ކަނޑު މައްޗަށް ޖަމާވެ، ކަންނެލި މަސްވެރިންގެ ތަމްސީލް ކުރަން ވަކާލާތު ކުރާނެ ޔޫނިއަނެއް އުފައްދައިފި އެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ނަމުގައި މި ޔޫނިއަން އުފެއްދުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ގުޅިފަޅު ކަނޑުމައްޗަށް ގިނަ އަދަދެއްގެ ކަންނެލި ދޯނި ފަހަރު ޖަމާ ވެގެންނެވެ. މި ޖަލްސާގައި ހަތޭހައެއްހާ ދޯނިން ބައިވެރިވެފައިވެ އެވެ.
މި ޖަލްސާގައި ރާއްޖެ ޓޫރިޒަމް މަސައްކަތްތެރިންގެ ހައްގުތައް ތަމްސީލް ކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށްވާ، ޓޫރިޒަމް އިމްޕްލޯއީމަންޓް އެސޯސިއޭޝަން (ޓީމް) އިން ވެސް ބައިވެރިވެފައިވެ އެވެ. މި ޖަލްސާގައި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މައުރޫފު ވިދާޅުވި ގޮތުގައި މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް ހައްގު ހޯދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރުމަށް އެހެން ބަޔަކު ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑު ކަންނެލި މަސްވެރިން ވަނީ ބާޒާރުގައި އަގުތައް މަތިވަމުންދާ ވަރަށް މަހުގެ އަގު މަތި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މަސް ގަންނަ ކުންފުނިތަކުން މަހުގެ އަގު ބޮޑުކޮށްދޭން ޖެހޭ ކަމަށް މަސްވެރިން ފާހަގަ ކޮށްފައިވެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން، ގައުމީ ޓީމުގެ ކުރީގެ ގޯލް ކީޕަރު އަދި މިހާރު ކަންނެލި މަސްވެރިކަން ކުރާ އިމްރާން މުހައްމަދު ބުނި ގޮތުގައި ބޮޑު ކަންނެލި މަސްވެރިން އުޅެން ޖެހޭ ހާލަކީ މިއީ ނޫން ކަމަށެވެ.
"އަޅުގަނޑުމެން މަހަށް ގެންގޮސް ގެންދާ ލާރިކޮޅުން މިއަދު މި ރާއްޖެ މި ކޮޅަށް މިއޮތީ. ކޮވިޑުގެ ހާލަތުގައި ހަމައެކަނި މަސައްކަތް ކުރި ބަޔަކީ މަސްވެރިން. މިކަމް ނުފެންނަނީ ތޯ؟ ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހީ މަސްވެރިން. އަޅުގަނޑަކީ އެންމެ އުނދަގޫ ހާލަތުގައި މާސްކު އަޅައިގެން ދުއްވީ އަޅުގަނޑުމެން. މަހުގެ އަގު ބޮޑެއް ނުވި،" އިމްރާން ބުންޏެވެ.
ކަންނެލި މަސްވެރިންގެ ޔޫނިއަނެއް އުފެއްދިއިރު، ކަންނެލި ކިލޯއެއްގެ އަގު މިހާރު ހުރީ 25ރ. އަށެވެ. އަދި މަސްވެރިން ދަނީ މި އަގު މަތި ކުރަން ގޮވާލަމުންނެވެ.