެ. އަދި ބިލް ފާސްކުރި އިރު އެ ބިލަށް ކޮމިޓީ މަރުހަލާގައި މާ ބޮޑެތި އުސޫލީ ބަދަލުތަކެއް ގެނެސްފައި ނުވާ ކަމަށް މެންބަރު ވިދާޅުވި އެވެ. އެހެން ނަމަވެސް ބައެއް ސިޔާސީ ފަރާތްތަކުން ވެސް ދައްކާ ވާހަކަ އަކުން ޓެރަރިޒަމްގެ ތުހުމަތު ކުރެވޭނެ ގޮތަށް ބިލް ފަރުމާ ކޮށްފައި އޮތުމުން އެކަމާ މެދު ކޮމިޓީގައި ފުޅާކޮށް ބަހުސް ކުރި އެވެ. އެހެން ނަމަވެސް ޓެރަރިޒަމް ފަދަ ބޮޑު ކުށެއް ހުއްޓުވުމަށް އެފަދަ ބާރުތައް ދިނުމުގައި މާ ބޮޑު މައްސަލައެއް އޮތް ކަމަށް ކޮމިޓީގެ ގިނަ މެންބަރުން ނުދެކޭ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

އެ ބިލްގައިވާ ގޮތުން އަސާސީ ހިދުމަތްތައް ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ޓެރަރިޒަމަށް ތުހުމަތު ކުރެވޭ ފަރާތްތައް މޮނީޓާ ކުރެވޭނެ ހަރުކަށި ފިޔަވަޅުތައް އެ ބިލްގައި ހިމަނާފައިވެ އެވެ. އަދި ޓެރަރިޒަމަކީ ސީރިއަސް ކުށަކަށް ވާތީ އެހެން ކުށްތަކަށް ދޭ އަދަބުތަކަށް ވުރެ ބޮޑެތި އަދަބުތައް ޓެރަރިޒަމްގެ އަމަލުތަކަށް ހިންގާ މީހުންނަށް ދޭން ބިލްގައި ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ހަނގުރާމަތަކަށް ދިޔުމަކީ ބޮޑު ޖިނާއީ ކުށެއްގެ ގޮތުގައި ބިލްގައި ހިމަނާފައިވެ އެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރާ ޓެރަރިޒަމްގެ ގާނޫނަކީ 1990 ވަނަ އަހަރުގެ އަމަލު ކުރަން ފެށި ގާނޫނެކެވެ.

މި ބިލާ މެދު އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަމުން ބުނެފައި ވަނީ މިއީ ސިޔާސީ ފަރާތްތައް ހިފައި ހައްޔަރު ކުރުމަށް ސަރުކާރުން ޖަހާ މަޅިއެއް ކަމަށެވެ.