ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމުގައި ރާއްޖެއަކީ ނަމޫނާ މަސައްކަތްތަކެއްކުރާ ގައުމަކަށް ހަދަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ދެއްވައިފި އެވެ.
އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ޕެރިސް އެއްބަސްވުމަށް ފަސްވަނަ އަހަރު ފުރުން ފާހަގަ ކުރަން އދ، އިން އޮންލައިންކޮށް ބޭއްވެވި ކްލައިމެޓް އެމްބިޝަން ސަމިޓުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ސަމިޓަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރަން ގައުމުތަކުން ނިންމާފައިވާ މުހިންމު ނިންމެވުންތަކާއި އަދި މިކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ މުސްތަގުބަލުގެ ތަސައްވުރުތައް އެއް ތަނެއްގައި ހިއްސާ ކުރަން ފަހިވެގެންދާ ސަމިޓެކެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން އޮތީ މޫސުމީ ކަންކަމަށް އަންނަ ބަދަލުތައް ދެނެގަނެ އެކަން ކުޑަ ކުރަން ކުރާމަސައްކަތުގައި ކުރިމަތިވާނެ ދަތިތަކާއި ކުރިމަތިލުމަށް ފުރިހަމަ ތައްޔާރުވެގެން ކަމަށާއި އެހެން ގައުމުތަކާއި ހިލާފަށް ރާއްޖެއަކީ މިހާރުވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރަމުންދާ ގައުމަކަށްވާތީ އެކަންކަން ކުޑަ ކުރަން ފިޔަވަޅު އަަޅަން ރާއްޖެއަށް މަޖުބޫރު ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި 2030 ވަނަ އަހަރުގެ ނިޔަލަށް، ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ރާއްޖޭގައި ބޭނުންކުރާ މިންވަރުގެ ހަތަރުބައިކުޅަ އެއްބައި ނައްތާލެވޭނެ ކަމަށާއި މިއީ ރަނގަޅު ފެށުމެއް ކަމުގައި ބަލައި މުސްތަގުބަލުގައި އެއަށްވުރެ ބޮޑު ތަސައްވަރަކާއިއެކު މަސައްކަތްކުރައްވާނެކަމަށް ވިދާޅުވި އެވެ.