ވިޔަފާރި

ކޮއްތައިފަރުގައި ހަދާ 60 މިލިއަން ޑޮލަރުގެ ރިސޯޓު އަންނަ އަހަރު ހުޅުވަނީ

Dec 13, 2020
1

ސްރީލަންކާގެ ކުންފުންޏަކުން ރ. ކޮއްތައިފަރުގައި ތަރައްގީ ކުރާ 60 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 924 މިލިއަން ރުފިޔާ) ގެ ރިސޯޓް އަންނަ އަހަރު ހުޅުވާނެ ކަމަށް ބުނެފި އެވެ.

ސްރީލަންކާގެ ސެންކެން އޯއޭސިސް ކުންފުނީގެ "އަލީލާ މޯލްޑިވްސް" ރިސޯޓު ތަރައްގީ ކުރަނީ ސިންގަޕޫރު ހޮސްޕިޓާލިޓީ ހޯލްޑިން ލިމިޓެޑް ކުންފުނިންނެވެ.

ސެންކެން ކުންފުނިން އަވަސް އަށް ބުނި ގޮތުގައި މި ރިސޯޓު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުޅުވޭނެ ކަމަށް ބެލެވޭއިރު، މި ރިސޯޓު ހިންގާނީ މަޝްހޫރު ހޮޓެލް ޗެއިން، ޕާކް ހަޔަޓްގެ ލަގްޒަރީ ލައިފް ސްޓައިލް ބްރޭންޑް "އަލީލާ" ބްރޭންޑުގަ އެވެ. އަދި މި މަޝްރޫއު ކުރި އަށް ގެންދަނީ ސްރީލަންކާގެ ސަމްޕަތް ބޭންކް ލިމިޓެޑާއި ކޮމާޝަލް ބޭންކް އޮފް ސްރީލަންކާ ގުޅިގެން ދީފައިވާ 30 މިލިއަން ޑޮލަރުގެ ޑެޓް ފައިނޭންސީން ފެސިލިޓީއެއްގެ އެހީގަ އެވެ.

އެ ކުންފުނީގެ ޑެޕިއުޓީ ގްރޫޕް ސީއީއޯ މިވަން ގުނަތިލެކަ ވިދާޅުވެފައިވާ ގޮތުގައި ބައިނަލް އަގުވާމީ ބާޒާރުގައި އެ ކުންފުންޏަށް ވިޔަފާރި ކުރެމުން ދަނީ ދެ ބޭންކުގެ ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ ކޮވިޑް-19 ގެ ބަލި ކޮންޓްރޯލްކޮށް ރާއްޖޭގެ ޓޫރިޒަމް ހަމަމަގަށް އަޅުވަން ކުރަމުންދާ މަސައްކަތް ފާހަގަ ކޮށްފަ އެވެ.

ކޮއްތައިފަރަކީ މިދިޔަ އަހަރު ރިސޯޓު ތަރައްގީ ކުރަމުން ދަނިކޮށް ތާރީހީ ސަރަހައްދެއް ފެނުނު ރަށެވެ. އަދި މި ސަރަހައްދު ފެނުމާއެކު ރިސޯޓުގެ ޕްލޭނަށް ބޮޑު ބަދަލެއް ގެނެސް އެ ތަން ހިމާޔަތް ކޮށްފައިވާ ކަމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމްއަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑު ތަކުން އިންވެސްޓްކޮށްފައިވާ ސިނާއަތެކެވެ. ރާއްޖޭގައި ރިސޯޓެއް ހަދަން ކުރާ އިންވެސްޓްމަންޓުގެ އަގު ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ތެރޭގައި ލިބެ އެވެ. މިހާރު ވެސް ރާއްޖޭގައި ގިނަ ރިސޯޓު ޕްރޮޖެކްޓްތައް ކުރިއަށް ގެންދެ އެވެ. އަދި ރިސޯޓު ހަދަން ދޫކޮށްފައިވާ 80 އެއްހާ ރަށް ނުހެދި ވެސް އެބަހުއްޓެވެ. އެހެންވެ، ސަރުކާރުން ދާދި ފަހުން ވަނީ ޓޫރިޒަމުން ގާނޫނަށް އިސްލާހު ގެނެސް މި ރަަށްތައް ހެދޭނެ ގޮތަށް ބަދަލެއް ގެނެސްފަ އެވެ. މި ބަދަލާއެކު ރަށުގެ ބައެއް ވިއްކާލައިގެން ރަށް ތަރައްގީކޮށް ހުޅުވުމުގެ ބާރު ރަށުގެ ވެރި ފަރާތައް ލިބިގެންދެ އެވެ.