ބޮލީވުޑް

"އަންތިމް"ގައި ސަލްމާން ކުޅެނީ ޕަންޖާބު މީހެއްގެ ރޯލު

ސަލްމާން ޚާނާއި އޭނާގެ ޅިޔަނު އަޔޫޝް ޝަރުމާ ބައިވެރިވާ "އަންތިމް: ދަ ފައިނަލް ޓްރުތު" ގެ ޝޫޓިން ފަށައިފި އެވެ. މި ފިލްމުގެ މަސައްކަތް ސަލްމާން ފަށާފައި ވަނީ ލޮކްޑައުން ކުރިއިރު އޭނާ ކުޅެ ނުނިމި އޮތް "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" ގެ ޝޫޓިން ފުރިހަމަ ކުރުމަށް ފަހުގަ އެވެ.

"ރާދޭ" ރިލީޒް ކުރަން ކުރިން ހަމަޖައްސާފައި އޮތީ މިއަހަރުގެ ކުޑަ އީދުގަ އެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ވަބާ ފެތުރި ޝޫޓިންގްތައް ހުއްޓި ސިނަމާތައް ބަންދު ކުރަން ޖެހުމުން ފިލްމު ލަސްވީ އެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.

މިހާރު "ރާދޭ" ނިންމާފައި "އަންތިމް" ގެ ޝޫޓިން ސަލްމާން ވަނީ ފަށާފަ އެވެ. ބެލެވޭ ގޮތުގައި ގެއްލުނު ވަގުތު ގިނަ ކަމުން އިތުރަށް އެންމެ ސިކުންތެއް ވެސް މަސައްކަތް ނުކޮށް ހުންނަން މިހާޜު ސަލްމާން ބޭނުމެއް ނުވެ އެވެ. އޭނާގެ މަސައްކަތުގެ ސްޕީޑުން ހީވަނީ މި ކަހަލަ ގޮތެކެވެ.

"އަންތިމް"ގައި ސަލްމާން ހުންނަ ސިފަ ފެންނަ ފޮޓޮއެއް އޭނާގެ ޅިޔަނު ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުން ޝެއާކޮށްފަ އެވެ. މި ފޮޓޯގައި ސަލްމާން ހުރީ ގަދަ ނޫކުލައިގެ ގަމީހެއް ލައިގެން ބޮލުގައި ސިކު މީހުން އަޅާ ކަހަލަ ފަގުޑިއެއް އަޅައިގެންނެވެ. އެހެންކަމުން މި ފިލްމުގައި ސަލްމާންގެ ކެރެކްޓާ އަކީ ސިކުމީހެއްގެ ކެރެކްޓާ ކަމަށް ބެލެވޭ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.

މަހޭޝް މަންޖްރޭކަރް ޑައިރެކްޓްކުރާ މި ފިލްމުގައި ސަލްމާން ކުޅެނީ ފުލުހެއްގެ ރޯލެވެ.

"އަންތިމް"އަކީ ސަލްމާން ފަގުޑިއެޅި މީހެއްގެ ރޯލު ކުޅޭ ފުރަތަމަ ފިލްމެއް ނޫނެވެ. "ހީރޯސް" ކިޔާ ފިލްމެއްގައި ވެސް ސަލްމާން ފަގުޑިއެޅި މީހެއްގެ ރޯލު ކުޅެފައި ވެއެވެ.

ފިލްމާ ގުޅޭ މައުލޫމާތު އެނގޭ މިހަކު އިންޑިޔާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި "އަންތިމް" ގައި ސަލްމާންގެ ކެރެކްޓާ އަކީ ވަރަށް ގޮތްދޫނުކުރާ ވަރުގަދަ ފަގުޑިއެޅި ފުލުހެއްގެ ބައި ކަމަށެވެ. މި ފިލްމުގައި ސަލްމާން މަސައްކަތް ކުރަނީ ގޭންގްތަކުން ކުރާ ކުށްތައް ހުއްޓުވައި ގޭންގްތައް ނައްތާލުމުގެ މަސައްކަތެވެ.

"އަންތިމް"އަކީ އަޔޫޝްގެ ދެ ވަނަ ފިލްމެވެ. އޭނާ ބޮލީވުޑަށް ތައާރަފްވީ ސަލްމާން ޕްރޮޑިއުސްކޮށްދިން "ލަވްޔާތުރީ" އިން 2018 ގައެވެ.
"ރާދޭ"ގައި ސަލްމާން އާއެކު ބަތަލާގެ ރޯލު ކުޅެނީ ދިޝާ ޕަޓްނީ އެވެ.