ދުނިޔެ

ރަޝިއާގެ ނިއުކްލިއާ ސަބްމެރީނަކުން ހަތަރު މިސައިލްތަކެއް ޓެސްޓްކޮށްފި

ރާޝިއާގެ ސަބްމެރީނަކުން އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލްތަކެއް ޓެސްޓްކޮށްފި އެވެ.

އެމެރިކާއާއެކު އޮތް ގުޅުމަށް ވާން އަރާފައި އޮތް މި ދަނޑިވަޅުގައި، "ވްލަޑިމިއާ މޮނޮމާޚް" ސަބްމެރީނުން ވަނީ ފުލުފުލުން ހަތަރު މިސައިލް ފޮނުވާލާފަ އެވެ. ރަޝިއާއިން އަންގައި ދޭން ބޭނުން ވަނީ ނިއުކްލިއާ ބާރުތަކަށް ދާންދެން ތައްޔާރަށް އޮތް ކަމެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. މިނިސްޓްރީން ބުނީ "އޮޚޮސްޓްކް" ކަނޑުއަޑީން ކޮންމެވެސް ހިސާބަކުން "ބުލޮވާ" ހަތަރު މިސައިލް ފޮނުވާފައިވާ ކަމަށެވެ. މިސައިލްތައް ފޮނުވާފައި ވަނީ "ފޭކް ވޯހެޑް" އަޅުވާފަ އެވެ.

ވްލަޑިމިއާ މޮނޮމާޚް އަކީ "ބޯރީ ކްލާސް" ސަބްމެރީންތަކެކެވެ. މި ވައްތަރުގެ ސަބްމެރީނުން 16 ބުލޮވާ މިސައިލް އުފުލަ އެވެ. ރަޝިއާއިން ބުނާ ގޮތުގައި މިއީ ގައުމީ ނިއުކްލިއާ ބާރުތަކުގެ އޮނިގަނޑެވެ.

ރަޝިއާއިން އަމިއްލައަށް އުފައްދާ ހަތިޔާރާއި ހަނގުރާމަމަތީ އުޅަނދުފަހަރު އާންމުކޮށް ދައްކާލައި މޭފުއްޕާލުމަކީ ދޭތެރެ ދޭތެރެއިން އެ ގައުމުންކުރާ ކަމެކެވެ. ދުނިޔޭގައި ބާރުވެރިކަމުގެ ގޮތުން އަދި ބާރު ހޯދައި ރަސްކަމަށް ވަކާލާތުކުރުމަކީ ރަޝިއާއާ އެމެރިކާއާ ދެމެދު އޮންނަ ފިނި ވާދަވެރި ކަމެވެ.

ރަޝިއާއިން ޔުކްރޭނަށް 2014 ގައި ވަދެގަނެ ކްރައިމިއާއަށް ވެރިވެގަތުމަކީ އެމެރިކާއަށާއި ޔޫރަޕަށް ބަލައިގަންނަ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ. މި ސަަބަބާ ހެދި ވެސް، އެ ސަރަހައްދުގައި ބާރުގަދަ ގައުމެއް ގޮތުގައި ދެމި އޮންނަން ރަޝިއާ ބޭނުންވެ އެވެ.

އެމެރިކާއާ ރަޝިއާއިން ހަތިޔާރު އުފައްދާ މިންވަރު އެއްމިނެއްގައި ދެމެހެއްޓުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ ފެބްރުއަރީގައި ހަމަވާއިރު، މުއްދަތު އިތުރުކުރަން ކުރި ހުރިހާ މަޝްވަރާއެއް ވަނީ ކޮޅެއްގައި ނުޖެހި ފެއިލްވެފަ އެވެ. އެހެން ނަމަވެސް، އެމެރިކާ ސަރުކާރާ ބައިޑަން ހަވާލުވެ ވަޑައިގަތުމަށް ފަހު، ހަރުދަނާކަމެއް އައިސްފާނެ ކަމަށް ބެލެވެ އެވެ.