ސަރުކާރުން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅޭ ދައުވާތައް ކުރާ ގޮތުން ފެންނަނީ ވަކި ބަޔަކަށް އެކަން އަމާޒުކޮށްފައިވާ ތަން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ދެ އަހަރުވެފައިވާއިރު އެމްއެމްޕީއާރުސީގެ ތެރެއިން ގެއްލުނު ފައިސާ ހޯދަަން ކުރެވުނީ ކޮން ކަމެއްތޯ ސުވާލު އުފައްދަވައި ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ވަރަށް ބޮޑަށް މި ސަރުކާރަށް ފާޑު ވިދާޅުވެފަ ވެއެވެ.
އޭގެ އިތުރުން ޖަމީލްގެ ޓުވީޓުގައި މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ސިފަ ކުރައްވާފައި ވަނީ މި ސަރުކާރުގެ ކުށް ފޮރުވަން އެހީވާ އިދާރާއެއްގެ ގޮތުގަ އެވެ.
ޖަމީލު ވަނީ މީގެ ކުރިންވެސް އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލާގައި ބޮޑެތި ތުހުމަތުތައްކޮށް ހުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒިޔަތު ގޭގައި ބައިތިއްބާފަ ތިބިކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފަ އެވެ. އަދި މިއަދު ކުރެއްވި ޓުވީޓުގައި ވެސް ސަރުކާރަށް އަމާޒުކޮށް އެސްއޯއެފް މެދުވެރިކޮށް ޖަރީމާ ހިންގި ދެ މީހުން ގޭގައި ބައިތިއްބާފަ ތިބީ ފައިސާ ހަވާލު ކޮށްގެންތޯ އައްސަވާފައި ވެއެވެ.