ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ތިން މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހުން ފޮނުވާފައިވާކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ބުނެފި އެވެ.
މިދިއަ ޖޫން މަހު ހިނގި ހާދިސާއާ ގުޅިގެން ފޮނުވި މައްސަލާއާ ގުޅޭގޮތުން، ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ އެ މައްސަލާގައި ދައުވާ ކޮށް ދިނުމަށް އެދި ފުލުހުން ފޮނުވާފައިވާ ކަަމަށެވެ. މިހާރު އިދާރީ ކަންކަން ފުރިހަމަ ކުރަމުންދާ ކަމަށެވެ. ނަމަވެސް، ދައުވާ ކުރަނީ ކޮން ބައެއްގެ މައްޗަށް ކަމެއް ވިދާޅެއްނުވެ އެވެ.
ނަމަވެސް، ދައުވާ ކުރަނީ ކޮން ބައެއްގެ މައްޗަށް ކަމެއް ވިދާޅެއްނުވެ އެވެ.
ސަފާރީގައި ހިނގި ޖިންސީ ގޯނާގެ މައްސަލާގައި ފުލުހުން ތަހުގީގު ހިންގި ގޮތާމެދު ބޮޑެތި ސުވާލުތަކެއް ކުރިމަތިވި އެވެ. އަދި މައްސަލާގައި ތުހުމަތު ކުރެވޭ ދެ ފިރިހެނުން ހައްޔަރުކޮށް ދޫކޮށްލުމުން ވެސް ފާޑުކިޔުން ފުލުހަށް އަމާޒުވި އެވެ.
އެ ދެ މީހުންނަކީ މި ސަރުކާރާ ގުޅުން އޮތް، ނުފޫޒުގަދަ ބައެއް ކަމުގެ އަޑުތައް ވަނީ ފެތުރިފައި އެވެ.
އޭގެ ފަހުން، ސަފާރީގައި ހިނގީ ރޭޕެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން، އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ.
އެކަމާ ގުޅުވައި، އިމްރާންގެ އިތުބާރުނެތް ކަމުގެ މައްސަލައެއް އިދިކޮޅުން އިސްވެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ.
ނަމަވެސް، މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީގެ ތާއީދު ނުލިބި، އެ މައްސަލައިން އިމްރާން ވަނީ ސަލާމަތްވެފައި އެވެ.