އެފްއޭއެމް

އެފްއޭގެ 20 ބުރީގެ އިމާރާތް: ސާމާނު ގެންނަން ފަށައިފި

ދެކުނު ކޮރެއާގެ ސްކައި ވިންޑް ގުލޯބަލް ކުންފުންޏާ ހަވާލުކޮށްގެން 20 ބުރިއަށް އިމާރާތް ކުރާ އެފްއޭއެމްގެ އާ އިމާރާތަށް ބޭނުންވާ ސާމާނުގެ ފުރަތަމަ ޝިޕްމެންޓް އިއްޔެ ރާއްޖެ ގެނެސްފި އެވެ.

އެފްއޭއެމްގެ 20 ބުރީގެ އިމާރާތް އެޅުމަށް ހަމަޖެހިފައި ވަނީ، މާފަންނު އުޖާލާ ހިންގުމުގައި ހުންނަ އެފްއޭއެމްގެ ކުރީގެ އޮފީސް ހުރި ބިމުގަ އެވެ. އެ ޕްރޮޖެކްޓަށް ފަހި ކުރުމުގެ ގޮތުން އެފްއޭއެމްއިން ވަނީ އެ އެސޯސިއޭޝަންގެ އިދާރީ މަސައްކަތައް އޮފީހެއް ކުއްޔަށް ހިފާފަ އެވެ.

އެ ޕްރޮޖެކްޓެގެ އިތުރުން އެހެން ދެ ޕްރޮޖެކްޓެއް ހިންގުމަށް ވެސް އެފްއޭއެމުން ވަނީ ސްކައި ވިންޑް ގުލޯބަލް ކުންފުންޏާއެކު ސޮއި ކޮށްފަ އެވެ. އެއީ ކުޅިވަރު އެކުވެނީގައި ފުޓްސަލްއަށް ހާއްސަކޮށް ހަދާ އިންޑޯ އެރީނާ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 20 ޓާފް ދަނޑު އެޅުމަށް ވެވުނު އެއްބަސްވުމެވެ.

މަތީގައި އެވަނީ އެފްއޭއެގެ 20 ބުރީގެ އިމާރާތުގެ ކުރެހުމެކެވެ. އިމާރާތުގެ މައި އޮނިގަނޑު ހުންނާނީ އެގޮތަށެވެ. އެހެން ނަމަވެސް ބޭނުން ކުރަން ހަމަޖެހިފައިވާ، މެޓީރިއަލްގެ ކުލަ، ކަޅު ކުލައަށް ބަދަލު ކުރުމަށް މިހާރު ވަނީ ހަމަޖައްސާފަ އެވެ. ބޭނުން ކުރާ މެޓީރިއަލްގެ ކުލަ ބަދަލުވުން ފިޔަވައި އެހެން ބަދަލެއް ނާންނާނެކަން މިހާރު ވަނީ ޔަގީން ވެފަ އެވެ. އެހެންވީމާ އިމާރާތް ނިމޭއިރު ފޮޓޯގައި އެވާ ރީތިކަން ހަމައެގޮތުގައި، އިމާރާތް ބިނާކޮށް ނިމޭއިރު ހުންނާނެ އެވެ.

"މައިގަނޑުގޮތެއްގައި 20 ބުރިއަށް ހެދުމުގެ ބޭނުމަކީ، ފުޓްބޯޅަ މިހާރު މިއޮތް ލެވަލްއަށް ވުރެ އެހެން ލެވަލްއަކަށް ހިއްލާލުމަށް މަސައްކަތް ކުރާއިރު އެކަމަށް ވަރަށް ބޮޑު ފަންޑެއް ބޭނުންވޭ ތީ ގިނަ ފްލޯތައް ރެވިނިއު މޭކް ކުރާނެ ފްލޯތަކަކަށް ވެގެންދާނީ،" ބައްސާމް ކުރިން ވިދާޅުވެފައި ވެއެވެ. "އެ ފައިސާ ހަރަދު ކުރެވިގެން ދާނީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާންގައި ރާއްޖޭގެ ހަމަ މިސަރަހައްދުގެވެސް ފުޓްބޯޅައަށް އޮތް އެންމެ ވަރުގަދަ ތަނަކަށް ހެދުމުގެ މަސައްކަތުގައި،"

