ބޮލީވުޑް

"ފިލްހާލް 2"ގެ ޝޫޓިން އަކްޝޭ އާއި ނޫޕޫރް ފަށައިފި

މިދިޔަ އަހަރު ނޮވެމްބަރު މަހު ރިލީޒްކުރި ބީ ޕްރާކްގެ ލަވަ "ފިލްހާލް" ފުރަތަމަ ދުވަހުން ފެށީގެން ވެސް ބެލުންތެރިންނަށް ވަރަށް ކަމުދިޔަ އެވެ. މި ލަވައިގެ ވީޑިއޯ ކުޅެފައިވަނީ އަކްޝޭ ކުމާރާއި ނޫޕޫރް ސެނޮން އެވެ. ރިލީޒް ކުރިތާ 24 ގަޑިއިރު ތެރޭގައި 15 މިލިއަން ވިއުސް ޔޫޓިއުބުން އެކަނިވެސް މި ލަވައަށް ލިބިފައި ވެއެވެ.

ލަވަ ބްލޮކްބަސްޓާއަކަށް ވުމާ ގުޅިގެން މި ލަވައިގެ ދެ ވަނަ ބައެއް ވަރަށް އަވަހަށް ތައްޔާރު ކުރާކަން އަކްޝޭ ވަނީ އިއުލާން ކޮށްފަ އެވެ.
މިދިޔަ އަންގާރަ ދުވަހު ދިއްލީގައި މި ލަވައިގެ ޝޫޓިން ވަނީ ފަށާފަ އެވެ. މި ލަވައިގައި ވެސް އަކްޝޭ އާއެކު ހަރަކާތްތެރި ވަނީ ނޫޕޫރް އެވެ. އިއްތިފާގުން އަންގާރަ ދުވަހަކީ ނޫޕޫރްގެ އުފަން ދުވަސް ވެސް މެއެވެ. އެހެންވެ ޝޫޓިން ފެށުމުގެ ކުރިން އަކްޝޭ އާއި ކުރޫން ވަނީ ނޫޕޫރުގެ އުފަން ދުވަސް ފާހަގަ ކޮށްފަ އެވެ.

"ފިލްހާލް" ލަވަ

މި ލަވައިގެ ޝޫޓިން ފެށުމާ ގުޅިގެން ނޫޕޫރް ސޯޝަލް މީޑިއަގައި ޝެއާ ކުރި މެސެޖެއްގައި ބުނެފައިވަނީ މިއަށް ވުރެ ރަނގަޅު އުފަން ދުވަހުގެ ހަދިޔާއެއް އޭނާއަށް ދުވަހަކުވެސް ނުލިބޭ ކަމަށެވެ.

މި ދެ ލަވައިގައި އަކްޝޭ އާއެކު ނޫޕޫރް ހަރަކާތްތެރިވާއިރު އޭނާގެ ދައްތަ ކްރީތީ ސެނޮން އާއި އަކްޝޭ އެކުގައި ކުޅޭ ފިލްމެއްގެ މަސައްކަތް އަންނަ އަހަރު ފަށަން ވަނީ ހަމަޖެހިފަ އެވެ. މީގެ ކުރިން ކްރީތީ ވަނީ އަކްޝޭ އާއެކު "ހައުސްފުލް 4" ކުޅެފަ އެވެ. އަދި "ބައްޗަން ޕާންޑޭ"ގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ނޫޕޫރް ވެސް ވަރަށް އަވަހަށް ބޮލީވުޑަށް ތައާރަފްވާނެ ތައްޔާރުވަމުންދާ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް ނޫޕޫރުގެ ފުރަތަމަ ފިލްމު އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.