ވިޔަފާރި

ފަސް މިލިއަނުން ދަށުގެ ޕްރޮކިއުމަންޓްތަކުގެ މައުލޫމާތު ހާމަ ކުރަން އެދިއްޖެ

Dec 9, 2020

ދައުލަތުގެ އިދާރާ ތަކުން ހިންގާ ފަސް މިލިއަން ރުފިޔާއަށް ވުރެ ދަށުގެ ހުރިހާ މުއާމަލާތްތަކެއްގެ މައުލޫމާތު ހާމަކުރަން ޖެހޭ ގޮތަށް މާލިއްޔަތާ ބެހޭ އުސޫލު ބަދަލުކޮށް އާއްމު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި މާލިއްޔާއާބެހޭ ސާކިއުލާގައި ބުނެފައިވާ ގޮތުން ސަރުކާރުގެ އޮފީހާއި އިދާރާތަކުން ޕްރޮކިއުމަންޓެއް އެވޯޑްކޮށް އެ މައުލޫމާތުތައް ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި ސަރުކާރުގެގެ ގެޒެޓުގައި ޝާއިއު ކުރަން ޖެހޭނެ އެވެ.

އަދި ޕްރޮކިއުމަންޓަކަށް 15 ޕަސެންޓަށްވުރެ އިތުރަށް އެޑްވާންސްގެ ގޮތުގައި ދައްކާ އަދަދު 35،000 ރުފިޔާއަށް ވުރެ ބޮޑުނަމަ އެ ފައިސާ އެއް ފަހަރާ ދޫކުރުމުގެ ކުރިން ވެސް އެ މިނިސްޓްރީއަށް އަންގަން ވާނެ އެވެ.

ފިނޭންސް މިނިސްޓްރީން މި އަހަރުގެ ޖުލައި މަހު ވެސް މާލިއްޔަތު ގަވައިދަށް އިސްލާހެއް ގެނެސްފައިވެ އެވެ. އެ އިސްލާހާއެކު ފަސް މިލިއަން ރުފިޔާ އަށް ވުރެ ދަށް ޕްރޮކިއުމަންޓްތައް ނޭޝަނަލް ޓެންޑާ ބޯޑަށް ހުށަހަޅާކަށް ނުޖެހެ އެވެ. އަދި އެ ފަދަ ޕްރޮކިއުމަންޓްތަކާ ބެހޭ ކަންކަން ނިންމުމުގެ އެ މަސައްކަތް ކުރާ އޮފީހެއްގެ ބިޑް ކޮމެޓީއަށް ދީފައިވެ އެވެ.

ފިނޭންސް މިނސިްޓްރީން މިއަދު ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާގައި އޮފީސްތަކުގެ ބިޑް ކޮމިޓީގައި ހިމެނޭ މެންބަރު އަޕްޑޭޓް ކުރަން ވެސް ވަނީ އެދިފަ އެވެ.