ހަސަން ރޫހާނީ

ޓްރަމްޕަށް ވެރިކަން ގެއްލުމަކީ އުފާލުރާކަމެއް: އީރާން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރު ޓާމަކަށް އެދިވަޑައިގެން ހުންނަވަނިކޮށް ރައީސްކަން ގެއްލިވަޑައިގަތުމަކީ އުފާ ކުރައްވާ ކަމެއް ކަމަށް އިރާންގެ ރައީސް، ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ. އެމެރިކާގެ ރައީސް ކަމުގައި ޓްރަމްޕް ހޭދަކުރެއްވި ހަތަރު އަހަރު އީރާނަށް ވެފައި ވަނީ ދަތި އުނދަގޫ ދުވަސްތަކަކަށެވެ.

އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެން ހުންނެވި ޖޯ ބައިޑަން ވިދާޅުވެފައި ވަނީ އީރާނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ ކޮންމެ އަގެއްގައި ވެސް ހުއްޓުވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"ބައެއްމީހުން ބުނޭ ބައިޑަން އަށް ރައީސްކަން ލިބުމަކީ އީރާން އުފާކުރާ ކަމެއް ކަމަށް،" ޓީވީން ދެއްކި ކެބިނެޓް ބައްދަލުވުމެއްގައި ރޫހާނީ ވިދާޅުވި އެވެ. "އުފަލެއް ނުކުރަން؛ އެކަމަކު ޓްރަމްޕަށް ފުރުސަތު ގެއްލުމަކީ ހަމަ ހަގީގަތުގައި ވެސް ވަރަށް އުފާކުރާ ކަމެއް"

އެމެރިކާގެ ރައީސް ކަމަށް ބައިޑަން ހޮވި ވަޑައިގެންފައި ވި ނަމަވެސް، ޓްރަމްޕް އަދި ވެސް އެކަން ގަބޫލުފުޅެއް ނުކުރައްވަ އެވެ. އެމެރިކާގެ ރައީސަކަށް ދެން ވެ ވަޑައިގަންނަވާނީ ބައިޑަންކަން، އިލެކްޓޯރަލް ކޮލެޖް ވޯޓުން ވެސް ވަނީ ޔަގީންވެފަ އެވެ. ބައިޑަން ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާ ރަސްމިއްޔާތު އޮންނާނީ ޖެނުއަރީ 20 ގަ އެވެ.

ޓްރަމްޕްގެ ޒައާމަތުގައި އީރާނާއެކު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އަނެއްކޮޅުން ނިއުކްލިއާ މަޝްވަރާތަކުން އެމެރިކާ 2018 ގައި ވަކިވެ، އީރާނަށް ދަތިކުރަން އެޅުއްވި ފިޔަވަޅުތަކުން އަރައިގަތް ދިލަ އަދި ވެސް މަޑުނުވެ އެވެ.

ޓްރަމްޕްގެ އަމުރަށް އެމެރިކާ ސިފައިން ވަނީ އީރާންގެ ސީނިއާ ޖެނެރަލް، ގާސިމް ސުލައިމާނީ އަވަހާރަކޮށްލާފަ އެވެ. ރޫހާނީ ވިދާޅުވި ގޮތުގައި ކޮވިޑަށް ވެކްސިން ހޯދަން އީރާނުން ކުރި މަސައްކަތްތަކަށް ވެސް ޓްރަމްޕް ވަނީ ހުރަސްއަޅުއްވާފަ އެވެ.