ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސްރީލަންކާ

ކޮވިޑްގައި މަރުވާ ލަންކާ މުސްލިމުން އެންދުން ވަގުތީ ގޮތުން ހުއްޓާލައިފި

އަވަށްޓެރި ސްރީލަންކާގެ މުސްލިމުންގެ ކަންބޮޑުވުންތަކާ ދެކޮޅަށް ކޮވިޑް-19 ޖެހިގެން އެ ގައުމުގައި މަރުވާ މީހުން ހަށިތައް އަންދާލަމުން ދިޔަ ދިއުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ. ލަންކާގެ ޕަބްލިކް ހެލްތު އިންސްޕެކްޓާސް އެސޯސިއޭޝަން ވަނީ އެކަން ޔަގީންކޮށްދީފައެވެ.

ކޮވިޑުގައި މަރުވާ މީހުން ވަޅުލުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވެސް ބުނެފައި ވީނަމަވެސް، ބަލި ޖެހިގެން މަރުވާ މީހުން ހަށިގަނޑު ވަޅުލުމުން، ބިންގަނޑަށް އެ ބަލި ފެތުރި، ބޯފެނުގެ ޒަރިއްޔާއިން އެހެން މީހުނަށް ބަލި ޖެހޭނެކަމުގެ ބިރު ފަތުރާފައިވަނީ، ރައީސް ގޮތާބޭ ރާޖަޕަކްސައަށް ތާއީދުކުރާ ހަރުކަށި ފިކުރު ބުޑިސްޓު މޮންކުން ކަމުގެ ތުހުމަތު ވަނީ އަމާޒުވެފައި އެވެ.

ލަންކާގެ ނޫސްތަކުން ބުނީ ކޮވިޑްގައި މަަރުވާ މުސްލިމުންގެ ހަށިތައް އެންދުން ވަގުތީ ގޮތުުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެ ނިންމުމަކީ އެ ގައުމުގެ ރައީސް އާއި ބޮޑުވަޒީރުގެ އެންގެވުމަށް ނިންމެވި ނިންމެވުމެކެވެ. އެއީ ދާއިމީ ނިންމެއް ކަމެއް ޔަގީން ނުވި ނަމަވެސް އިތުރު އެންގުމެއް އައުމުގެ ކުރިން ކޮވިޑްގައި މަަރުވާ މުސްލިމުންގެ ހަށިތައް ދެން ނާންދާނެ އެވެ.

މި ވަގުތުވެސް ކޮވިޑް ޖެހިގެން މަަރުވެފައިވާ ނުވަ މުސްލިމެއްގެ ހަށިގަނޑު އެބައޮތެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބަލި ޖެހިގެން މަރުވާ މީހުން ހަށިގަނޑު ވަޅުލުމުން، ބިންގަނޑަށް އެ ބަލި ފެތުރި، ބޯފެނުގެ ޒަރިއްޔާއިން އެހެން މީހުނަށް ބަލި ނުޖެހޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސަން ކަމާބެހޭ އިދާރާތަކަށް ސަރުކާރުން މިހާރު ވަނީ އަންގާފައެވެ.

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖޭގައި ވަޅުލައިދޭން ވަނީ އެދިފައެވެ. ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، ރާއްޖޭގައި ލަންކާގެ މިފަދަ މުސްލިމުންނަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯދުމަށް އެގައުމުގެ ރައީސް ގޮތާބޭ ރާޖަޕަކްސަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

އަދި ދެ ގައުމުގެ ރަހުމަތްތެރިކަމުގެ އިތުރުން އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ ނިޔަތުގައި ލަންކާ ސަރުކާރުގެ އެދުމާ އެއްގޮތަށް އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ސޯލިހު ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން ކަމަށް އެ މިނިސްޓްރީން އިތުރަށް ބުންޏެވެ.

ނަމަވެސް، އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ކެބިނެޓާ ހިއްސާ ކޮށްފައި ނުވާކަމަށް ކެބިނެޓުގެ ތަރުޖަމާނު މިނިސްޓަރު ކެހެލިޔަ ރަމްބުކްވެލަ މިއަދު އެ ގައުމުގެ މީޑިއާތަކަށް ވިދާޅުވި އެވެ. ކޮންމެ ހަފުތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި، އެކަމާ ގުޅިގެން އަމާޒުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރަމްބުކްވެލަ ވިދާޅުވީ، އެ މައްސަލަ ކެބިނެޓުގައި އެއްވެސް ވަރަކަށް މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ސާފުކުރެއްވުމަށް ފަހު، ނޫސްވެރިންނާ ހިއްސާ ކުރައްވާނެ ކަމަށް ރަމްބުކްވެލަ މިއަދު ވިދާޅުވި އެވެ.

އެ މައްސަލާގައި ދިވެހި ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުންތައް އުފެދިފައިވާއިރު، ލަންކާގެ އިތުރުން ރާއްޖޭގެ އާއްމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ލަންކާ ސަރުކާރަށް ފާޑުކިއަމުންނެވެ.