މިދިޔަ އަހަރު ތަކަށް ވުރެ ޔުނައިޓެޑް ވިކްޓަރީގައި މި ސީޒަންގައި އޮތް ޓީމު ވަރުގަދަ ވުމުން އޭނާގެ އަމިއްލަ ޓާގެޓް ވެސް މަތިވެފައިވާ ކަމަށް އެ ޓީމުގެ ކޯޗް މުހައްމަދު އާދަމް ބުނެފި އެވެ.
ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ މެޗުގައި، މިއަދު ހަވީރު ޗެމްޕިއަން މާޒިޔާ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން މުހައްމަދު އާދަމް ބުނީ، ޓީމުގެ މެނޭޖުމެންޓުން އޭނާ އަށް ދީފައިވާ ޓަގެޓަކީ ގަދަ ތިނެއްގެ ތެރޭގައި ހިމެނުން ކަމަށާއި އެހެން ނަމަވެސް އޭނާގެ އަމިއްލަ ޓާގެޓަކީ އެއަށް ވުރެ މައްޗަށް ދިއުން ކަމަށެވެ.
ޔުނައިޓެޑް ވިކްޓަރީން ވަނީ ޓްރާންސްފާގައި ރަނގަޅު ކުޅުންތެރިންތަކެއް ސޮއި ކޮށްފަ އެވެ. މިޑްފީލްޑާ މުހައްމަދު އާރިފް (ބަކާ) އިސްމާއީލް އީސާ، އަދި މިދިޔަ އަހަރު ދަ ގްރާންޑޭއަށް ކުޅުނު އަހްމަދު ނިޒާމް އާއި ފ. ނިލަންދޫގެ ކެޕްޓަންކަން މިދިޔަ އަހަރު ކުރި ފަރުހާދު އިސްމާއީލް (ފަރޭ) ވެސް ވަނީ ޔޫވީއަށް ސޮއި ކޮށްފަ އެވެ.
"މެނޭޖްމެންޓުން ދީފައި އިނީ ޓޮޕް ތިރީ،" ޔުވީ އާއެކު އޭނާގެ ޓާގެޓާ ބެހޭގޮތުން މުހައްމަދު ވާހަކަ ދެއްކި އެވެ. "ދެން އެކަމަކު އަޅުގަނޑު ހަމަ ބޭނުން ވަނީ ލީގް ނަގަން ހަމަގައިމުވެސް ގަދަ ދޭކަށް ވުރެ ދަށަށް ދާކަށް އަޅުގަނޑު ބޭނުމެއް ނޫން. ހިތެއް ގަބޫލެއް ނުކުރޭ."
އެ ޓާގެޓަށް ވާސިލު ނުވެވިއްޖެއްޔާ ނާކާމިޔާބެއްކަމަށް ގަބޫލު ކުރާނަންތޯ ސުވާލު ކުރުމުން މުހައްމަދު ބުނީ، ނާކާމިޔާބެއް ކަމަށް ގަބޫލު ކުރާނެ ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ، ޕްރީ ސީޒަނަށް ލިބުނު ދުވަސް މަދުކަން މެނޭޖްމެންޓްގައިވެސް އޭނާ ފާހަގަ ކޮށްފައި ވާނެ ކަމަށެވެ.
މި ސީޒަންގައި ޔުނައިޓެޑް ވިކްޓަރީން ރީތި ފުޓްބޯޅައެއް ކުޅޭތަން ފެންނާނެކަމަށް މުހައްމަދު ބުންޏެވެ. އޭނާ ބުނީ މިދިޔަ ސީޒަންގެ މެދުތެރެއިން ޓީމާ ހަވާލުވެ ޔޫވީގެ ގޭމް ބަދަލު ކުރުމުގެ މާ ބޮޑު ފުރުސަތެއް އޭނާއަށް ނުލިބޭ ކަމަށެވެ. އެހެންނަމަވެސް އާ ސީޒަނަށް ތައްޔާރުވާން ލިބުނު ފުރުސަތުގައި ގޭމް ބަދަލު ކުރުމަށް އިސްކަން ދީފައިވާނެ ކަމަށް އޭނާ ބުންޏެވެ. އެކަމަށް އެންމެ ބޮޑަށް މަގުފަހިވީ ބަކާ އާއި މެސީ ޓީމާ ގުޅުމުން ކަމަށް ކުރިން ލަންކާގެ ލީގްގައި މަސައްކަތް ކުރި ކޯޗް ބުންޏެވެ.
