ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ކޮވިޑް ޖެހުނުތާ މަހެއް ފަހުން ބަތަލާ ޝިކާ ޕެރެލައިޒް ވެއްޖެ

ޝާހްރުކް ޚާންގެ "ފޭން" ގައި މުހިއްމު ބައެއް ކުޅުނު ބަތަލާ ޝިކާ މަލްހޯތުރާއަށް ސްޓްރޯކެއް ޖެހި ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ. ޝިކާއަށް ސްޓްރޯކެއް ޖެހުނީ ކޮވިޑް ޖެހިގެން ރަނގަޅުވިތާ މަހެއް ފަހުންނެވެ.

ޝިކާގެ ފޭނުންނަށް އޭނާގެ ސިއްހީ ހާލަތު އޮޅުން ފިލުވައިދެމުން އޭނާގެ ޕީއާރް މެނޭޖަރު އަޝްވިނީ ޝުކްލާ އިންޑީޔާގެ ނޫހަކަށް ބުނެފައިވަނީ ޝިކާއަށް ޖެހުނީ ވަރަށް ވަރުގަދަ ސްޓްރޯކެއް ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ކަނާތްފަޅިއަށް ވަރަށް ބޮޑަށް އަސަރުކޮށް އެ ފަރާތުގައި އެއްގޮތަކަށް ވެސް ވާގި ނެތް ކަމަށެވެ.

ޑިސެމްބަރު 10 ވަނަ ދުވަހު ޝިކާއަށް ސްޓްރޯކް ޖެހުމާއެކު ވިލޭ ޕާރްލޭގައި ހުންނަ ކޫޕާ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށް ފަރުވާ ދޭން ފެށި އެވެ. ނަމަވެސް އަދިވެސް އޭނާއަށް ވާހަކަވެސް ނުދެއްކޭ ކަމަށް މެނޭޖަރު ބުންޏެވެ.

ޝިކާ އަތުގައި ނާސިން ޑިގްރީއެއް އޮވެ އެވެ. އެހެންވެ ކޮވިޑް ފެށުނު ފަހުން ޝިކާ ވަނީ އަމިއްލައަށް ވޮލަންޓިއާ ކޮށްގެން ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމުގެ ޚިދުމަތަށް ނުކުމެފަ އެވެ. އޭނާއަށް ކޮވިޑް ޖެހުނީ ކޮވިޑް ސެންޓަރުގައި ޚިދުމަތް ކުރަނިކޮށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. މި ސެންޓަރުގައި ޝިކާ ޚިދުމަތް ކޮށްދީފައިވަނީ އެއްވެސް އުޖޫރައެއް ނެގުމަކާ ނުލާ އިންސާނީ ޚިދުމަތެއްގެ ގޮތުގައި ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ.

ކޮވިޑް ޖެހިގެން ބަލިވެ އުޅުނުއިރުވެސް ޝިކާ އޭނާގެ ފޭނުންނަށް ސިއްހަތަށް އަންނަ ބަދަލުތައް ހިއްސާ ކުރަމުން ގެންގޮސްފައި ވެއެވެ.
ޝިކާ އަށް ސްޓްރޯކް ޖެހިފައިވަނީ ބަލި ރަނގަޅުވިތާ މަހެއްހާ ދުވަސް ފަހުންނެވެ.