ފުޓްސަލް ހާއްސަ އިންޑޯ އެރީނާ ހިމެނޭ އިމާރާތް ހަދަނީ، އެފްއޭއެމްގެ މިނީ ޓާފް ދަނޑުގެ ފަހަތުގައި އޮންނަ ހުސް ބިމުގަ އެވެ. ހަތަރު ބުރިއަށް ހަދާ އެ އިމާރާތުގެ ދެ ފަންގިފިލާ ހާއްސަ ކުރުމަށް ހަމަޖެހިފައި ވަނީ، ފުޓްސަލް އަށެވެ. އޭގެ ތެރެއިން އެއް ފުލާގައި އިންޓަނޭޝަނަލް މުބާރާތް ބޭއްވޭނެ ފެންވަރަށް އިންޑޯ ފުޓްސަލް އެރީނާއެއް ހިމެނޭނެ ކަމަށް އެފްއޭއެމުން ބުނެ އެވެ. ފުޓްސަލް އަށް ހާއްސަ ކުރާ އެނެއް ފަންގިފިލާ ބޭނުކުރާނީ ފުޓްސަލްގެ ޓްރޭނިންތަކަށެވެ. ހަތަރު ވަނަ ފަންގިލާ އާއި ގުރައުންޑް ފުލޯ ބޭނުން ކުރާނީ ވިޔާފަރީގެ ބޭނުމަށެވެ.

ސްކައި ވިންޑް ގުލޯބަލްއިން އަޅާ 20 ދަނޑުގެ ތެރެއިން ތިން ދަނޑު ހާއްސަ ކޮށްފައި ވަނީ މާލޭ ސަރަހައްދަށެވެ. އެ ތިން ދަނޑަކީ ކުޅިވަރު އެކުވެނީގައި އަޅާ ޓާފް ދަނޑު، ވިލިމާލޭގައި މިހާރު މަސައްކަތް ނިންމާފައި ޓާފް ދަނޑު އަދި ހުޅުމާލޭގައި ހުޅުވާ ފުޓްބޯޅަ ސްކޫލްގެ ދަނޑެވެ. ބާކީ 17 ދަނޑު އަޅާނީ ރާއްޖޭގެ އެކި ސަރައްހަދުތަކަށް ހާއްސަކޮށްގެން އެކި ރަށްރަށުގަ އެވެ.

އެފްއޭއެމްގެ އުމުރާނީ މަޝްރޫއުގެ ތެރެއިން މާލޭ ސަރަހައްދުގައި ގާއިމު ކުރާ ދެ މަޝްރޫއެއް ބާރު ސްޕީޑްގައި ދަނީ ކުރިއަށެވެ. ކުޅިވަރު އެކުވެނީގެ ދެކުނުން ހުޅަނގު ކޮޅުގައި ހަދާ ހަތަރު ބުރީގެ އިމާރާތް ބާރު ސްޕީޑްގައި ދަނީ ކުރިއަށެވެ. އެ އިމާރާތުގެ ފަންގިފިލާތަކުގެ ޝީޓް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އަދި ވިލިމާލޭގައި އެކޮމެޑޭޝަން ބްލޮކަކާއި އެކު އަޅާ ޓާފް ދަނޑު ހިމެނޭ މަޝްރޫ މި މަހު ނިމޭނެ ކަމަށް އެފްއޭއެމުން ބުނެ އެވެ. އަދި އައްޑޫގައި އިމާރާތް ކުރި އޮފީސް އިމާރާތުގެ މަސައްކަތްވެސް މިހާރު ވަނީ މުޅިން ނިމިފަ އެވެ.