ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ މެޗުގައި، ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޗެމްޕިއަން މާޒިޔާއިން ލީގްގެ ފެށުން ރަނގަޅު ކޮށްފި އެވެ.
މިދިޔަ ހަފުތާގައި، ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ކުލަބު އީގަލްސް އަތުން ބަލިވި މެޗަށް ފަހު، މާޒިޔާ މިއަދުގެ ނުކުތީ ބަދަލު ތަކާ އެކު އެވެ. އެ މެޗުގެ ހިތްދަތި ކަމުން އަރައިގަތުމަށް މިއަދުގެ މެޗުން މޮޅުވުމުން ކިހާ ބޮޑު ހިތްހަމަޖެހުމެއް ލިބުނުތޯ ސުވާލު ކުރުމުން، މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް ބުނީ، ފުޓްބޯޅައިގެ އެއްވެސް މީހަކު މާޒީ ވެފައި އޮތް މެޗަކާ މެދު ނުވިސްނާނެ ކަމަށެވެ. އަބަދުވެސް ވިސްނަނީ އެވަގުތެއްގައި ކުރިމަތީގައި އޮންނަ މެޗަށް ކަމަށާއި މިއަދުގެ މެޗުގެ ނަތީޖާއިން އެ މެޗުގެ ވީ ކަންތައްތައް ފޮރުވިގެން ހިނގައްޖެ ކަމަށެވެ.
"އެ މެޗު [ޗެރިޓީ ޝީލްޑް] ގައި ދަސްވި ފިލާވަޅު ތަކާއެކު މި މެޗަށް ނުކުތީ އެއްގޮތަކަށްވެސް އެއަށް ބަލައިގެން އެއިން އަރައިގަންނާކަށް ނޫން މަސައްކަތް ކުރަނީކީ. އެއަށްވުރެ ބޮޑަށް އެކްސްޕީރިއަންސް ކުޅުންތެރިންތަކެއް ތިބި ޓީމެއް މިއީ،" މިއަދުގެ މެޗުގެ ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ނިޒާމް ބުންޏެވެ. "އެ މެޗާއި މި މެޗާ އެއީ މުޅިން ތަފާތު ދެއެއްޗެއް މިއަދު މީ މުޅިން ތަފާތު އެއްޗެއް. މިއަދު މީ ލީގްގެ ފުރަތަމަ މެޗު. އެ މެޗުން ރަނގަޅު ނަތީޖާއެއް ލިބިގެން ދިޔައީ."
މާޒިޔާގެ ފުރަތަމަ ލަނޑު މެޗުގެ 35 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މުހައްމަދު އުމޭރު އެވެ. އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ތަނަވަސް ކޮށްދިން ފުރުސަތުގައި އުމޭރު ބޯޅަ ހިފައިގެން ޔޫވީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނީ ހުސްކޮށެވެ. ޔޫވީގެ ކީޕަރު ކިރިގިސްތާންގެ ރުސްލާން އަމިރޯވްއަށް ބޯޅައަށް ނުކުނަންނަށް ޖެހޭ ތަނުގައި އޭނާ އަށް ބޯޅައަށް ނުކުމެވުނީ މާ ލަހުންނެވެ. އޭނާއަށް ބޯޅައަށް ނުކުމެވުމުން އުމޭރުއަށް ހުހަށް އޮތް ގޯލް ލިބުނެވެ. އޭނާ ވަނީ ގޯލްގެ މެދުތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.
ޔުނައިޓެޑް ވިކްޓަރީގެ ކޯޗް މުހައްމަދު އާދަމް ބުނީ، އެ ލަނޑު ވަނުމާ ހަމައަށް ވަރަށް ރަނގަޅަށް ޓީމު ކުޅެމުން ދިޔަ ކަމަށެވެ. އެހެންނަމަވެސް ޓީމުގެ ކުޅުން އެއް ފެންވަރެއްގައި ދެމެހެއްޓޭގޮތް ނުވީ ވަންނަން ނުޖެހޭ ގޮތަކަށް ލަނޑު ވަނުމުން ކަމަށެވެ.
މާޒިޔާގެ ދެ ވަނަ ލަނޑު މެޗުގެ 40 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަމްދާން އަލީ (އެންޑީ) އެވެ. އައިސަމް އިބްރާހިމް (ޓޯނީ) ނަގައިދިން ކޯނަރު އަމްދާން ވަނީ ބޮލުން ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ ގޯލްގެ ހުރަސް ދަނޑިގައި ޖެހިފަ އެވެ.
ދެ ވަނަ ހާފުގައި މާޒިޔާއިން ޖެހި އަނެއް ދެ ލަނޑު ކާމިޔާބު ކުރީ، ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. އޭނާ ޖެހި ފުރަތަމަ ލަނޑަކީ ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރި ލަނޑެކެވެ. ޔޫވީގެ ޕެނަލްޓީ އޭރިއާަގެ ތެރެއިން އެ ޓީމުގެ ކެޕްޓަން މުހައްމަދު އާރިފް (ބަކާ)، މާޒިޔާގެ އުމޭރުއަށް ކުރި ފައުލުގައި ޕެނަލްޓީ ދިނެވެ. އަސަދުﷲ ޕެނަލްޓީ ކާމިޔާބު ކުރީ ޔޫވީގެ ކީޕަރަށް މިސްރާބު އޮޅުވާލުމަށް ފަހު އެވެ.
މާޒިޔާގެ ހަތަރު ވަނަ ލަނޑު އަސަދުﷲ ކާމިޔާބު ކުރީ، ކީޕަރު ރުސްލާން އާއި އެ ޓީމުގެ ޑިފެންޑަރު ކިރިގިސްތާންގެ މައްރަތު އަޖުނިއާޒަވް އަށް ހެދުނު މިސްޓެކެއްގެ ފައިދާ ނަގައިގެންނެވެ. މާޒިޔާގެ ހާފުގެ ތެރެއިން ކުރިއަށް ދިން ބޯޅައަށް އަސަދުﷲ އެރުމުން، ކީޕަރު ރުސްލާން ވަނީ އޭރިއާގެ ބޭރަށް ނުކުމެ އެ ބޯޅަ ދިފާއު ކުރަންފޮނުވާލާފަ އެވެ. އޭރު ފަހަތުން ޑިފެންޑަރު މައްރަތު ވެސް ދެ އެވެ. ރުސްލާން ފޮނުވާލި ބޯޅަ ކޮންޓްރޯލްވީ މައްރަތު ފައިގައި ޖެހިފަ އެވެ. ދެން އެ ބޯޅަ ލިބުނީ އަސަދުﷲ އަށެވެ. ދެ ވަނަ ފަހަރަށް ކީޕަރު ރުސްލާން އެ ބޯޅަ ފޮނުވާލުމުގެ ކުރިން އަސަދުﷲ ވަނީ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލަފަ އެވެ. ބޯޅަ މަޑުމަޑުން ފުރޮޅިގެން ގޮސް ވަނީ ގޯލްގެ ތެރެއަށެވެ.
އޭގެ ކުރިން ލަނޑު ޖަހާނެ ހުސް ފުރުސަތެއް އަސަދުﷲ އަށް ލިބިގެން ދިޔަ އެވެ. އޭނާ ހުހަށް އަރައި ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.