ހަބަރު

15 ކިލޯމީޓަރުގެ ލާމްލިންކް އަންނަ އަހަރު ހުޅުވާލާނެ: ހައުސިން

Oct 21, 2015

ލ. ގަމުގައި ފޮނަދޫން ގަމަށް ހަދާ ބޮޑު މަގު، ލާމް ލިންކް އަންނަ އަހަރުގެ މެދުތެރޭ އާންމުންނަށް ބޭނުން ކުރެވޭ ވަރަށް ނިންމާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުއްތޮލިބު ރޭ، ޓީވީއެމްގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ 24 މަސް ދުވަހުން ނިންމަން ހަވާލުކޮށްފައިވާ އެ މަގުގެ މަސައްކަތުގެ ސުޕީޑް ހުރި ގޮތުން 18 މަސް ދުވަހުން ނިމި އާންމުންނަށް މަގު ހުޅުވައިލެވޭނެ ކަމަށެވެ.

"މަގު، ލިންކް ރޯޑް މަސައްކަތް ކަނޑައަޅިފައިވާ ޝެޑިއުލާ އެއްގޮތަށް ބާރަށް ކުރިޔަށް އެބަދޭ މަގުގެ 35 ޕަސެންޓް މަސަކްތް މިހާރު ވަނީ ނިމިފައި،" އޭނާ ވިދާޅުވި އެވެ.

ވެރިރަށް ފޮނަދޫ އާއި އެއާޕޯޓް ހިމެނޭ ކައްދޫ އާއި ސިނާއީ ރަށް، މާންދޫ އާއި ރާއްޖޭގެ އެންމެ ބޮޑު ރަށް ގަމާއި ގުޅިފައިވާ 15.1 ކިލޯ މީޓަރުގެ ދިގު މަގުގެ މަސައްކަތުގައި މަގުގެ ވެލިގަނޑު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމަށްފަހު ދެ ފަރާތު ޕޭމަންޓްގެ މަސައްކަތް ނިމި މިހާރު ތާރު އަޅަނީ އެވެ.

"މ މަސައްކަތް މި ސްޕީޑްގައި ހިނގަމުންދާނަމަ މަގު ނިންމާ އާންމުންނަށް ހުޅުވާލެވޭނެ އަންނަ އަހަރުގެ މެދުތެރޭގައި އެއީ ރަސްމީ ޝެޑިއުލަށްވުރެ ހަމަސް އަވަށް މުއްދަތެއް،"

ޗައިނާގެ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި 171.7 މިލިޔަން ރުފިޔާގެ މަގުގެ މަސައްކަތް ފެށީ ޑިސެމްބަރު 15، 2014 އިގައެވެ. އެއްބަސްވުމުގައި ސޮއި ކުރީ އެ އަހަރުގެ ނޮވެމްބަރުގަ އެވެ.

މި މަގުގެ ޑިޒައިން ކޮށްފައި ވަނީ މާލެ އާއި ހުޅުލެއާ ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ވެސް ޑިޒައިން ކުރި ސީސީސީ ހައިވޭ އިންނެވެ.
މި މަގު ހަދަނ ވަރަށް ގިނަ ދިރާސާ އާއި ސާވޭކޮށް މަގުގައި ދެކޮޅަށްދުއްވާ ބައިގެ މެދުން ބެރިއާސްލައި މެދުގައި ލައިޓާއި ގަސް ޖަހައިގެން ވަރަށް ފުޅާކޮށެވެ. އަދި އެކްސިޑެންޓްތައް ނުހިނގާނެ ގޮތަށް ސަލާމަތާއި ރައްކާތެރި ކަމަށް އިސްކަންދީގެނެވެ.