ކުރިމަތިލާ ހުރިހާ މެޗަކުން މޮޅުވުން ނޫން ގޮތެއް މާޒިޔާގައި ނޯންނާނެ ކަމަށް އެ ޓީމުގެ ކޯޗް މުހައްމަދު ނިޒާމް ބުނެފި އެވެ.
ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ޔުނައިޓެޑް ވިކްޓަރީ އާ ދެކޮޅަށް ކުޅޭ މެޗުގެ، ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ނިޒާމް ބުނީ މާޒިޔާ އާ ދެކޮޅަށް ނުކުންނަ ހުރިހާ ޓީމަކުން ނުކުންނާނީ މާޒިޔާ މެޗުން މޮޅުވިޔަ ނުދޭން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން ވިސްނައިގެން ކަމަށެވެ. މެޗު އެއްވަރު ކޮށްލައިގެން މާޒިޔާއަށް ފަރުޖައްސާ ލެވެން ނޯންނާނެ ކަން ނިޒާމް ފާހަގަ ކުރި އެވެ. މާޒިޔާ އާ ދެކޮޅަށް މި ސީޒަންގައި ކޮންމެ ޓީމެއް ނުކުތަސް އިދިކޮޅަށް ނުކުންނަ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށް މާޒިޔާ ދެކެން ޖެހޭނެ ކަމަށް ނިޒާމް ބުންޏެވެ.
"އެ ސީރިއަސްކަން ގެންނަން ޖެހޭ އެންމެ މުހިންމު އެއް ސަބަބަކީ މާޒިޔާއަށް މެޗުން މޮޅުވުން ނޫން އެހެން އެއްވެސް ސަބަބެއް ނީންނާނެ .. އެ ވިސްނުމުގައި މާޒިޔާ ނުކުންނައިރު މާޒިޔާއަށް އެއްވެސް މެޗެއް ފަސާހައެއް ނުވާނެ," ނިޒާމް ވާހަކަ ކުރިއަށް ގެންދިޔަ އެވެ. " މާޒިޔާ މެޗުން މޮޅުވިޔަ ނުދޭން އޮޕޮޒިޝަން ޓީމުން އެމީހުންނަށް ކުރެވުނު ހުރިހާ ކަމެއް ކުރާނެ. އެކަމާ (ޓެކްލު ކުރަން) އެންމެ މުހިންމު ކަމަކީ މާޒިޔާގެ ވިސްނުން. މާޒިޔާގެ ވިސްނުމަކީ މެޗުން މޮޅުވާން. އެހެންވީމަ މާޒިޔާއިން އެ ޕްރެޝާ ނަގައިގެން ކުރިއަށް ދާނީ."
ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ ވަނީ ކުލަބު އީގަލްސް އަތުން 3-2 ން ބަލިވެފަ އެވެ. މާޒިޔާ މެޗުން ބަލިވެގެން ދިޔައީ އެ ޓީމު އަތުގައި ދެ ލަނޑުގެ ލީޑެއް އޮތްވައި، އީގަލްސްއިން ދެ ވަނަ ހާފުގައި ފަހަތުން ކާމިޔާބު ކުރި ތިން ލަނޑުންނެވެ. މާދާމާ ޔުނައިޓެޑް ވިކްޓަރީ އާ ދެކޮޅަށް ނުކުންނާނީ ޗެރިޓީ ޝީލްޑްގެ ބަލިން އަރައިގަންނަތޯ ސުވާލު ކުުރުމުން ނިޒާމް ބުނީ، ވިސްނުމަކީ ލީގްގެ ފުރަތަމަ މެޗަށް ވަތީ ލީގް ރަނގަޅު ނަތީޖާއަކުން ފެށުން ކަމަށެވެ.
"އެ މެޗުން އަރައި ގަންނާކަށް ނޫން އޭގެ ބަދަލުގައި ލީގްގެ ފުރަތަމަ މެޗަށް ވާތީ ލީގްގެ ފެށުން ރަނގަޅު ކުރަން،" 2018 ވަނަ އަހަރުގެ ލީގް ޓީސީ އަށް ހޯދައިދިން ކޯޗް ބުންޏެވެ. "އެއީ އެންމެ މުހިންމު ކަމަކީ. އެގޮތުން އެ ވިސްނުން ސިކުނޑިއަށް ގެނެސްގެން ވެދިޔަތަން ދޫކޮށްލާފަ ހަމަ ލީގްގެ ފުރަތަމަ މެޗުން މޮޅު ހޯދަން ނުކުންނާނީ"
ދެ އަހަރުގެ މެދުކަނޑުމަކަށް ފަހު، ރާއްޖޭގެ ލީގް މަސައްކަތް ކުރަން ނުކުންނަ ކޯޗް ބުނީ، މެޗަށް މާޒިޔާ ނުކުންނައިރު ވިސްނަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. މާދަމާ މެޗަށް ނުކުންނާނީ އެހުރިހާ ވިސްނުމެއް ބޮލަށް ލައިގެން އެކަންކަމަށް އެންމެ ރަނގަޅަށް ތައްޔާރު ވެގެން ކަމަށް ނިޒާމް ބުންޏެވެ.
ޗެރިޓީ ޝީލްޑް މެޗުގައި އަނިޔާވެގެން ބަދަލު ކުރަން ޖެހުނު، ސާބިއާގެ ޑިފެންޑަރު ޕީޓާ ޕްލަނިޗް މުޅިން ރިކާވާ ނުވާތީ މާދަމާގެ މެޗުން ނުފެންނާނެ ކަމަށް ނިޒާމް ބުންޏެވެ. އެ މެޗުގައި މާޒިޔާގެ ކީޕަރު ސާބިއާގެ ނިކޮލާ ވޫޖަނަކްގެ މިސްޓޭކުން ލަނޑު ވަން ކަން ފާހަގަ ކޮށް އެކަމާ މެދު ސުވާލު ކުރުމުން ނިޒާމް ބުނީ، ޓެކްޓިކަލް ނަޒަރުން ވިސްނާއިރު ކީޕަރުގެ ގޯހެއް އުޅޭކަމަށް ނުދައްކާ ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ދަނޑުގައި ފުރަތަމަ ކުޅުނު މެޗަށް ވުމުން އޭނާއަށް އުނދަގޫތަކެއް ހުރިކަން ނިޒާމްވެސް ފާހަގަ ކުރި އެވެ. އެހެންނަމަވެސް ކުރިއަށް ހުރި މެޗުތަކުގައި ކީޕަރު ފަރާތުން 100 ޕަސަންޓް ފެންނާނެ ކަމުގެ ޔަގީންކަން ނިޒާމް ދިނެވެ.