ދުނިޔެ

ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރާނަން: ލަވްރޯފް

އަރަބި ދައުލަތްތައް އިޒްރޭލާ ގުޅުން ބަދަހި ކުރަމުން އަންނައިރު، ފަލަސްތީނުގެ މަސްލަހަތަށް ރިއާޔަތް ނުކޮށް ދޫކޮށްލެވިގެން ނުވާނެ ކަމަށް ރަޝިއާގެ ފޮރިން މިނިސްޓަރު، ސަރްގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ފޮރިން މިނިސްޓަރު، ޝެއިހު އަބްދުﷲ ބިން ޒައިދު އަލް ނަހްޔާންއާ ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާގަ އެވެ.

"ފަލަސްތީނާ މެދު ޔޫއޭއީން ގެންގުޅޭ ވިސްނުމަށް އަހަރެމެންގެ ތާއީދު އެބަ އޮތް،" ލަވްރޯފް ވިދާޅުވި އެވެ. "އިޒްރޭލާއެކު ގުޅުން ބަދަހިކުރާ އަރަބި ދައުލަތްތައް އަންނަނީ އިތުރުވަމުން. އެހެން ނަމަވެސް ފަލަސްތީން ސަފުން ބޭރުކޮށް ހަނދާން ނައްތާލެވިގެން ނުވާނެ ކަމަށް އަޅުގަނޑުމެއް އަބަދުވެސް ދަންނަވާނަން"

ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަންވާނެ ކަމަށާއި، މަޝްވަރާ ކުރެވެން ވާނީ އދ. ގެ ގަރާރުތަކާ ފުށުނާރާ ގޮތަށް ފަލަސްތީނަށް ރައްކާތެރިކަން ކަށަވަރުކުރެވޭ ގޮތަށް ކަމަށް ވެސް ލަވްރޯފް ވިދާޅުވި އެވެ. ފަލަސްތީނާ އިޒްރޭލަށް ވެސް މިނިވަންކަމާ ރައްކާތެރިކަމާއެކު އުޅެވެންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަވްރޯފް ވިދާޅުވީ މިސްރާއި ސައޫދީ އަރަބިއްޔާ އަދި ޖޯޑަންއާ ޔޫއޭއީ ގުޅިގެން މަޝްވަރާ ގުރޫޕެއް އުފައްދަން ފެނިވަޑައިގަންނަވާ ކަމަށް ޝެއިޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާން އަށް ދެންނެވި ކަމަށެވެ.

މެދުރިއިރުމަތީގައި ސުލްހަ ގާއިމުވުމަށް އެދިވަޑައިގަންނަވާ ކަމަށް ލަވްރޯފް ވިދާޅުވި އެވެ. އިޒްރޭލަން މިނިވަން ދައުލަތެއް ބޭނުންވާ ފަދައިން ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް އޮންނަންވާނެ ކަމަށް ވަކާލާތުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.