ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބު (ސަސްޕަޓީސް) ގެ ފުރަތަމަ ސީޒަންގެ އަމާޒު މަތި ނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗް އަހްމަދު ނާޝިދު (ނާދު) ބުނެފި އެވެ.
ފުރަތަމަ ޑިވިޝަންގައި އެ ޓީމުގެ އަލަތު މެޗުގައި ދިވެހި ޕްރިމިއާ ލީގްގައި މިރޭ ނުކުންނާނީ ކުލަބު އީގަލްސް އާ ދެކޮޅަށެވެ. ނާދު ބުނީ، ފުރަތަމަ ޑިވިޝަންގެ ފުރަތަމަ އަހަރު އޭނާގެ ޓާގެޓަކީ ސަސް ފުރަތަމަ ޑިވިޝަންގައި ދެމިއޮތުން ޔަގީންކޮށް ޓީމެއް ބިނާ ކުރުން ކަމަށެވެ. އޭނާ ބުނީ މި ސީޒަންގައި ކުރެވޭ މަސައްކަތުން އަންނަ ސީޒަންގައި މިހާރު އޮތް ވަރަށް ވުރެ ވަރުގަދަ ޓީމެއް ސަސްގައި ބިނާ ކުރެވޭނެ ކަމަށެވެ.
"ފުރަތަމަ ޑިވިޝަނަށް އައިސް ޓީސީ ވެސް އަދި އެހެން ބައެއް ޓީމުވެސް އެބަހުރި މައްޗަށް ދާން ހިފާފަ، އެހެންނަމަވެސް ސަސްގެ ނެތް އެކަހަލަ ޓާގެޓް މިފަހަރުއެއް،" ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ސައުތު އޭޝިއިަން ގޭމްސްއިން ބްރޯން މެޑަލް ހޯދައިން ކޯޗް ނާދު ބުންޏެވެ.
"މިފަހަރު ބޭނުން ވަނީ ސަސް ވަކި ހިސާބެއްގައި ބާއްވަން. އެހެންވެ އެ ޓާގެޓަށް ވާސިލު ވެވޭތޯ މަސައްކަތް ކުރަނީ މިހާރު މިތިބަ ކުޅުންތެރިން ބޭނުން ކޮށްގެން. އެހެންނަމަވެސް މިއަހަރު އިރާދަ ކުރެއްވިއްޔާ އެ ޓާގެޓަށް ގޮސްފިއްޔާ އަންނަ އަހަރު މިއަށްވުރެ ވަރުގަދަ ޓީމެއް ފެނިގެންދާނެ."
ސަސްގެ ބައެއް ހަރަކާތްތަކުން ވެލެންސިއާގެ މިހާރުގެ ކެޕްޓަން އަލީ އަޝާފްގް (ދަގަނޑޭ) ފެނެ އެވެ. އެ ޓީމުގެ ޕްރީ ސީޒަންގައި ކުޅުނު ސަސްގެ ވެޓަރަންސް ޓީމާއީ ސީނިއާ ޓީމާ ދެމެދު ކުޅުނު މެޗެއްގައި އަޝްފާގް ބައިވެރިވި އެވެ. ނާދު ބުނީ، އަޝްފާގް ނުކުތުމުން ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށެވެ. އެހެންނަމަވެސް ޓީމަށް ސޮއި ނުކުރާހާ ހިނދެއްގައި އަޝްފާގަކީ ޓީމުގެ ކުޅުންތެރިޔެއް ކަމުގައި ކޯޗެއްގެ ހައިސިއްޔަތުން ނުދެކޭ ކަމަށް ނާދު ބުންޏެވެ.
"އަޝްފާގް ހަމައެކަނި ކުޅެލަން ނުކުތީ ނުކުތީމަވެސް ކުޅުންތެރިން ހިތްހަމަ ޖެހުނު އާ ކުދިންތައް އަދި މާބޮޑަށް ހިތްހަމަ ޖެހުނު އަޝްފާގް އާއެކު ކުޅެލަން ލިބުނީތީވެސް." ނާދު ވާހަކަ ކުރިއަށް ގެެންދިޔަ އެވެ. "އެހެންނަމަވެސް ކޯޗެއްގެ ހައިސިއްޔަތުން އަޅުގަނޑެއް އަޝްފާގް ހިމަނައިގެން ޓީމެއް ނުގުނަން. ސޮއި ނުކުރާހާ ހިނދެއްގައި އަޝްފާގް އަކީ ޓީމު މެންބަރެއްގެ ގޮތުގައި ނުހިމަނަން."
މިރޭ ސަސް އާ ދެކޮޅަށް ނުކުންނަ އީގަލްސްގެ ޓީމަށް ވަނީ އަނިޔާގެ މައްސަލަތައް ކުރިމަތި ވެފަ އެވެ. އެ ޓީމުގެ ވައިސް ކެޕްޓަން އަހްމަދު ރިޒްވާން (ރިޒޭ) އާއި ހަސަން ރާއިފް އަހްމަދު (ހަންނަ) އަށް ވަނީ އަނިޔާވެފަ އެވެ. އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނީ ރިޒޭ ނެތްތަން ފީބެއްދުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެހެންނަމަވެސް ޓީމެއްގެ ގޮތުގައި އެ މަގާމު ފޫބެއްދޭނެ ކަމަށް މޯހަން ބުންޏެވެ.
މޯހަން ވަނީ، މިދިޔަ ސީޒަންގައި ބޮޑު އަނިޔާއެއް ކުރިމަތިވި އީގަލްސްގެ ފޯވަޑް މުހައްމަދު ނާއިމް އާއި ޑިފެންޑަރު ހައިޝަމް ހަސަންގެ ރިކަވަރީއަށް ކުރި މަސައްތް ފާހަގަ ކޮށްފަ އެވެ. އޭނާ ބުނީ، އެ ކުޅުންތެރިންގެ ރިކަވަރީއަށް ހުރިހާ ކަމެއް ކުރީ އެ ކުޅުންތެރިން އަމިއްލައަށް ކަމަށެވެ.
"ހަގީގަތުގައި އެ ދެ ކުޅުންތެރިންނަށް އޭގެ ހުރިހާ ޝުކުރެއް ހައްގު ވަނީ އެކަމުގައި ރިކަވާރީ ކުރާކަށް ކުލަބަކުން މާބޮޑު ކަމެއް ނުކޮށް ދެވޭ" މޯހަން ބުންޏެވެ. "ނާއިމު ފުރަތަމަ ޕްރެކްޓިހަށް އައިރުވެސް ފެނުނީ ގިނަ ކުޅުންތެރިންނަށްވުރެ ފިޓްކޮށް. އެއީ ވަރށް އުފާވި ކަމެއް. ފިޓްކޮށް ތިބި ކުޅުންތެރިންނަށް ވުރެ މާބޮޑަށް ފިޓްކޮށް އެ ދެ ކުޅުންތެރިން ތިބީ."