ހަބަރު

ޕްރޮކިއުމަންޓް އުސޫލަށް ގެނައި ބަދަލަށް ޓްރާންސްޕޭރަންސީގެ ތައުރީފު

Dec 14, 2020

ދައުލަތުގެ އިދާރާ ތަކުން ހިންގާ ފަސް މިލިއަން ރުފިޔާއަށް ވުރެ ދަށުގެ ހުރިހާ މުއާމަލާތްތަކެއްގެ މައުލޫމާތު ހާމަކުރަން ޖެހޭ ގޮތަށް މާލިއްޔަތާ ބެހޭ އުސޫލަށް ގެނައި ބަދަލަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މަރުހަބާ ކިޔައިފި އެވެ.

މިދިއަ ބުދަ ދުވަހު ފިނޭންސް މިނިސްޓްރީން އާއްމުކުރި މާލިއްޔާއާބެހޭ ސާކިއުލާގައި ބުނެފައިވާ ގޮތުން ސަރުކާރުގެ އޮފީހާއި އިދާރާތަކުން ޕްރޮކިއުމަންޓެއް އެވޯޑްކޮށް އެ މައުލޫމާތުތައް ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި ސަރުކާރުގެގެ ގެޒެޓުގައި ޝާއިއު ކުރަން ޖެހޭނެ އެވެ.

އަދި ޕްރޮކިއުމަންޓަކަށް 15 ޕަސެންޓަށްވުރެ އިތުރަށް އެޑްވާންސްގެ ގޮތުގައި ދައްކާ އަދަދު 35،000 ރުފިޔާއަށް ވުރެ ބޮޑުނަމަ އެ ފައިސާ އެއް ފަހަރާ ދޫކުރުމުގެ ކުރިން ވެސް އެ މިނިސްޓްރީއަށް އަންގަން ވާނެ އެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޭރަންސީން މިއަދު ބުނީ، ދައުލަތުގެ މާލިއްޔަތު ގަވައިދު ފުރިހަމައަށް ތަންފީޒުވާ ގޮތަށް ގެނައި ބަދަލާއެކު ދައުލަތުގެ ޕްރޮކިޔުމަންޓުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގު ފަހިވާތީ އުފާކުރާ ކަމަށެވެ.

އަދި ދައުލަތުގެ ބަޖެޓުގެ ބޮޑު ބައެއް، މުދަލާއި ހިދުމަތް ހޯދަން ހޭދަކުރާއިރު، ޕްރޮކިޔުމަންޓްގެ ދަށުން ކުރާ މުއާމަލާތްތަކުގައި މަސްލަހަތު ފުށުއެރުމާއި ކޮރަޕްޝަނަށް މަގުފަހިވާކަން އެ ޖަމިއްޔާ އިން ވަނީ ފާހަގަކޮށްފައި އެވެ.

"ހާމަކަން ބޮޑު، އިންސާފުވެރި، އަދި ވާދަވެރި ޕްރޮކިޔުމަންޓް މަރުހަލާއަކުން، ވިޔަފާރީގެ ފުރުސަތުތައް މަގުފަހުވުމުގެ އިތުރުން، އިގުތިސޯދީ ކުރިއެރުމަށްވެސް ބާރު ލިބޭނެ،" ޓްރާންސްޕޭރަންސީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން މި އަހަރުގެ ޖުލައި މަހު ވެސް މާލިއްޔަތު ގަވައިދަށް އިސްލާހެއް ގެނެސްފައިވެ އެވެ. އެ އިސްލާހާއެކު ފަސް މިލިއަން ރުފިޔާ އަށް ވުރެ ދަށް ޕްރޮކިއުމަންޓްތައް ނޭޝަނަލް ޓެންޑާ ބޯޑަށް ހުށަހަޅާކަށް ނުޖެހެ އެވެ. އަދި އެ ފަދަ ޕްރޮކިއުމަންޓްތަކާ ބެހޭ ކަންކަން ނިންމުމުގެ އެ މަސައްކަތް ކުރާ އޮފީހެއްގެ ބިޑް ކޮމެޓީއަށް ދީފައިވެ އެވެ.

ފިނޭންސް މިނސިްޓްރީން މި ފަހުން ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާގައި އޮފީސްތަކުގެ ބިޑް ކޮމިޓީގައި ހިމެނޭ މެންބަރު އަޕްޑޭޓް ކުރަން ވެސް ވަނީ އެދިފަ އެވެ.