ޑރ. އަހުމަދު އަބްދުﷲ ދީދީ

"މުހިންމީ ބަރުލަމާނީ ސިފަތައް އުވާލުން"

ގާނޫނު އަސާސީގައި މިހާރު ހުރި ބަރުލަމާނީ ނިޒާމުގެ ސިފަތައް އުވާލުމަކީ ވެރިކަމުގެ ނިޒާމާ ގުޅިގެން ގެނައުން މުހިންމު ދުސްތޫރީ ބަދަލެއް ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމުގެ ބަހުސް ގަދަވެފައިވަނިކޮށް ޑރ. ޑީޑީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ނިޒާމާ ގުޅިގެން ގެނައުން މުހިންމު ދުސްތޫރީ ބަދަލަކީ ގާނޫނު އަސާސީގައި މިހާރު ހުރި ބަރުލަމާނީ ނިޒާމުގެ ސިފަތައް އުވާލުން ކަމަށެވެ. އަދި ރައްޔިތުން ފާސްކޮށްފައިވާ ރިޔާސީ ނިޒާމުގެ އަސާސީ ސިފަތައް ރިފްލެކްޓް ވެގެންދާނެ ގޮތަށް ޗެކްސް އެންޑް ބެލެންސެސް ގެ ނިޒާމު ހަރުދަނާ ކުރުން ކަމަށެވެ.

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ވާހަކަ ދެކެވި ބަހުސް އުފެދުމުން 2007 ވަނަ އަހަރު ރާއްޖޭގައި ޕަބްލިކް ރެފަރެންޑަމް ވޯޓެއް ކުރިޔަށް ގެންދިޔަ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ހިންގާން އޮންނަން ބޭނުން ވަނީ ރިޔާސީ ނިޒާމެއްތޯ، އެހެންނާ ޕާލަމެންޓްރީ / ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމުގެ އެ ރެފަރެންޑަމްގައި ވޯޓް ދިނުމުގެ ހައްގު 199،841 މީހަކަށް އޮތެވެ. އޭގެ ތެރެއިން 155،890 މީހުން ވޯޓްގައި ބައިވެރިވި އެވެ. ރެފަރެންޑަމްގައި ޕްރެޒިޑެންޝަލް / ރިޔާސީ ނިޒާމެއް އޮންނަން ފެންނަ ކަމަށް 95،619 މީހުން ވަނީ ވޯޓް ދިނެވެ. އެއީ ވޯޓްލީ މީހުންގެ 62.04 ޕަސެންޓެވެ. ޕާލަމެންޓަރީ / ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވޯޓް ދީފައި ވަނީ 58،508 މީހުނެވެ. އެއީ ވޯޓްލީ މީހުންގެ 37.96 ޕަސެންޓެވެ. ބާތިލުވެގެން 1767 ވޯޓް އެއްލައިލާން ޖެހުނެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފެނުނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ހިންގާށެވެ.

ވެރިކަން ކުރަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ދާދި ފަހުންވެސް ވަނީ ތަކުރާރު ކުރައްވާފައެވެ.

"އާސްކް ސްޕީކާ" މި ނަމުގައި ގެނެސްދިން ޕްރޮގްރާމްގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ކުރަން އޮތް "ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު" ކަމަށެވެ. އަދި ރާއްޖޭގައި ގިނަ ދުވަހު ވެރިކަން ކޮށްފައިވަނީ ވެސް ބަރުލަމާނީ ނިޒާމަށެވެ. ރިޔާސީ ނިޒާމު މޮޅުވެގެން އެ ވާހަކަ ދައްކަން ފެށީ މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ކަމަށްވެސް ނަޝީދު ވިދާޅު ވިއެވެ.

"އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ ދިވެހިރާއްޖެއަށް އަދި ކޮންމެ ގައުމަކަށްވިޔަސް ވެރިކަން ކުރަން އެންމެ ރަނގަޅު، އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމެއް. އަޅުގަނޑު މިހެން ދަންނަވާއިރު އަޅުގަނޑު މިއީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ހުރި މީހެއް، އަދި އެކަމު ބޮޑުވަޒީރުކަން ކޮށްފައި ހުރި މީހެއް ނޫން. ދިވެހިރާއްޖޭގައި ގިނައިން ވެރިކަން ކޮށްފައި އޮތީ ބަރުލަމާނީ ނިޒާމަކަށް. މިފަހުން އައި ވިއްސަކަށް އަހަރު ރިޔާސީ ކަންތައްގަނޑެއް ޖެހިގެން މި އުޅެނީ. އެއީ ވަރަށް ފަހުން އައި ކަމެއް،" ނަޝީދު ވިދާޅުވިއެވެ.