ޓެކްނޯލޮޖީ

ގޭންގްތަކުން ޕްލޭސްޓޭޝަން 5 ވަގަށް ނަގަނީ

ޕްލޭސްޓޭޝަން 5 އަށް ޑިމާންޑް ބޮޑުވެ، ހައްދުފަހަނައަޅައިފި އެވެ. ލިބޭނެ ފަސޭހަ ގޮތެއް ނެތި ގުރޫޕްތަކުން މަގުތަކަށް ނިކުމެ، ޓްރަކްތަކާއި ލޮރީތައް ލޫޓުވަނީ އެވެ. މި ވެސް އަދި ފިތްކަނޑައިގެންދާ ފަދަ ބިރުވެރި ގޮތަކަށެވެ.

"ފާސްޓް އެންޑް ފިއޫރިއަސް" ފިލްމުތަކުން ފެންނަ ގޮތަށް، ބާރު ދުވެލީގައި ކާރު ދުއްވާފައި ގޮސް، ބޮނެޓް މައްޗަށް އަރައި، ލޮރީގެ ފަހަތުން ބިތްގަނޑު ފަަލާލައި ވަދެ ލޫޓުވާލަނީ އެވެ. ޕްލޭސްޓޭޝަން 5 އަތު ޖެހެން ނެތް ނަމަ، ހުރި އެއްޗެއް ހިފައިގެން ދަނީ އެވެ. މޮބައިލް ފޯނާއި، ޓެބްލެޓާއި އަދި އިލެކްޓްރޯނިކް އާލާތެއް ވެސް ހަމަ ރަނގަޅެވެ.

މި ގޮތަށް ޕްލޭސްޓޭޝަން 5 ފަހައި ދުއްވާ ގުރޫޕްތައް އެންމެ ބޮޑަށް ޝައުގުވެރި ވަނީ ޑެލިވަރީ ޓްރަކްތަކަށެވެ. ނަމަވެސް އޮޅިގެން ކަމަށް ހަދައި ޕިއްޒާ ޓްރަކްތަކަށް ވެސް ބައެއް ފަހަރު އެރެއެވެ.

އެފްބީއައިއިން ބުނީ މިއީ މަގުފޭރުމުގެ ޒަމާނީ ވައްތަރެއް ކަމަށެވެ. އެފްބީއައިގެ ސަމާލުކަށް ދެ މީހަކު އައިސްފައިވާ ކަމަށް ބުންޏެވެ. އެއިން މީހަކު އަތުޖައްސައިދީފި ނަމަ 10،000 ޑޮލަރު ދޭން ވެސް އެފްބީއައި ތައްޔާރެވެ.

ޕްލޭސްޓޭޝަން 5 ވަގަށް ނަގަން ދުއްވި ގުރޫޕަކުން ލޮރީ ޑްރައިވަރެއް ގާތު ބުނި ކަމަށް ޑްރައިވަރު ބުނީ، ޕްލޭސްޓޭޝަން 5 ނޫން އެއްޗެއް ބޭނުމެއް ނޫން ކަމަށެވެ. އަދި ޓްރަކް ފަޅައި ނުލަނީސް ހުޅުވައިފި ނަމަ ބަލާލާފައި ހިނގައިދާނަން ކަމަށެވެ.