ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިންގެ ޝަރަފުގެ ހިނގާލުން ތިން ރަށެއްގައި ބާއްވަން ނިންމައިފި އެެވެ.
އެއެންޑީއެފުން ބުނީ ތިން މަސް ދުވަހަށް ޅ. މާފިލާފުށީގައި ކުރިއަށްގެން ދިޔަ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ބާއްވާނީ އުތުރުގެ ތިން ރަށެއްގައި ކަމަށެވެ. އެއީ ކުޅުދުއްފުށީ ސިޓީ އާއި ހއ. ދިއްދޫ އާއި އެ އަތޮޅު އިހަވަންދޫގަ އެވެ.
މި މަހުގެ 17 ވަނަ ދުވަހު، ޝަރަފުގެ ހިނގާލުން އޮންނާނީ ކުޅުދުއްފުށި ސިޓީގަ އެވެ. އަދި 18 ވަނަ ދުވަހު ދިއްދޫގަ އެވެ. އިހަވަންދޫގައި ހިނގާލުން އޮންނާނީ 19 ވަނަ ދުވަހުއެވެ. ތިން ރަށުގައި ހިނގާލުން ބާއްވާނީ އެ ރަށްތަކުގެ ބޮޑެތި މަގުތަކުގަ އެވެ. ހިނގާލުން އޮންނަ ދުވަސްތަކުގެ ރޭގަނޑު، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން އެ ރަށްރަށުގައި ހަވާ އަރުވާނެ އެވެ.
ފަސްދޮޅަށް ހަވަނަ ތަމްރީނު ކޯހުގެ ދަސްވެނިވުން އޮންނާނީ މި މަހުގެ 15 ވަނަ ދުވަހު މާފިލާފުށީގައި ހުންނަ "ދަ ބޭސިކް ސްކޫލު" ގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. މި ފަހަރުގެ ކޯހުގައި 97 ދަރިވަރުން ބައިވެރިވެފައި ވެއެވެ.
މިއީ ސިފައިންގެ އަސާސީ ތަމްރީނު ކޯހެއްގެ ދަސްވެނިވުން ފާހަގަ ކުރަން ބާއްވާ ހިނގާލުން އާންމުންގެ ތެރޭގައި މިގޮތަށް ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިފަދަ ހިނގާލުންތައް ބާއްވަނީ ސިފައިންގެ ތަމްރީނު މަރުކަޒުތަކާއި ހެޑްކްއޯޓަރުގަ އެވެ.
އެމްއެންޑީއެފުން ބުނީ މި އަހަރުން ފެށިގެން، ރާއްޖޭގެ އެކި ރަށްރަށުގައި ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ބާއްވަން ނިންމާފައިވާ ކަމަށެވެ.