މާލޭގައި ގޭގެއިން ކުނި ނެރެން ޖެހޭ ވަގުތުތަކަށް ބަދަލު ގެންނަން ނިންމައިފި އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މާލޭގައި ވެމްކޯއިން ކުނި އުކާލުމުގެ ހިދުމަތް ދިނުމުގައި ބަދަލުތަކެއް ގެނައެވެ. އެގޮތުން ވެމްކޯއިން ކަނޑައަޅާފައިވާ ވަކި ވަގުތެއްގައި ގޭބީސީތަކުން ކުނި ބޭރަށް ނެރެން ޖެހެއެވެ.
މިހާރު ކުނި ނެރެން އަންގާފައި އޮންނަނީ މެންދުރު 12 އިން ދޭއް ޖެހުމާއި ހަމައަށެވެ. ނަމަވެސް އެ ގަޑިތަކުގައި ބޭރަށް ނެރޭ ކުނި ބަލާ ނައިސް ގިނައިރުތަކެއް ވާތީ އާންމުން ކަންބޮޑުވުން ފާޅުކުރެއެވެ.
މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވީ ކުނިކޮތަޅުތައް މުޅި ދުވަހު މަގުތައް މަތީ ހުންނަ ހުރުން ނިމުމަކަށް ގެނައުމަށް ގޭގެއިން ކުނި ނެރެން ޖެހޭ ގަޑި ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ. ކުރިއަށް އޮތްތާ ގޭގެއިން ކުނި ބޭރަށް ނެރެން ޖެހޭނީ ރޭގަނޑުއެވެ. ޝިފާ ވިދާޅުވި ގޮތުގައި ކުނި ނެެރެން ކަނޑައަޅާފައިވަނީ ރޭގަނޑު 10 ކުން 12 އަށެވެ.
ނަމަވެސް އެ ނިންމުމަށް އަމަލު ކުރަން ފަށާނެ ވަކި ތާރީހެއް ނުބުނެއެވެ. އެ ނިންމުމަށް އަމަލު ކުރަން ފެށުމުން ވެމްކޯގެ މުވައްޒިފުންނަށް ފަސޭހަކާއެކު ކުނި ނެގޭނެކަން މޭޔަރު ފާހަގަ ކުރެއްވިއެވެ. އަދި ދުވާލު މުޅި މަގުތަކުގައި ކުނި ބަހައްޓާފައި ހުރުން ނިމުމަކަށް އައިސް މާލެ ތެރެ ސާފު ތަނަކަށް ހެދުމަށް މަގުފަހިވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.