ދުނިޔެ

ބައިޑަންގެ ތަނބިކަށީގެ ރެނދު އަންނަނީ ބެދެމުން

އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެން ހުންނެވި ޖޯ ބައިޑަންގެ ފަޔަށް ތަދެއް އެރި ވާހަކަ، މީގެ ދެހަފުތައެއްހާ ދުވަސް ކުރިން، ހަބަރު ސުރުހީތަކަށް އެރި އެވެ. ތަނބިކަށީގައި ރެނދެން ހުރި ތޯ ބަލަން ނެގި އެކްސްރޭ ކަމު ނުގޮސްގެން ސީޓީ ސްކޭނެއް ހެދި ވާހަކަ ވެސް ދެކެވުނެވެ.

ބައިޑަންގެ ޑޮކްޓަރު ކެވިން އޯކޯނާ ވިދާޅު ވަނީ، ތަނބިކަށީގައި އެޅި ރެނދު އުންމީދު ކުރެއްވި ގޮތަށް މިހާރު ބެދެމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ބެލިން ލިބިދާނެ ހުރިހާ ގެއްލުމަކަށް،" ކެވިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެންމެ ރަނގަޅު ކަމަކަށް ކުރެވުނު ކަމަކީ "ވެއިޓް-ބެއަރިން" ސީޓީ ސްކޭނެއް ހެދުން ކަމަށެވެ. ތަނބިކަށީގައި ރެނދެއް ހުރިކަން ކަށަވަރު ކުރެވުނީ އެހިސާބުން ކަމަށެވެ.

ބައިޑަންއަށް ދެއްވި ފަރުވާގައި، ތަނބިކަށްޓަށް ގުޑުން ނަރާ ގޮތަށް ޑިޒައިން ކޮށްފައި ހުރި ބޫޓެއް ތުރުކުރައްވަން ޖެހިވަޑައިގަތުން ހިމެނެ އެވެ. އެއާއެކު ވެސް ހިންގަވާއިރު ކުޑަ ކޮރެއްޖައްސަވާކަން ފާހަގަ ކުރެވެ އެވެ.

ބައިޑަންގެ ތަަނބިކަށްޓަށް ލިބިލެއްވި ގެއްލުމާއެކު ވެސް، ސަރުކާރު ބަދަލު ކުރުމަށް ކުރައްވަން ޖެހިވަޑައިގެންނެވި އެއްވެސް ކަމަކަށް ބުރޫ ނާރާ ކަމަށް ވެއެވެ. ސަޕޯޓް ހޯއްދަވައި މީހުންނާ ބައްދަލު ކުރެއްވުމަށް ވެސް ބަދަލެއް ނާދެ އެވެ.

ޖެނުއަރީ 20 ގައި ބައިޑަން ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާއިރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އޭނާގެ ސިއްހަތެވެ. މިއީ އޭނާގެ އެކުވެރިންނާއި އަދި ވާދަވެރިން ވެސް ވަރަށް ގާތުން ބަލައި ފާރަވެރި ވާނެ ކަމެކެވެ.

އެމެރިކާގެ ރައީސަކަށް ހޮވިވަޑައިގެން ހުންނެވި ބައިޑަން އަކީ އެ ގައުމުގެ ތާރީހުގައި ވެސް ރައީސަކަށް ހޮވިވަޑައިގެންނެވި އެންމެ ދުވަސްވީ މީހާ އެވެ. އުމުރަކީ 78 އަހަރެވެ.