ހަބަރު

ކެންޑިޑޭޓުންގެ ހައްގުތައް ހިމާޔަތްކޮށްދޭން އީސީއަށް ގޮވާލައިފި

Dec 14, 2020

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ހައްގުތައް ހިމާޔަތްކުރަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަންޖެހޭކަމަށް އިދިކޮޅުން ބުނެފި އެވެ.

އިދިކޮޅު ކެންޑިޑޭޓުން ކެމްޕޭން ކުރަން ހަމަހަމަ ފުރުސަތެއް ނެތް ކަމަށް ބުނެ ޝަކުވާތަކާއި ފާޑު ކިޔުންތައް އިތުރުވެފައިވާއިރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާ މަޝްވަރާކޮށް، ކެމްޕޭނު ކުރުމުގެ ސިޔާސަތު ތަކާއި ބެހޭގޮތުން ގޮތެއް ކަނޑައަޅާ ގޮތްތަކެއް އިއުލާނު ކޮށްދޭން އެދިފައިވާނެކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް އާދަމް ވަނީ ވިދާޅުވެފައި އެވެ.

އަދި ކެމްޕޭނު ކުރުމުގެ ފުރުސަތު ނުދެވިއްޖެނަމަ، އަންނަ އަހަރުގެ އިންތިހާބު ނުބޭއްވޭނެކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައި އެވެ.

ޝަރީފްގެ ކަންބޮޑުވުންތަކާ ގުޅިގެން، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ހަމަހަމަ ފުރުސަތު ދީގެން، އިންސާފުވެރި އިންތިހާބަކަށް ޖާގަ ދިނުމުގެ ބަދަލުގައި ސަރުކާރުން ކަންކަން ކުރަނީ ބަހަނާ ދައްކައިގެން، އިންތިހާބު އަނެއްކާވެސް ފަސްކުރަން ކަމަށެވެ.

"ކެންޑިޑޭޓުންގެ ހައްގުތައް ހިމާޔަތްކުރަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަންޖެހޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އެކި މަޝްރޫއުތައް އިފްތިހާހު ކުރުމުގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސަރުކާރުގެ ބައެއް ވެރިން ރަށްރަށަށް ދަތުރުތައް ކުރައްވައި ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭނު ކުރަމުން ދެއެވެ. ނަމަވެސް މިއީ ކޮވިޑް-19 އިގެ ފިޔަވަޅުތަކެއް އޮތް ދުވަސްވަރެކެވެ. އެހެންވެ އިދިކޮޅަށް އެ ފުރުސަތު ނުލިބޭތީ ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ.

މިއަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައިވަނީ މުޅި ދުނިޔޭގައިވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.

އިންތިހާބު އަންނަ އަހަރު މާޗު މަހު ބޭއްވުމަށް ނިންމާފައިވާއިރު، ކެމްޕޭނު ފުރުސަތު ދިނުމަށް އިދިކޮޅުން މީގެ ކުރިން ވެސް ވަނީ ގޮވާލައިފަ އެވެ.