ހަބަރު

ހަތިޔާރު ގުދަނެއްގެ މަސައްކަތް ބޭރު ބަޔަކު ނުކުރޭ: އުލިގަމު ކައުންސިލް

ހއ އުލިގަމުގައި ބޭރު ކުންފުންޏަކުން ހަތިޔާރު ގުދަނެއް ހަދާކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި އެފަދަ ތަނެއް ހެދުމުގެ މަސައްކަތް އެރަށުގައި އެއްވެސް ފަރާތަކުން ނުކުރާ ކަމަށް އުލިގަމު ކައުންސިލުން ބުނެފި އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން އުލިގަމު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޒިޔާދު ވިދާޅުވީ، އެރަށުގައި ސިޓީހޮޓަލެއް އެޅުމަށް ޓޫރިޒަމް މިނިސްޓްރީއަށް ދިން ބިމުގައި މޯލްޓާގެ ބަޔަކު ހަތިޔާރު ގުދަނެއް ހަދަން އުޅޭ ކަމަށް ބުނާ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށެވެ.

ހަބަރު ފެތުރިފައިވާ ގޮތުގައި މޯލްޓާގެ ކުންފުންޏަކުން ހަތިޔާރު ގުދަނެއް ހަދައި ރާއްޖެ ސަރަހައްދުން ދަތުރު ކުރާ ބޯޓުތަކަށް ސަލާމަތްތެރިކަމުގެ ހިދުމަތް ދިނުމަށް ފެސިލިޓީތަކެއް ހަދަނީ، 2007 ވަނަ އަހަރު އުލިގަމުގައި ސިޓީ ހޮޓަލެއް އަޅަން އެމްޓީޑީސީއަށް ދޫކުރުމަށް ފަހު. މީގެ އަހަރެއްހާ ދުވަސް ކުރިން ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ 36 ހެކްޓަރުގެ ބިމުގަ އެވެ.

ޒިޔާދު ވިދާޅުވީ އެތަނުގައި ހޮޓަލެއް އެޅުމުގެ މަސައްކަތް އެމްޓީޑީސީ އިން ހުއްޓާލި ގޮތަށް އަދިވެސް އެ ސަރަހައްދު އޮތީ ހުސްކޮށެވެ. އެތަނުގައި އެއްވެސް ފަރާތަކުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

"އެތަން މިހާރުވެސް އޮންނަނީ ފަޅަށް. އެތަނުގައި އަދި އެއްވެސް މަސައްކަތެއް ނުކުރާތީ ތަން ސާފުކުރަނީވެސް މިރަށުގެ މީހުން. އެމްޓީޑީސީން އެތަނުގެ މަސައްކަތް ހުއްޓާލާފައި އޮންނަތާ ފަސް އަހަރު ވެއްޖެ. އެމީހުން އެ މަސައްކަތް ނުކުރާތީ ސަރުކާރުންވެސް އެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރި. އަޅުގަނޑަކަށް ނޭނގެ އެތަން އެމްޓީޑީސީ ނޫން ބަޔަކާ ހަވާލުކުރިކަމެއް،" ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ އެ ބިމަކީ ފުދޭ ވަރަކަށް ފަޅު އިމާރާތްތައް ހުރި ބިމަކަށް ވާތީ އެތަން ސާފުކުރަނީވެސް ރަށުގެ މީހުން ކަމަށެވެ. އަދި ތަނުގެ ސެކިއުރިޓީވެސް ބަލަހައްޓަނީ ރަށުގެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް މިނިވަންކޮށް އެންމެނަށް ވެސް ވަދެވޭ ގޮތަށް އެތަން އެ އޮންނަނީ. އަޅުގަނޑުމެންނަކަށް ފާހަގައެއް ނުވޭ އެތަނަށް އެއްވެސް ބޭރު ބަޔަކު އައިސް ގޮސް އުޅޭ ކަމަކަށް،" ޒިޔާދު ވިދާޅުވި އެވެ.

ސިޓީ ހޮޓާ އަޅަން ދީފައިވާ ބިމުގައި އެއްވެސް މަސައްކަތެއް ކުރަމުން ނުދާތީއާއި އެބިމުން އުލިގަމަށް އެއްވެސް އާމްދަނީއެއް ލިބެމުން ނުދާތީ އެ ބިމުގެ މައްސަލައެއް މިހާރު ދަނީ ކޯޓުގައިވެސް ހިނގަމުންނެވެ.