ޑރ. މުހައްމަދު މުއިއްޒު

ހިޔާ: އިއުލާނުކޮށް އެއްވެސް ނިންމުމެއް ނުނިންމާ

ހިޔާ މަޝްރޫއުގެ އެއްވެސް ނިންމުމެއް އެކަމާއި ގުޅޭ އިއުލާނެއް ނުވަތަ ލިޔުމެއް ގެޒެޓްނުކޮށް ނިންމަވާފައި ނުވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ 2500 ފްލެޓާއި ގުޅޭ އެއްވެސް ނިންމުމެއް ކުރީ ސަރުކާރުން ނިންމާފައިނުވާ ކަމަށް ފްލެޓް ކޮމެޓީން ބުނުމާއި ގުޅިގެންނެވެ. އެ ކޮމެޓީން މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ކޮމެޓީގެ މެންބަރު ތޯހާ މުހައްމަދު ވިދާޅުވީ ހިޔާ މަޝްރޫއުގެ ތެރޭގައި ހިމެނޭ 2500 ފްލެޓާއި ގުޅޭގޮތުން ފުރަތަމަވެސް ލިޔުމެއް ގެޒެޓް ކުރެވުނީ ނޮވެންބަރު 4، 2018 ގައި ކަމަށެވެ. އަދި އެ ފްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވާވެސް ނުލާ ކަމަށާ ފްލެޓް ދޭނެ ލިސްޓެއްވެސް އެކުލަވާނުލާ ކަމަށެވެ.

ނަމަވެސް ކުރީ ސަރުކާރުން 2500 ފްލެޓަށް ހުޅުވާލުމަށް ނިންމާ އޭރުގެ ސަރުކާރުން ވަނީ އެ އިއުލާނު ގެޒެޓްކޮށްފައެވެ.

އެކަމަށް އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ އެއްވެސް ނިންމުމެއް އެކަމާއި ގުޅޭ އިއުލާނެއް ނުވަތަ ލިޔުމެއް ގެޒެޓްނުކޮށް ނިންމަވާފައި ނުވާނެ ކަމަށެވެ.

"ފްލެޓް ކޮމެޓީއަކީ ތަންދޮރު ނުދަންނަ، ޒިންމާދާރުކަމެއް ނެތް، ވާނުވާ ނޭންގޭ ބައެކޭ މީހުން ބުނެ އުޅެނީ ސަބަބުތަކދެއް ހުރީމަ. ހިޔާ މަޝްރޫއުގެ އެއްވެސް ނިންމުމެއް އެ ކަމާއި ގުޅޭ އިއުލާނެއް ނޫނީ ލިޔުމެއް ގެޒެޓް ނުކޮށް ކޮށްފައިނުވާނެ ކަން އަދިވެސް ތަކުރާރުކޮށްލަން،" މުއިއްޒު ވިދާޅުވިއެވެ.