ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު، އެފްއޭއެމް ޗެރިޓީ ޝީލްޑް މެޗު މާޒިޔާއަށް ގެއްލުނީ އެ ޓީމު އަތުގައި، ދެ ލަނޑުގެ ލީޑެއްގައި ވަނިކޮށް ކުލަބު އީގަލްސްއިން ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުންނެވެ. އައްޑަނަ ނުވަތަ ތައްޓެއް ހާސިލުވާ މެޗެއްގައި ދެ ލަނޑުގެ ލީޑަކީ ބޮޑު ނަތީޖާ އެކެވެ. ދެ ލަނޑުގެ ލީޑެއްގައި އޮއްވައި ޓީމު އަތުން މެޗު ގެއްލިގެން ދިއުމުން ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގާ ކުރިމަތި ލާނެ ގޮތުގެ ގިނަ ފިލާވަޅުތަކެއް ލިބިގެން ދިޔަ ކަން މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް ފާހަގަ ކުރި އެވެ.
ސީޒަނަށް ތައްޔާރުވާން އެންމެ ކުރިން ޕްރެކްޓިސް ފެށީ މާޒިޔާއިންނެވެ. މާޒިޔާއިން ވަނީ ޕްރީ ސީޒަންގައި އެހެން ކުލަބުތަކާއެކު ވެސް ރަނގަޅު މެޗުތަކެއް ކުޅެފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ލީޑް ކުރީ މާޒިޔާއިންނެވެ. އެ ޓީމުން ވަނީ މެޗު ފެށިގެން ދެ ވަނަ މިނެޓްގައި ލީޑް ނަގާފަ އެވެ. ނިޒާމް ބުނީ ޕްރީ ސީޒަންގައި ކުޅުނު މެޗުތަކުގައި ފެނުނު މާޒިޔާގެ ކުޅުމެއް ކުޅުންތެރިންގެ ފަރާތުން ނުފެނުނު ކަމަށެވެ. އޭނާ ބުނީ މާޒިޔާގެ ކުޅުންތެރިންގެ ފަރާތުން އާންމުކޮށް ފެންނަ ގޭމެއް މިރޭ މެޗުގައި ފެނިގެން ނުދާ ކަމަށެވެ.
"ތެދުތެދަށް ބުނާ ކަމަށް ވެއްޖެއްޔާ މިހާތަނަށް ޓީމު ފަރިތަކޮށްގެން ކުޅުނު ޕްރެކްޓިސް މެޗުތަކުގެ ކުޅުނު ކުޅުމާ ގާތަށްވެސް މިއަދު ޕާފޯމެއް ނުކުރެވޭ ޓީމަށް،" ނިޒާމް ވާހަކަ ދެއްކި އެވެ. "ފުރަތަމަ ކޮޅު ދެ ގޯލް ޖެހުނީމަ ދެ ގޯލްގެ ލީޑްގެ ސަބަބުން ކުޅުންތެރިންނަށް މާ ބޮޑަށް ރިލެކްސް ކޮށްލެވުނީ. އެއީ ކަންނޭގެ މި ނަތީޖާ މިހެން ވެގެން ދާން ޖެހުނު ސަބަބަކީ."
ނިޒާމް ބުނީ، ނަތީޖާ އެގޮތަށް ބަދަލު ވެގެން ދިއުމުން ކުޅުންތެރިންނަށް ވަރަށް ރަނގަޅު މެސެޖެއް ލިބިގެން ހިނގައްޖެ ކަމަށެވެ. އެއާއެކު ދިވެހި ޕްރިމިއާ ލީގާ ކުރިމަތިލާއިރު ކުޅުންތެރިން އިތުރަށް ސަމާލު ވާނެ ކަމަށް އޭނާ ފާހަގަ ކުރި އެވެ.
ޕްރިމިއާ ލީގް އަންނަ އާދިއްތަ ދުވަހު ފަށާ ގޮތަށް ވަނީ ތާވަލު ކޮށްފަ އެވެ. އާދިއްތަ ދުވަހު ހަވީރު ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީ އާ ދެކޮޅަށެވެ.