އެމްޓީސީސީ

އެމްޓީސީސީން ފުވައްމުލަކާއި ހުޅުދެލީގެ މައުލޫމާތު ދީފި

Dec 17, 2020

ދ. ހުޅުދެލީ ބަނދަރާއި ފުވައްމުކަލު ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް ހިނގާ ގޮތް އެމްޓީސީސީން ކިޔައިދީފި އެވެ.

އެމްޓީސީސީން ބުނީ ހުޅުދެލީ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި، އިތުރު ވަސީލަތްތަކާއި ތަކެތި ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ރަށުގައި 42،149 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރާނެ އެވެ. އަދި 3217 ކިއުބިކް މީޓަރުގެ މިހާރު ބޭނުންކުރަމުންދާ ސަރަޙައްދު ވެސް ފުންކުރާ އިރު 329 މީޓަރަށް އެއްގަމު ތޮށި ލުމާއި، 189 މީޓަރަށް ބޭރު ތޮށިލުމާއި، 252 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. އަދި މަގު ބައްތި ޖަހައި 1،645 އަކަ މީޓަރަށް ޕޭވްމަންޓް ހަދާނެ އެވެ.

ދެކުނުގެ ފުވައްމުލަކު ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ވެސް އެމްޓީސީސީން މިއަދު ބުންޏެވެ. އަދި މަސައްކަތް ޝެޑިއުލާއި އެއްގޮތަށް ނިންމަން މިހާރު ރޭގަނޑު ވެސް މަސައްކަތް ކުރެ އެވެ.

އެ ސިޓީގައި 122،659 އަކަ މީޓަރުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރަށް ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ޖަގައި މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރަށް ފެންހިންދާ ނިޒާމެއް ގާމުކުރުމުގެ މަސައްކަތް ކުރާނެ އެވެ.