އެމްއެންޑީއެފް

ސިފައިންގެ ހިނގާލުމާއެކު ކުޅުދުއްފުށީގައި ހަވާ އަރުވަައިފި

Dec 17, 2020
1

ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިންގެ ޝަރަފުގެ ހިނގާލުން ތިން ރަށެއްގައި ބާއްވަން ނިންމާފައިވާއިރު ހދ. ކުޅުދުއްފުށީގައި ޝަރަފްގެ ހިނގާލުން މިއަދު ބާއްވައިފި އެވެ. މީގެ އިތުރުން އެ ރަށުގައި މިރޭ ވަނީ ހަވާ ވެސް އަރުވާފަ އެވެ.

ތިން މަސް ދުވަހަށް ޅ. މާފިލާފުށީގައި ކުރިއަށްގެން ދިޔަ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ބާއްވަން ހަމަޖެއްސީ އުތުރުގެ ތިން ރަށް ކަމަށްވާ ކުޅުދުއްފުށީ ސިޓީ އާއި ހއ. ދިއްދޫ އާއި އެ އަތޮޅު އިހަވަންދޫގަ އެވެ. ޝަރަފުގެ ހިނގާލުން މިއަދު އޮތީ ކުޅުދުއްފުށީގައެވެ.

ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި މިއަދު ޝަރަފްގެ ހިނގާލުން ކުރިއަށް ދިޔަ ވަގުތު ގިނަ ބަޔަކު ވަނީ މަގުތަކަށް ޖަމާވެފައެވެ.

ޝަރަފްގެ ހިނގާލުން މާދަމާ އޮންނާނީ ދިއްދޫގަ އެވެ. އިހަވަންދޫގައި ހިނގާލުން ހޮނިހިރު ދުވަހުއެވެ. ހުކުރު އަދި ހޮނިހިރު ދުވަހު ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން އެ ދެ ރަށުގައި ހަވާ އަރުވާނެ އެވެ.

ފަސްދޮޅަށް ހަވަނަ ތަމްރީނު ކޯހުގެ ދަސްވެނިވުން އޮތީ މި މަހުގެ 15 ވަނަ ދުވަހު މާފިލާފުށީގައި ހުންނަ "ދަ ބޭސިކް ސްކޫލު" ގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. މި ފަހަރުގެ ކޯހުގައި 97 ދަރިވަރުން ބައިވެރިވެފައި ވެއެވެ.

މިއީ ސިފައިންގެ އަސާސީ ތަމްރީނު ކޯހެއްގެ ދަސްވެނިވުން ފާހަގަ ކުރަން ބާއްވާ ހިނގާލުން އާންމުންގެ ތެރޭގައި މިގޮތަށް ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިފަދަ ހިނގާލުންތައް ބާއްވަނީ ސިފައިންގެ ތަމްރީނު މަރުކަޒުތަކާއި ހެޑްކްއޯޓަރުގަ އެވެ.

އެމްއެންޑީއެފުން ބުނީ މި އަހަރުން ފެށިގެން، ރާއްޖޭގެ އެކި ރަށްރަށުގައި ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ބާއްވަން ނިންމާފައިވާ ކަމަށެވެ.