މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރުގެ ލޯބީގެ ވާހަކައަކީ މިހާރު ބޮލީވުޑްގެ އެންމެ ޔުނީކް ވާހަކަ އެވެ. މި ވާހަކަ އާދަޔާޚިލާފު އެއްޗަކަށް ވަނީ ދެ މީހުންގެ އުމުރުގައި ހުރި ތަފާތު ބޮޑު ކަމުންނެވެ. ކިތަންމެ ދުވަސްވީ ފިރިހެނަކު އޭނާއަށް ވުރެ މާ ހަގު މީހަކާ ކައިވެނި ކުރިޔަސް އެއީ މައްސަލައަކަށް ނުވެ އެވެ. ނަމަވެސް ދުވަސްވީ އަންހެނަކު ހަގު ފިރިހެނަކާ ގުޅިއްޖެނަމަ ވަރަށް ގިނަ މީހުން އެ ވާހަކަ ދައްކާ އުޅޭނެ އެވެ. މިއީ މަލައިކާ އާއި އަރްޖުންގެ ވާހަކަ ވެސް ޚާއްސަވާ ސަބަބެވެ.
މަލައިކާ އަށް ވުރެ އަރްޖުން 12 އަހަރު ހަގެވެ. މަލައިކާއަށް މިހާރު 47 އަހަރު ފުރިފައިވާއިރު އަރްޖުންގެ އުމުރަކީ 35 އަހަރެވެ.
ދެ މީހުން ލޯބީގެ ގުޅުމުގެ ވާހަކަތައް މިހާރު ހާމަވެފައި ވިޔަސް ކުރިން ދެ މީހުން އުޅުނީ މިކަން ވަރަށް ބޮޑަށް ސިއްރު ކޮށްގެންނެވެ.
މަލައިކާ ކުރިން ކައިވެނި ކޮށްގެން އުޅުނީ ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާނާ އެވެ. މި ދެ މީހުންނަށް ލިބިފައިވާ ފިރިހެން ދަރިފުޅު ވެސް މިހާރު ހުރީ ބޮޑުވެފަ އެވެ.
ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި އަރްބާޒް އާ އިނދެގެން އުޅުނުއިރު ވެސް މަލައިކާ އާއި އަރްޖުންގެ ސިއްރު ލޯބީގެ ގުޅުމެއް އޮތެވެ. އަރްބާޒް ކައިރިން މަލައިކާ ވަރިވީ އަރްޖުން އާ ހެދި އެވެ.
މި ދެ މީހުން ރައްޓެހި ވެގެން އުޅޭކަމަށް މީޑީއާގައި އެއްބަސްވީ މިދިޔަ އަހަރު އެވެ. "ކޮފީ ވިތު ކަރަން" ގެ އެންމެ ފަހު ސީޒަންގައި ބައިވެރިވި މަލައިކާ ވަނީ އަރްޖުން އާ ހާއްސަ ގުޅުމެއް އޮންނަ ކަމަށް އެއްބަސްވެފަ އެވެ. އެހިސާބުން ދެ މީހުން ފާޅުގައި އެކަކު އަނެކަކާ އެކު ބޭރު ތެރޭގައި އުޅެން ފެށީ އެވެ. އަދި ސޯޝަލް މިޑިއާގައި ދެ މީހުން އެކަކު އަނެކަކު ދެކެ ވާ ލޯބި ހާމަކުރަން ފެށީ އެވެ.
ނަމަވެސް އިންޑިޔާގައި ތިބި މި ދެ އެކްޓަރުންގެ އެތައް ހާސް ފޭނުންނަކަށް މިކަން ހަޖަމު ކުރާކަށް އެހާ ފަސޭހައެއް ނުވި އެވެ. މަލައިކާ ކަހަލަ އަރްޖުން އާ ބަލާއިރު މާ މުސްކުޅި މީހަކާ ރައްޓެހި ވެގެން އުޅޭތީ އޭ ކިޔާފައި ގިނަ ބަޔަކު އެމީހުންނަށް މަލާމާތް ކުރަން ފެށި އެވެ. އެންމެ ގިނަ ބަޔަކު މަލާމާތްކުރީ މަލައިކާ އަށެވެ. މީހަކާ އިނދެ ދަރިއަކު ލިބި އެ ދަރި ބޮޑުވީ ފަހުން ޅަ ކުއްޖަކާ ރައްޓެހި ވެގެން އުޅެނީ އޭ ކިޔާފަ އެވެ.
ނަމަވެސް މީހުން ކިޔާ އެއްޗަކަށް ކުރާ މަލާމަތަކަށް އަރްޖުން އާއި މަލައިކާ އެއް ނުބަލަ އެވެ. އެމީހުން ބުނާ ގޮތުން ނަމަ އެމީހުންނަށް ވެވުނީ ހަގީގީ ލޯތްބެވެ. ހަގީގީ ލޯތްބަކީ ލޯކަނު އެއްޗެކެވެ. އެހެންވީމާ އެމީހުންނަށް އެކަކު އަނެކަކުގެ ކިބައިގައި ހުރި އެއްވެސް އުނި ސިފައެއް ނުފެނެ އެވެ.
ދުވަސްވީ ފިރިހެން ތަރިން ޅަ އަންހެންކުދިންނާ ކައިވެނި ކުރިޔަސް މައްސަލައަކަށް ނުވާއިރު ދުވަސްވީ އަންހެނުން ޅަ ފިރިހެނުންނާ ގުލުމަކީ މައްސަލައެއްތޯ އަރްޖުން އާއި މަލައިކާ އަށް ތާއީދުކުރާ ބައެއް މީހުން ސުވާލު ކޮށްފައި ވެއެވެ. މިސާލަކަށް ކަރީނާ ކަޕޫރު ސައިފް އަލީ ޚާނަށް ވުރެ 11 އަހަރު ހަގެވެ. ވީމާ އެ މީހުން ކައިވެނި ކުރުން މައްސަލައަކަށް ނުވެފައި މަލައިކާމެނަށް ފާޑު ކިޔުމަކީ އިންސާފެއް ނޫން ކަމަށެވެ.