ދިވެހި ޕްރެމިއާ ލީގް

ޓޮޕް ޑިވިޝަންގައި ސަސްގެ ފުރަތަމަ މެޗު ކާމިޔާބު

ކުލަބު އީގަލްސްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އެއް ވަނަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބު (ސަސްޕަޓީސް) އިން ޓޮޕް ޑިވިޝަންގައި އެ ޓީމުގެ ފުރަތަމަ ކާމިޔާބު ހޯދައިފި އެވެ.

ސަސް އާ ދެކޮޅަށް ކުޅެން ނުކުތް، އީގަލްސް މެޗަށް ނުކުތީ ބޮޑު އިތުބާރަކާ އެކު އެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާގެ މައްޗަށް ފަހަތުން އަރައި ލިބުނު މޮޅުވީ އީގަލްސްއަށް ބޮޑު ހިތްހަމަޖެހުމަކަށެވެ. މިރޭގެ މެޗަށް އީގަލްސް ނުކުތީ، އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަހްމަދު ރިޒްވާން (ރިޒޭ) ނުހިމަނަ އެވެ. އަނިޔާގެ ސަބަބުން އޭނާ ވަނީ މެޗުގެ ސްކޮޑުން ބާކީ ކޮށްފަ އެވެ.

ސަސްޕަޓީސް އަށް ނަތީޖާ ނެރުމުގައި އެންމެ ބޮޑަށް ފަހީވީ އެ ޓީމުގެ ޑިފެންސަށް އޮތް އިތުބާރެވެ. ތަޖުރިބާކާރު ދެ ޑިފެންޑަރުން ކަމަށްވާ، ޝާފީއު އަހްމަދު (ޝާފީ) އަބްދުﷲ ހަނީފު (ބެންޖޯ) ވަނީ އީގަލްސްގެ ހަމަލާތައް ހުއްޓުމުގައި ކާމިޔާބު ހޯދާފަ އެވެ.

ސަސްގެ ލަނޑު މެޗުގެ 11 ވަނަ މިނެޓްގައި ކާމިޔަބު ކުރީ ސްޕެއިންގެ ފޯވަޑް ވިކްޓާ ރޮޑްރިގޭޒް މުނޯޒް އެވެ. އީގަލްސްގެ ހާފުގެ ތެރެއިން، މެދުރޮނގާ ގާތްގަނޑަކަށް ފޫޓެއްހައި ދުރުން ލިބުނު ހިލޭޖެހުން ޖަޕާންގެ މިޑްފީލްޑާ އަޓުސޫށީ ޔޮނެޒަވާ ފޮނުވާލުމުން ވިކްޓާ ރޮޑްރިގޭޒް ވަނީ ބޮލުން ގޯލްގެ ތެރެއަށް ބޯޅަ ކޮށްޕާލާފަ އެވެ. އެ ވަގުތު އޭނާ މާކުކޮށްގެން އީގަލްސްގެ ދެ ޑިފެންޑަރުންވެސް ތިއްބެވެ.

އޭގެ ފަހުން، އީގަލްސްގެ މުހައްމަދު ނާއިމްއަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އީގަލްސްއިން ސަސްގެ އޭރިއާ ތެރެއަށް ހުރަސް ކޮށްދިން ބޯޅަ ނާއިމް ފޮނުވާލުމުން އެ ބޯޅަ އެރީ ހުރަސް ދަނޑިމަތިން މައްޗަށެވެ. އޭގެ ފަހުން ސަސްގެ ވިކްޓާއަށް އަށް ވަނީ ނަތީޖާ ފުޅާ ކުރަން އިތުރު ފުރުސަތެއް ލިބިފަ އެވެ. ހަސަން އަދުހަމް އީގަލްސްގެ އޭރިއާ ތެރެއަށް ނަގައި ދިނުމުން ވިކްޓާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.