އީގަލްސް

އީގަލްސްއަށް ލީގް ނުހޯދެންވީ ސަބަބެއް ނެތް

ސީޒަންގެ ފުރަތަމަ މެޗުގައި ނިސްބަތުން ޒުވާން ޓީމަކާއެކު އަދި ބިދޭސީ އެއްވެސް ކުޅުންތެރިޔަކު ނެތި ދެ ލަނޑުގެ ޑެފިސިޓެއްގައި ވަނިކޮށް ފަހަތުން އަރައި މާޒިޔާ، ކޮޅަށް ޖެހި ތިން ލަނޑުން ހޯދި ޗެރިޓީ ޝީލްޑް ކާމިޔާބަކީ އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ހީނުކުރާ ވަރުގެ ނަތީޖާ އެކެވެ.

މި އައްޑަނަ އަކީ އީގަލްސް އަށް މޯހަން ހޯދައިން ފުރަތަމަ ތައްޓެވެ. ކާމިޔާބަށް ފަހު ވާހަކަ ދައްކަމުން މޯހަން ބުނީ، މާޒިޔާއަކީ ރަނގަޅު ސްކޮޑެއް އޮތް ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. އީގަލްސްއިން ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިޔަކާ ނުލައި އެ ޓީމާ ދެކޮޅަށް ކާމިޔާބު ލިބުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

"މުޅި މެޗަށް ބަލާއިރު ވަރަށް ހިތްހަމަ ޖެހޭ ހުސް ދިވެހި ކުޅުންތެރިންނާ އެކީގައި ހަގީގަތުގައި އަޅުގަނޑު ހީ ނުކުރަން މިވަރުގެ ޕާފޯމަންސެއް ފެނިދާނެ ކަމަކަށް،" މެޗަށް ފަހު ވާހަކަ ދައްކަމުން މޯހަން ބުންޏެވެ. "މާޒިޔާ އަކީ ވަރަށް ވަރުގަދަ ސްކޮޑެއް އޮތް ޓީމެއް ފަހަތުން އަރައި ތިން ލަނޑު ޖެހުމަކީ ފަސޭހަ ކަމެއް ނުން. ހުރިހާ ޝުކުރެއް ކުޅުންތެރިންނަށް."

މޯހަން ބުނީ އޭނާގެ ޓީމުގެ ފަރާތުން ފުރަތަމަ ހާފުގައި ފެނުނީ ވަރަށް ދަށް ކުޅުމެއް ކަމަށާއި އެހެންނަމަވެސް ދެ ވަނަ ހާފުގައި ދެއްކި ކުޅުމުން ވަރަށް ބޮޑު އުންމީދެއް ލިބިގެން ދިޔަ ކަމަށެވެ. ފުރަތަމަ މެޗުގައި ކުޅުނު ގޭމަށް އެކަނި ވިސްނިއަސް އޭނާއަށް ހިތްހަމަ ޖެހުން ލިބޭ ކަމަށް މިދިޔަ ސީޒަންގައިވެސް މާޒިޔާ އަތުން ބަލި ނުވެ ސީޒަން ނިންމާލި މޯހަން ބުންޏެވެ.

މޯހަން ވަނީ މެޗުގައި އީގަލްސްގެ ފުރަތަމަ ލަނޑު ޖެހި އުމުރުން 18 އަހަރުގެ ޒައިން ޒަފަރުއަށް ތައުރީފް ކޮށްފަ އެވެ. އޭނާ ލަނޑު ޖެހީި އޭނާގެ ދެބެން ދެދަރި ބޭބެ އަހްމަދު ރިޒްވާން (ރިޒޭ) ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

"މި ކުޅުނު ގޭމަށް ބަލައި މިސާލަކަށް އަޅުގަނޑުމެން މެޗުން ބަލިވި ނަމަވެސް އަޅުގަނޑު ހިތްހަމަޖެހޭނެ ވަރަށް ރަނގަޅު ފުޓްބޯޅައެއް ކުޅުނުތަން ފެނިގެން ދިޔައީ." މޯހަން ބުންޏެވެ.

އީިގަލްސްގެ ބިދޭސީ ކުޅުންތެރިން އަދި ރާއްޖެ އައިސްފައެއް ނުވެ އެވެ. އެ ޓީމުގައި ބްރެޒިލްގެ ކީޕަރަކާއެކު ހަތަރު ބިދޭސީ ކުޅުންތެރިން ވަނީ ހިމަނާފަ އެވެ. މޯހަން ބުނީ އޭނާއަށް ފެނިގެން ދަނީ ޓީމު އިތުރަށް ވަރުގަދަ ވާތަން ކަމަށެވެ. ރޭ މެޗުގެ ދެއްކި ކުޅުން ތަކުރާރު ކުރެއްވިއްޖަނަމަ އީގަލްސްއަށް ލީގް ހޯދޭނެ ކަމަށް، މެޗަކުން ބަލި ނުވެ ނިއު ރޭޑިއަންޓަށް 2012 ވަނަ އަހަރުގެ ލީގް ޗެމްޕިއަންކަން ހޯދައިދިން ކޯޗް ބުންޏެވެ.

"ދެ އަހަރު ކުރިން ފެށިގެން އެއަށް [ދިވެހި ޕްރިމިއާ ލީގް] ހޯދަން މި މަސައްކަތް ކުރަނީ، ފެންނަނީ އިމްޕްރޫވްމެންޓް. އުންމީދު ކުރަން ﷲ އިރާދަ ކުރެއްވިއްޔާ އެ ކާމިޔާބު [ދިވެހި ޕްރިމިއާ ލީގް] ހޯދޭނެ ކަމަށް."