ފައިސަލް ނަސީމް

ފްލައިން ސްކޫލްގެ ދަރިވަރުންގެ ޝަކުވާތަކަށް ހައްލު ހޯދާދޭން އަންގައިފި

އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގަންނަވައިފި އެވެ.

އެ މަނިކުފާނު މިކަމަށް އެދިވަޑައިގަންނަވާފައި ވަނީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމާގުޅޭ އިދާރާތަކުގެ އިސް ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

‎މި ބައްދަލުކުރެއްވުމުގައި އެންމެ އިސްކަމެއްގެ ގޮތުން ވާހަކަ ދެކެވިފައި ވަނީ، އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމާއި ބެހޭގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ބައްދަލްވުމުގައި ނާއިބް ރައީސް ވަނީ ފްލައިން ސުކޫލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ކޯސް އަވަހަށް ނިންމޭނެ އިންތިޒާމުތައް ހަމަޖެއްސޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

‎އެ މަރުކަޒުގައި ތަމްރީނު ފުރިހަމަ ކުރަމުންދާ ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން އެ ކަމުގައި އެތައް އަހަރެއް ހޭދަކުރަން ޖެހިފައިވާކަމުގެ ޝަކުވާ އިތުރު ވެފައިވާއިރު އެ ކަމުގެ ސަބަބުން އެ ދަރިވަރުން ކުރަންޖެހިފައިވާ ހޭދަ އިތުރުވެގެން ގޮސްފައިވާ ކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.

ލައިން ސްކޫލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާމެދު އެތަނުން ވަރަށް ބޮޑަށް ތަފާތުކޮށް ބައެއް ކުދިން ވަކިކޮށް ހަދަމުން ދެއެވެ. އެކަމުގެ ކަންބޮޑުވުންތައް ދަރިވަރުން ފާޅުކުރަމުން ގެންދާތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ. ނަމަވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުން ފިޔަވާ އެހެން އެއްވެސް ކަމެއް ސަރުކާރުގެ އިދާރާތަކުން ކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފްލައިން ސުކޫލުން ގެންދަނީ ބޭއިންސާފުން އެތަށް ދިވެހި ދަރިވަރުންނެއް ކޯހުން ވަކި ކުރަމުންނެވެ.