މާލޭ ސިޓީ ކައުންސިލް

ލޮނުޒިޔާރަތް ޕާކަށް 50،000 މީހުން ޒިޔާރަތް ކޮށްފި

މާލޭގެ ލޮނުޒިޔާރަތްކޮޅުގެ އަޑި ޕާކްގައި ތަރައްގީ ކޮށްފައިވާ ލޮނުޒިޔާރަތް ޕާކަށް 50،000 މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ. މިދިޔަ މަހުގެ 11 ވަނަ ދުވަހު ހުޅުވި އެ ޕާކަށް މަސް ދުވަސްތެރޭ ބައިލައްކަ މީހުން ޒިޔާރަތް ކޮށްފައިވާއިރު ބައިލައްކަ ވަނަ މީހާއަށް ސިޓީ ކައުންސިލުން ވަނީ މަރުހަބާ ކިޔާފައެވެ.

މިދިޔަ ދެ އަހަރުތެރޭ މާލޭގައި ތަރައްގީކުރި ހަމައެކަނި ޕާކް ކަމަށްވާ ލޮނުޒިޔާރަތް ޕާކަށް ޒިޔާރަތްކުރި 50،000 ވަނަ މީހާއަށް ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވަނީ މަރުހަބާ ކިޔާފައެވެ. އަދި އެ މީހާއަށް ވަނީ ގަސް ހަދިޔާ ކޮށްފައެވެ.

ޕޮންޑަކާއި، ޕޮންޑް ހުރަސް ކުރެވޭ ގޮތަށް ކުޑަ ބްރިޖަކާއި، އުސްފަސްގަނޑެއް ހިމެނޭ ގޮތަށް ތަރައްގީ ކޮށްފައިވާ މި ޕާކު އާދިއްތަ ދުވަސް ފިޔަވާ އެހެން ދުވަސްތަކުގައި ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައި ހުޅުވަ އެވެ. 300 އަށްވުރެ ގިނަ ބެންޗާއި ކަސްރަތަށް ދުވާ ލޭނެއްގެ އިތުރުން ބައިސްކަލު ދުއްވާ ލޭނެއް ވެސް ހިމެނޭ މި ޕާކަކީ ދައުލަތުން 16.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ޕާކެކެވެ.