"މި އަހަރު ޕާސިން ގޭމް ކުޅޭ ދެތިން ކުޅުންތެރިން ޓީމާ ޖޮއިން ކޮށްފަ އިނީ އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ އިސްމާއީލް އީސާ އޭނައަކީ ވަރަށް ރީތި ޕާސްތަކެއް ދީގެން ކުޅޭ މީހެއް، ދެން އަނެއްކާ ކެޕްޓަން ބަކާ އަކީވެސް ރަނގަޅު ޕާސްތަކެއް ކުރާ މީހެއް،" މިދިޔަ އަހަރު ވިކްޓަރީން ރާއްޖޭގެ ލީގްގައި ފުރަތަމަ ފަހަރަށް މަސައްކަތް ފެށި ކޯޗް ބުންޏެވެ. "އެހެންވީމަ އަސްލުގައި ޖޮއިން ކުރި ކުޅުންތެރިންގެ ސަބަބުން ބޭނުންވާ ފުޓްބޯޅަ ކުޅެން ފަހިވީ."
ޗެމްޕިއަން މާޒިޔާ އާ ފުރަތަމަ މެޗުގައި ކުޅެން ޖެހުނަސް އޭނާގެ ޓީމާ މެދު އިތުބާރު އެބައޮތް ކަމަށް މުހައްމަދު ބުންޏެވެ. އެހެންނަމަވެސް މާޒިޔާ އާ ދެކޮޅަށް ކުޅޭއިރު އުނދަގޫތަކެއް ހުންނާނެ ކަމަށް އޭނާ އެއްބަސް ވެ އެވެ. "ކޮންމެ ގޮތެއް ވިޔަސް މިހާރު ރާއްޖެގައި އޮތް އެންމެ ވަރުގަދަ ޓީމަކީ މާޒިޔާ އެ މީހުންނާ ކުޅޭއިރު ހުންނާނެ ތަންކޮޅެއް އުނދަގޫ ކަންތައްތަކެއް. މިދޔަ ވީކްގައި ކުރި ހުރިހާ ޕްރެކްޓިސްތަކެއް ފޯކަސް ކުރީ މާޒިޔާގެ މެޗަށް ތައްޔާރު ވެގެން."
މިދިޔަ އަހަރު އޮތް ޔޫވީ ޓީމާއި މިހާރު އޮތް ޔޫވީ ޓީމާ އަޅާބަލާއިރު މިހާރު އޮތް ޓީމު 100 ޕަސަންޓް ތަފާތު ވާނެ ކަމުގެ ޔަގީންކަން މުހައްމަދު ދިނެވެ. ޕްރީ ސީޒަންގައި މުހައްމަދު އާއެކު ޔޫވީ ޓީމުގައި ތަޖުރިބާކާރު ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ވަނީ ޕްރެކްޓިހަށް ނުކުމެފަ އެވެ. އޭގެ އިތުރުން ކުރީގެ ގޯލްކީޕަރު އިސްމާއީލް ޒަރިއަންދުވެސް ވަނީ ގޯލްކީޕަރު ކޯޗެއްގެ ގޮތުގައި ޔޫވީގެ ޕްރެކްޓިހަށް ނުކުމެފަ އެވެ. މުހައްމަދު ބުނީ ސާންތީ އާއި ޒަރިއަންދު ނުކުތުމުން ވަރަށް ބޮޑު ފަސޭހައެއް ލިބުނު ކަމަށާއި ގިނަ ކަންތައްތަކެއް ދަސްވެގެން ދިޔަ ކަމަށެވެ.
"މި ފަހަރު ކަންދިމާވި ގޮތުން އަޅުގަނޑާއެކު ނުކުމެދޭނެ ދެތިން މީހަކުވީ ކަމުން އެ ފުރުސަތު ލިބުނީ," މުހައްމަދު ވާހަކަ ދެއްކި އެވެ. "އޭގެ އިތުރުން އިހްސާނަކީ ރާއްޖޭގެ އެންމެ ތަޖުރިބާކަރު ކޯޗް އޭނަގެ ފަރާތުން އެއްޗިހި ތަކެއްވެސް ދަސް ވެގެން ދޭ. ވަރަށް ދުވަސްވީ ރައްޓެއްސެއްވެސްމެ އެކަމަކު އަޅުގަނޑު ހީ ނުކުރާ ކަހަލަ ތަފާތު މީހަކަށް ވެގެން ދިޔައީ. އޭނަ އާ ޒަރިއަންދުގެ ފަރާތުން ވަރަށް ބޮޑަށް ސަޕޯޓް ލިބުނު."