އެފްއޭއެމް

އެންމެބޮޑު ރަށުގައި އެކެޑެމީ ހިންގަން އެފްއޭއެމުން އެއްބަސްވެއްޖެ

ގުދުރަތީ ގޮތުން އުފެދިފައިވާ، ރާއްޖޭގެ މީހުން ދިރިއުޅޭ އެންމެ ބޮޑު ރަށް، ލ. ގަމުގައި ފުޓްބޯޅަ އެކެޑެމީ ހިންގަން އެފްއޭއެމުން ސޮއި ކޮށްފި އެވެ.

މި އެކެޑެމީ ގާއިމު ކުރަނީ، ގަމު ކައުންސިލާއި އެފްއޭއެމް ގުޅިގެންނެވެ. އެކެޑެމީގައި މަސައްކަތް ކުރުމަށް ކޯޗުން ތަމްރީން ކުރާނީ އެފްއޭއެމުންނެވެ. އަދި އެކެޑެމީއާ ގުޅުން ހުރި އެހެންނިހެން ފަންނީ އެހީތެރިކަންވެސް އެފްއޭއެމުން ފޯރު ކޮށްދޭނެ އެވެ.

ލ. ގަމަކީ އަންހެން ފުޓްބޯޅައިގައި ފޯރިގަދަ ރަށެކެވެ. އެފްއޭއެމުން 2014 އަދި 2015 ގައި ބޭއްވި އަންހެން ފުޓްބޯޅަ މުބާރާތުގައިވެސް ގަމަށް ނިސްބަތްވާ ސޮސައިޓީ ފޯ ތުނޑި އެޑްވާންސްމެންޓް އެންޑް ރެކްރިއޭޝަން (ސްޓާ) އިން ވަނީ ބައިވެރިވެފަ އެވެ.

ލަންކާގެ ގައުމީ ޓީމުގެ ކުރީގެ ކޯޗް ފަކީރު އަލީ، އެ ގައުމުގެ ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން މަސައްކަތް ކުރީ ގަމުގައި ހިންގި ފުޓްބޯޅަ އެކެޑެމީއެއްގަ އެވެ. މިހާރު އެ ރަށުގައި އެކެޑެމީގެ ހަރަކާތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދެ އެވެ.

ގަމަށް، ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ، ޓީސީގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) އެވެ.