ވިޔަފާރި

ޑޮލަރު ބޭރުވުން ހުއްޓުވަން ބީއެމްއެލް އިން އިތުރު ފިޔަވަޅެއް

Dec 16, 2020
7

ރާއްޖޭން ޑޮލަރު ބޭރުވުން ހުއްޓުވުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަނެއްކާ ވެސް އިތުރު ފިޔަވަޅެއް އަޅައިފި އެވެ.

ޑޮލަރު ލިބުން ތާށިވެ ބޭންކިން ސިސްޓަމްގެ ތެރޭގައި ދައުރުވާ ޑޮލަރު މަދުވުމުގެ ސަބަބުން އިގްތިސޯދަށް ލިބިދާނެ ގެއްލުން ކުޑަ ކުރުމަށް، ބީއެމްއެލް އިން މި ފަހަރު އެޅި ފިޔަވަޅާއެކު އޮންލައިން ޓްރާންސްފާ ޕްލެޓްފޯމްތަކާއި ބައެއް ޑިޖިޓަލް ވޮލެޓްތައް ބްލޮކް ކުރުން ހިމެނެ އެވެ.

ބީއެމްއެލް އިން ބުނެފައިވާ ގޮތުގައި މި ބަދަލުގެ ސަބަބުން ރާއްޖޭން ބޭރުގެ އޮންލައިން ޓްރާންސްފާ ކުރަން ބޭނުން ކުރާ ގިނަ ޑިޖިޓަލް ވޮލެޓުތައް ބްލޮކް ވެގެން ދާނެ އެވެ. މިހާރު ބްލޮކް ވެފައިވާ ޑިޖިޓަލް ވޮލެޓުތަކުގެ ތެރޭގައި ސްކްރިލް އާއި ޓްރާންސްފާ ވަޔާ އަދި ބިގް ޕޭ ފަދަ ވޮލެޓުތައް ހިމެނެ އެވެ. މިހާރު މިފަދަ ޕްލެޓްފޯމްތަކުގައި ބީއެމްއެލްގެ ކާޑު ބޭނުމެއް ނުކުރެވޭނެ އެވެ.

އެ ބޭންކުން ބުނި މި ފިޔަވަޅު އަޅަން މަޖުބޫރުވީ، ޑޮލަރު ލިބެން ހުރި މިންވަރު ނުހަނު ބޮޑަށް ދަށްވެފައިވާ ހާލަތެއްގައި ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ފައިސާ ބޭރުވުން ހިފެހެއްޓުމަށާއި އަސާސީ މުދާ ގަންނަން ޑޮލަރު ބެހެއްޓުމަށް ކަމަށެވެ.

ވޮލެޓުތަކުގައި ހުރި ފައިސާ ގެނެވޭނެ

މި ފިޔަވަޅު އެޅި ނަމަވެސް، ބީއެމްއެލް އިން ބުނި ގޮތުގައި ވޮލެޓްތައް ބްލޮކް ކުރި ނަމަވެސް ޑިޖިޓަލް ވޮލެޓުތަކުގައި މިހާރު ހުރި ފައިސާ ރާއްޖޭގެ އެކައުންޓަަށް ގެނެވޭނެ ކަމަށެވެ. އަދި މިގޮތަށް ފައިސާ ގެންނަ ކަސްޓަމަރުންނަށް ލުއި ދިނުމުގެ ގޮތުން ރާއްޖޭން ބޭރުން ގެނެވޭ ފައިސާގެ ތެރެއިން 500 ޑޮލަރު ވުރެ މަދު އަދަދު ތަކުން އެއްވެސް ފީއެއް ނުނަގަން ބީއެމްއެލް އިން ވަނީ ނިންމާފަ އެވެ. އަދި ކާޑުން ކުރެވޭ މުއާމަލާތްތައް ބޭންކުން މޮނީޓަ ކުރަމުންދާ ކަމަށާ، ބޭންކްއަށް ފެނިއްޖެ ހާލަތެއްގައި މިފަދަ މުއާމަލާތްތައް އެއްވެސް އެނގުމަކާ ނުލައި ބްލޮކް ކުރާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެފައިވެ އެވެ.

ރާއްޖޭން ބޭރުވާ ޑޮލަރު ހުއްޓުވަން ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް އަޅަމުން ނުދެ އެވެ. ނަމަވެސް ޑޮލަރު ތާށިވެ ބޭންކިން ސިސްޓަމް "ކޮލެޕްސް" ވިޔަ ނުދިނުމަށްޓަކައި ބީއެމްއެލް އިން ވަނީ މީގެ ކުރިން ވެސް ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ރާއްޖޭން ޑޮލަރު ބޭރުކޮށް، އެ ގެނެސް މާރުކޮށްގެން ވިޔަފާރިކުރާ ބައެއް ސައިޓުތައް ވަނީ ބްލޮކް ކޮށްފަ އެވެ.