ހަބަރު

ނައިބު ރައީސްއާ ގުޅުން އޮންނަ ރެހެންދި ފްލެޓްގެ ސީސީޓީވީ ފްޓޭޖް ގެންގޮސްފި

Oct 21, 2015

ސަރުކާރުގެ އިސްވެރިންނާއި ބައެއް ފަހަރު ނައިބު ރައީސް އަހުމަދު އަދީބު ވެސް ދިރިއުޅުއްވާ އަމީނީ މަގުގައި ހުންނަ، ރެހެންދި ފްލެޓް 2 ގެ ސީސީޓީވީ ފްޓޭޖް ތައް ފުލުހުން ގެންގޮސްފި އެވެ.

އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން އެތަނުގެ ސީސީޓީވީ ފްޓޭޖްތައް ގެންގޮސްފައި ވަނީ މީގެ ދެތިން ދުވަސް ކުރިންނެވެ. އަދި އެ ފްޓޭޖްތައް ހޯދުމަށް ފުލުހުންނަށް ހުއްދަ ދިން ކޯޓު އަމުރުގައިވާ ގޮތުގައި އެ ފްޓޭޖްތައް ގެންދަނީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއަކާ ގުޅޭ ގޮތުން ފުލުހުން ކުރާ ތަހުގީގުގެ ބޭނުމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ހެކި ހޯދުމަށް ޓަކައި ފުލުހުން ބަލައިފާސްކުރަން ޖެހޭ ތަންތަން ފާސްކުރުމާއި އެހެން ވެސް ކަންކަން ކުރިއަށް ދާ ކަމަށެވެ. އަދި ވަކި ހާއްސަ ތަނެއް ބަލައި ފާސްކުރިކަން ނުވަތަ ނޫންކަން ކަށަވަރުނުކޮށްދެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ފްލެޓްގައި ޕީޖީ މުހުތާޒު މުހުސިން އާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ ވެރިންނާއި ބައެއް ފަހަރު ނައިބު ރައީސް ވެސް އެތަނުގައި އުޅުއްވަ އެވެ. އަދި ބައެއް ބޭފުޅުންނާ ވެސް ނައިބު ރައީސް އެތަނުގައި ބައްދަލުވުންތައް ބާއްވާ ކަމަށް ވެސް އެނގިފައިވެ އެވެ.

މީގެ އިތުރުން ފުލުހުން ވަނީ ނައިބު ރައީސްގެ ބޮޑު ބޭބެއެއް ކަމަށްވާ މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ދިރިއުޅުއްވާ މ. ޝުރާމަންޒިލް ފާސްކޮށް އެ ގޭގައި ހުރި ސީސީޓީވީ ފްޓޭޖް ގެންގޮސްފަ އެވެ. އަދި ނައިބު ރައީސްގެ ވަރަށް ގާތްބޭފުޅެއް ކަމަށްވާ، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އެޕާޓްމަންޓާއި އެމްއެމްޕީއާރުސީ ވެސް ވަނީ ފާސްކޮށް ބައެއް ތަކެތި ގެންގޮސްފަ އެވެ. އަދި ޒިޔަތު މިހާރު ވަނީ ތިން ފަހަރެއްގެ މަތިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފަ އެވެ.