ސަފާރީ ރޭޕް

ސަފާރީ ރޭޕް ކޭސް: މެންބަރު ޖީހާންގެ ފިރިކަލުން ޝާންއަށް ދައުވާކޮށްފި

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހިމެނޭ މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

މިދިއަ ޖޫން މަހު ހިނގި ހާދިސާއާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހުން ހުށަހަޅާފައިވާއިރު، ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ)ގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ އެ މައްސަލާގައި ދައުވާކުރަން ފޮނުވާފައިވަނީ ލ. ގަން، ތުނޑި، ނޫރަންގެ އަބްދުﷲ ޝާންގެ މައްޗަށް ކަމަށެވެ.

އޭނާގެ މައްޗަށް ކުރަނީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާގެ އިތުރުން، ގައިގާ އަތްލުމުގެ ކުށުގެ ދައުވާކަމަށް ޝަފީއު ވިދާޅުވި އެވެ.

ދައުވާތައް ކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ ބުދަ ދުވަހު ކަމަށް ވިދާޅުވި އެވެ.

އަދި ދައުވާކުރުމަށް އެދި ފުލުހުން އެދުނު އަނެއް ދެ މީހުންނަށް ދައުވާކޮށްފައިވާ ނުވަނީ އެކަށީގެންވާ ވަރަށް ހެކި ނެތިގެންކަމަށް އިތުރަށް ވިދާޅުވި އެވެ.

އަބްދުﷲ ޝާން އަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީ މެންބަރު ޖީހާން މަހުމޫދުގެ ފިރިކަލުންނެވެ.

ޝާންގެ މައްޗަށް ދައުވާކޮށްފައިވާއިރު، ސަފާރީގައި ހިނގި ޖިންސީ ގޯނާގެ މައްސަލާގައި ފުލުހުން ތަހުގީގު ހިންގި ގޮތާމެދު ބޮޑެތި ސުވާލުތަކެއް ކުރިމަތިވި އެވެ. އަދި މައްސަލާގައި ތުހުމަތު ކުރެވޭ ދެ ފިރިހެނުން ހައްޔަރުކޮށް ދޫކޮށްލުމުން ވެސް ފާޑުކިޔުން ފުލުހަށް އަމާޒުވި އެވެ.

އެ ދެ މީހުންނަކީ މި ސަރުކާރާ ގުޅުން އޮތް، ނުފޫޒުގަދަ ބައެއް ކަމުގެ އަޑުތައް އޮތީ ފެތުރިފައި އެވެ.