ބޮލީވުޑް

ޑައިރެކްޓަރު ރޭމޯ ޑިސޫޒާ ހާޓް އެޓޭކެއް ޖެހި އައިސީޔޫގައި

ބޮލީވުޑްގެ މަޝްހޫރު ކޯރިއޮގްރާފަރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާއަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފި އެވެ. ރޭމޯ މިހާރު އޮތީ މުމްބައިގެ ކޮކީލާބެން ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.

ރޭމޯގެ އަންހެނުން ލިޒޭލް ނެރެފައިވާ ބަޔާނެއްގައި ބުނިގޮތުގައި ރޭމޯގެ ހިތަށް ލޭ ފޮނުވައިދޭ ނާރެއް ބްލޮކްވެފައި ހުރުމުން މިހާރު ވަނީ އެންޖިއޮޕްލާސްޓީ ސާޖަރީ ހަދާފައިވާ ކަމަށާއި ފުރާނައަށް ނުރައްކަލެއް ނެތް ކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށެވެ. ނަމަވެސް ކުރިޔަށް އޮތް 24 ގަޑިއިރު ވަރަށް ރަނގަޅަށް ރޭމޯގެ ހާލަތު މޮނިޓާކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ލިޒޭލް ބުންޏެވެ.

ރޭމޯ އަށް ހާޓް އެޓޭކެއް ޖެހުނީ ހުކުރު ދުވަހު މެންދުރުފަހުގެ ވަގުތެއްގަ އެވެ.

ރޭމޮ އަކީ މަޝްހޫރު ކޯރިއޮގްރާފަރެއްގެ އިތުރުން ވަރަށް މޮޅު ނެށުންތެރިއެއް ވެސް މެއެވެ. އަދި ފިޓްކޮށް ހުރުމަށްޓަކައި އަބަދު ޖިމްއަށް ގޮސް ކަސްރަތުކުރާ މީހެކެވެ. އޭނާގެ އަންހެނުން ވެސް ވަރަށް ފަލަކޮށް ހުރެފައި ކަސްރަތު ކޮށްގެން މިހާރު ހުރީ ވަރަށް ބޮޑަށް ހިކިފަ އެވެ.

ރޭމޯ އާއި އަންހެނުން ޖިމްގައި ކަސްރަތުކުރާ ވީޑިއޯތައް އެމީހުންގެ އިންސްޓަގްރާމް އެކައުންޓްތަކުން ވަރަށް ގިނައިން ޝެއާ ކުރަމުން ގެންގޮސްފައި ވެއެވެ. ރޭމޯއަކީ އަބަދުވެސް ހިކިކޮށް ހުންނަ މީހަކަށް ވިޔަސް ކަސްރަތުކޮށް ފަހުން ހުންނަނީ އަދި މާ ބޮޑަށް ފިޓްކޮށެވެ.

ރޭމޯ އެންމެ ފަހުން ޑައިރެކްޓްކުރީ ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރުގެ "ސްޓްރީޓް ޑާންސާ 3ޑީ" އެވެ. މި ފިލްމުގައި ގިނަ އަދަދެއްގެ ކޯރިއޮގްރާފަރުންނާއި ނެށުންތެރިން ރޭމޯ ވަނީ ބައިވެރިކޮށްފަ އެވެ. އޭގެ ކުރިން އޭނާ ޑައިރެކްޓްކުރި ސަލްމާން ޚާން އާއި ޖެކްލީން ފެނާންޑިސްގެ "ރޭސް 3" އެވެ.

އަދި ސްޓާ ޕްލަސްގެ ޑާންސް ރިއަލިޓީ ޝޯއެއްގައި އުފައްދައި އެ ޝޯގައި އެންމެ މުހިއްމު ރޯލެއް ކުޅެނީ ރޭމޯ އެވެ.